ލެވަންޓޭއިން ރެއާލް ސިއްސުވާލިއިރު، އަނެއްކާވެސް ހަޒާޑްއަށް އަނިޔާވެއްޖެ

ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ހަޒާޑްއަށް އަނިޔާވުމުން އޭނާ ބަދަލު ކުރަނީ---

ލެވަންޓޭއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑު ކުޅުނު މެޗުން އެ ޓީމު ބަލިވެ ލަލީގާ ތާވަލުގެ އެއްވަނަ މަގާމު އަލުން އަބުރާ ހޯދުމަށް ލިބުނު ފުރުސަތު އެޓީމަށް ގެއްލިއްޖެއެވެ.

ލަލީގާ ތާވަލުގެ 10 ވަނައިގައި އޮތް ލެވަންޓޭއިން ރެއަލްގެ މައްޗަށް އެ މެޗުގައި ކުރި ހޯދީ 79 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ހޯހޭ ލުއިސް މޮރާލޭސް ކާމިޔާބުކޮށްދިން ލަނޑާއިއެކު 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ކޮންޓްރޯލްކޮށް ރަނގަޅު އެތައް ފުރުސަތުތަކެއް ރެއާލްއިން އުފެއްދިއިރު އެޓީމަށް ވަނީ އޭގެން ފުރުސަތެއް ލަނޑަކަށް ބަދަލުކުރެވޭ ގޮތް ނުވެފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްގެ ބެންޒީމާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު އޭނަގެ ޝޮޓު ލެވަންޓޭގެ ކީޕަރު އައިޓޯ ފާރނެންޑޭޒް ވަނީ ފަސޭހަކަމާއިއެކު މަތަކޮށްފައެވެ.

އަދި 53 ވަނަ މިނެޓުގައި އެޑެން ހަޒާޑްއަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު ބޯޅަ ކޮންޓްރޯލް ކުރުމުގައި ކުރިމަތިވި ދަތިތަކާއިއެކު ހަޒާޑް ޖެހި ޝޮޓުގައި މާ ބޮޑު ނުރައްކަލެއް ނެތެވެ. ރެއާލްއަށް ލަނޑުޖެހުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު ލެވަންޓޭއިންވެސް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ.

ނަތީޖާއަކަށް ވެގެންދިޔައީ 67 ވަނަ މިނެޓުގައި ކެޕްޓަން މޮރާލޭސްއަށް ރެއާލްގެ ޑިފެންސް ލައިންގެ ބޯ މަތިން ލިބުނު ބޯޅައިން މެޗުގެ ހަމައެކަނި ލަނޑު ލެވަންޓޭއަށް ކާމިޔާބުކޮށްދިނުމެވެ.

ސީޒަނުގައި މުހިންމު މެޗުތަކެއް ކުރިއަށް އޮތް އިރު، ހަޒާޑްއަށް އަނެއްކާވެސް އަނިޔާވެފައިވާ އިރު، މި މެޗުގެ ނަތީޖާއާއިއެކު ރެއާލްގެ ކޯޗު ޒިދާން ނުތަނަވަސްވާންވީ އެތައް ސަބަބުތަކެއް ފެންމަތިވެގެންދިޔައެވެ. މެޗުގެ 67 މެނިޓުގައި އެޑެން ހަޒާޑްއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނު އިރު އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ހަޒާޑްއަށް ސީރިއަސް އިންޖަރީއެއް ކުރިމަތިވެފައިވާފަދަ މޭރުމަކުން ވާހަކަދައްކައިފައެވެ.

ކުރިއަށް މި އޮތް ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ރެއާލްއިން މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ނިކުންނައިރު، ރެއާލްއާއި ބާސެލޯނާގެ ވަރުގަދަ ކުރިމަތިލުންވެސް އޮތީ ހަމަ މި ހަފްތާތެރޭގައެވެ. ރެއާލްގެ ފޯވަޑް ލައިންގެ ނުރައްކާ ކުޑަވެފައިވާ މި ދަނޑިވަޅަކީ މުހިންމު މެޗުތަކެއްވެސް ކުރިއަށް އޮތް ދުވަސްވަރެކެވެ.

ލަލީގާގެ އެއްވަނަ މަގާމު ރެއާލްއަށް އަނެއްކާވެސް ގެއްލިފައިވާއިރު ލެވަންޓޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްއިން ކުޅުނު ކުޅުމަކީ މެންޗެސްޓާރ ސިޓީ އަދި ބާސެލޯނާ ފަދަ ޓީމުތައް ކައިރީގައި ހިތި ނަތީޖާއެއް ލިބިދާނޭފަދަ ކުޅުމެކެވެ.

comment ކޮމެންޓް