ޔުވެންޓަސް މޮޅުވި އިރު ރޮނާލްