ރޮބާޓް ޕެޓިންސަން އާއެކު ބެޓްމޭން ޝޫޓިން ފަށައިފި

އާ ބެޓްމޭންގެ ޝޫޓިންގެ ތެރެއިން ---

ޑީސީގެ މަޝްހޫރު ސުޕަހީރޯ ކެރެކްޓަރު ކަމަށްވާ ބެޓްމޭންގެ ރޯލަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބާޓް ޕެޓިންސަން ހަމަޖައްސައި، އާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

އާ ބެޓްމޭންގެ ރޯލަށް ރޮބާޓް ހަމަޖެއްސުމުން ގިނަ ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ނަމަވެސް ފިލްމު ފެނުމުން ނޫނީ ފަންނާނަށް ފާޑު ނުކިޔުމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެ ފިލްމުގެ ޝޫޓިން ފަށާފައިވަނީ ސްކޮޓްލޭންޑުގެ ސިޓީއެއް ކަމަށްވާ ގްލަސްގޯގައެވެ. މައުލޫމާތު ލިބޭގޮތުގައި ބެޓްްމޭން އުޅޭ "ގޮތަމް" ސިޓީ ދައްކުވައިދޭނީ ސްކޮޓްލޭންޑުގެ މަންޒަރުތަކުންނެވެ.

ފިލްމުގެ ކާސްޓާއި ކްރޫގެ ބައެއް މެމްބަރުންނާއެކު ގްލަސްގޯގެ ކެތީޑްރަލް ކައިރީގައި ފިލްމުގެ ޝޫޓިންގެ މަސައްކަތުގައި އުޅެނިކޮށް ގްލަސްގޯގެ ބައެެއް ފަރާތްތަކަށް ވަނީ ފެނިފައެވެ.

ރޮބާޓް ޕެޓިންސަން ފިލްމުގެ ޝޫޓިން ލޮކޭޝަނުން ފެންނަން ނެތް ނަމަވެސް އޭނާގެ ސްޓަންޓް ޑަބަލް އެތަނުގައި ހަރަކާތްތެރިވި ކަމަށް އެއްބައި ފަރާތްތަކުން ބުންޏެވެ.

ޑީސީގެ އެންމެ މަޝްހޫރު ކެރެކްޓަރު ބެޓްމޭންގެ ރޯލަށް މީގެކުރީން ވަނީ ތަފާތު ފަންނާނުން ހަމަޖައްސާފައެވެ. އެގޮތުން އެންމެ ފަހުން ބެޓްމޭންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ބެން އެފްލެކް އެވެ.

އާ ބެޓްމޭންގެ ޓީޒަރެއް ދާދި ފަހުން ވަނީ އާންމުކޮށްފައެވެ. އޭގައި ރޮބާޓްގެ ބެޓްމޭން ކޮސްޓިއުމް ދައްކާލާފައިވެއެވެ. ބެޓްމޭން ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގައެވެ.

comment ކޮމެންޓް