ކުޑަ އުޖޫރަ: 6،400 ރުފިޔާ، ޓޫރިޒަމަށް 8،600އާ ހަމައަށް

ޖޫން 27، 2019: "ތައިލެންޑް ބިޒްނަސް މެޗިން ފޯރަމް 2019ގެ ތެރެއިން: މި ފޯރަމްގައި ތައިލެންޑްގެ 27 ކުންފުންޏަކުން ބައިވެރިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވައިފި އެވެ.

މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި މިނިމަމް ވޭޖު ކަނޑައަޅާއި އިއުލާނުކުރައްވާނެކަމަށް ވިދާޅުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ހަފްތާގައި ވަނީ، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ ލަފާ ހިމެނޭ ރިޕޯޓު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވެސް އާންމުކޮށްފައިވެ އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ބޯޑުން ލަފާ ދިން އަދަދު ކަނޑައެޅުމަށްޓަކައި ދެ ސިނާރިއޯއަކަށް ރިއާއަތްކުރި އެވެ. އެއީ ގޭބިސީއެއްގެ ޒަރޫރީ ބޭނުންތަކާއި، ރާއްޖޭގެ އިގްތިސާދީ ހާލަތެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގައި ލަފާދޭ ބޯޑުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިނިމަމް ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައެޅުމުގައި އެ ބޯޑުން ބަލާފައިވަނީ ގޭބިސީއެއްގެ ކޮންސަމްޕްޝަން ޔުނިޓަކުން ކެއިންބުއިމާއި ޒަރޫރީ ބޭނުންތަކަށް ކުރާ ހަރަދާއި، ގޭބިސީގެ ސައިޒުގެ އިތުރުން ގޭބިސީގައި އުޅޭ މަސައްކަތްތެރީންގެ އަދަދަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ގޭބިސީއާއި އާމްދަނީ އާއި ހަރަދުގެ ސާވޭ (ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ 2016) ދައްކާ ގޮތުން ގޭބިސީއެއްގެ އެވްރެޖް ސައިޒަކީ 5.3 މީހުންނެވެ. ވެއިޓެޑް އެވަރޭޖެއްގެ ގޮތުގައި ބޯޑުން ކަނޑައެޅީ 4.2 މީހުން ކަމަށެވެ. އަދި އެ ސާވޭ ދައްކާ ގޮތުގައި އެވަރެޖްކޮށް ކޮންމެ ގޭބިސީއެއްގައި އުޅެނީ ވަޒީފާ އަދާކުރާ ދެ މީހުން ކަމަށެވެ.

މިނިމަމް ވޭޖު ބޯޑުން ފާހަގަކުރި ކަންކަން

  • ގޭބިސީއެއްގައި 4.2 މީހުން ތިބޭ (ވެއިޓެޑް އެވަރެޖް، އާމްދަނީއާއި ހަރަދުގެ ސާވޭ 2016)
  • ގޭބިސީއެއްގައި ވަޒީފާ އަދާކުރާ ދެ މީހުން ތިބޭ (އެވަރެޖް، އާމްދަނީއާއި ހަރަދުގެ ސާވޭ 2016)
  • ދުވާލަކަށް ބޭނުންވާ ކާނާ (2،400 ކެލޮރީ) ހޯދުމަށް މަދުވެގެން 840 ރުފިޔާ ބޭނުންވޭ
  • ކުލީގެ ހަރަދަށް މަދުވެގެން 1،486 ރުފިޔާ ބޭނުންވޭ
  • ކުލި ނުހިމެނޭގޮތަށް ޒަރޫރީ ހަރަދުތަކަށް 926 ރުފިޔާ ބޭނުންވޭ
  • ޒަރޫރީ ނޫން ބޭނުންތަކަށް 732 ރުފިޔާ

މި އަދަދުތަކަށް ރިއާޔަތްކުރުމަށްފަހު ބޯޑުން ނިންމީ ޒަރޫރީ ބޭނުންތަކަށް އެކަނި ރިއާއަތްކުރާނަމަ މިނިމަމް ވޭޖަކަށް ވާންޖެހޭނީ 5،777 ރުފިޔާއާ 8،662 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ. ރާއްޖޭގައި މިވަގުތު އިންފްލޭޝަނަށް އެޖަސްޓްކުރުމުން އެ އަދަދު ޖެހެނީ 6،008 ރުފިޔާއާ 8،981 ރުފިޔާއަށެވެ.

އިގްތިސާދީ މިންގަނޑުން އެ ބޯޑުން ބަލާފައިވަނީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެއްގޮތް ގައުމުތަކުގައި މިނިމަމް ވޭޖު ކަނޑައަޅާފައިވާ ގޮތަށާއި، ޕަވަޓީ ލައިން ނުވަތަ ފަގީރުކަމުގެ މިންގަނޑަށާއި، އަދި ކައިޓްޒް އިންޑެކްސްއަށެވެ.

