ތިން ކްރޫޒްލައިނާއަކުން ރާއްޖެ އައިސްފައިވާ 4400 އަށް ވުރެ ގިނަ މީހުންގެ ކޯވިޑް-19 އަށް ސްކްރީންކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތް ތިން ކްރޫޒްލައިނާއެއްގައި ތިބި 4478 މީހުންގެ ތާމަލް ސްކޭނިން އެއް ހަދާފައިވާ ކަމަށެވެ.
އިއްޔެ ސްކްރީން ކޮށްފައި ވަނީ މާކޯ ޕޯލޯގައި ތިބި 341 ފަސިންޖަރުންނާއި، 643 ކްރޫ އެވެ. އޭގެ ތެރެއިން އަށް މީހެއްގެ ގައިން ހުމުގެ އަސަރު ފެނުނު ނަމަވެސް، ސްކްރީން ކުރި އެއްވެސް މީހަކު ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރު ކޮށްފައި ނުވާ ކަމަށާއި އަދި އެކަހެރި ކުރަން ޖެހޭ ކްރައިޓީރިއަށް ނުފެތޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތް ނޯޓިކާގައި ތިބި 1034 މީހަކު ވެސް އިއްޔެ ވަނީ ސްކްރީންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނީ 399 ފަސިންޖަރުންނާއި 634 ކްރޫ މެމްބަރުންނެވެ.
އެޗްޕީއޭއިން ބުނީ އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން ހުމުގެ އަސަރު ފެނިފައިވަނީ ދެ މީހެއްގެ ގައިން ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ކޯސްޓާ ވިކްޓޯރިއާގައި ތިބި 2460 މީހުން ސްކްރީން ކުރިއިރު، 12 މީހަކުން ހުން އައިސް ތިބިކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި އެއްވެސް މީހަކު އެކަހެރިކުރަންޖެހޭ މިންގަނޑުތަކަށް ފެތިފައި ނުވާކަމަށް ވެސް އެޗްޕީއެން ވަނީ ބުނެފަ އެވެ.
ކްރޫޒްލައިނާތަކުން އައި މީހުންގެ ތާމަލް ސްކޭނިން ހަދާފައި ވާއިރު ރާއްޖެއިން ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް މިހާރު ވަނީ ހަދައިފަ އެވެ. މި ބަލި ޖެހިފައިވާ އެއްވެސް މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައެއް ނުވެ އެވެ.