  • ކައިޓްޒް އިންޑެކްސްގެ މިންގަނޑުން މިނިމަމް ވޭޖަކީ 3،183 ރުފިޔާ
  • ރާއްޖެއާ އެއްގޮތް ކުދި ޖަޒީރާ ގައުމުތަކުން ބަލާ މިންގަނޑުތަކަށް ބަލާއިރު، މިނިމަމް ވޭޖަކީ 4،761 ރުފިޔާއާއި 6،292 ރުފިޔާއާ ދެމެދުގެ އަދަދެއް.
  • ޕަވަޓީ ލައިނަށް ބަލައި، މިނިމަމް ވޭޖަކީ 6،774 ރުފިޔާ

އެ ބޯޑުން ބުނި ގޮތުގައި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް (އިންޓަނޭޝަނަލް ސްޓެންޑަޑް އިންޑަސްޓްރިއަން ކްލެސިފިކޭޝަނާ އެއްގޮތަށް) ބެލި ބެލުމުން ދެއްކީ މިނިމަމް ވޭޖުގެ ގޮތުގައި ރުފިޔާގެ ގޮތުގައި ކަނޑައަޅައިފިނަމަ އިގްތިސޯދުގައި މަސައްކަތްކުރާ މީހުންގެ 24 ޕަސަންޓު މީހުންނަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި 5،500 ރުފިޔާ ކަނޑައަޅައިފިނަމަ 33 ޕަސަންޓު މިހުންނަށް، 6،000 ރުފިޔާ ކަނޑައަޅައިފިނަމަ 43 ޕަސަންޓު މީހުންނަށް އަދި 8،000 ރުފިޔާއާ ހަމައަށް ކަނޑައަޅާއިފިނަމަ 62 ޕަސަންޓު މީހުންނާ ހަމައަށް އަސަރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި ހޯލްސޭލް/ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ބޯޑުން ނެގި ސާވޭއަކުން ދެއްކި ގޮތުގައި 47 ޕަސަންޓު ވިޔަފާރިތަކުން ތާއީދުކުރަނީ މިނިމަމް ވޭޖުގެ ގޮތުގައި 200 ޑޮލަރާއި 300 ޑޮލަރާ ދެމެދުގެ އަދަދެއް ކަނޑައަޅާށެވެ. އަދި 300 ޑޮލަރަށްވުރެ މަތިން ކަނޑައަޅަން ފެންނަކަމށް ބުނީ 21 ޕަސަންޓު ވިޔަފާރިތަކެވެ.

މި ނޫންވެސް އެކި ކަންކަންވެސް ބަލައި، ގޭބިސީއެއްގެ ޒަރޫރީ ބޭނުންތަކުގެ ހަރަދާއި އިގްތިސާދަށް ކުރާނެ އަސަރުތަކުގެ މައްޗަށް ރިއާއަތްކުރުމަށްފަހު މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާ އެރުވުމަށް ނިންމީ ނޭޝަނަލް މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ ކަނޑައަޅާށެވެ. އެއީ މަހެއްގެ 26 ދުވަހު، ދުވާލަކު އަށް ގަޑިއިރަށް ބަލާއިރު ގަޑިއިރަކަށް 30.77 ރުފިޔާގެ ރޭޓެވެ.

މިނިމަމް ވޭޖަކީ ހަމައެކަނި މުވައްޒަފުގެ އަސާސީ މުސާރަ ކަމަށް ފެންނަކަމަށްވެސް ބޯޑުން ލަފާ ދިނެވެ. އަދި ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަށް ތަފާތުކުރުމެއް ނެތި މިނިމަމް ވޭޖުގެ ނިޒާމުގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހި މުވައްޒަފުންނެކޭ އެއްގޮތަށް ބިދޭސީ މުވައްޒަފުންނަށްވެސް މިނިމަމް ވޭޖު ދޭން ފެންނަކަމަށް ބޯޑުން ބުންޏެވެ. ނަމަވެސް ބިދޭސީން ކަނޑައެޅުމަށް މޮރެޓޯރިއަމް ޕީރިއަޑެއްގެ ގޮތުގައި 1 އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ދޭން ބޯޑުން ލަފާ ދީފައިވެއެވެ.

މީގެ އިތުރުން މިނިމަމް ވޭޖު ބޯޑުން ބުނެފައިވަނީ ވަކިވަކި ދާއިރާތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފުން (ސިވިލް ސާވިސް މުފައްޒަފުން)ނަށް ވަކި މިނިމަމް ވޭޖެއް ކަނޑައަޅަން ފެންނަ ކަމަށެވެ. އެގޮތުން އެ އަދަދަކަށް ހުށަހަޅާފައިވަނީ ނޭޝަނަލް މިނިމަމް ވޭޖު ކަމުގައިވާ 6،400 ރުފިޔާއާއި، ގޭބިސީގެ ޒަރޫރީ ބޭނުންތައް ރިއާއަތްކުރާއިރު ބޯޑަށް ފާހަގަކުރެވުނު ރޭޓު ކަމުގައިވާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް މިނިސްޓަރު ކަނޑައެޅުއްވުމަށެވެ.

މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މިނިމަމް ވޭޖު ރިވައިސްކުރާށެވެ.

comment ކޮމެންޓް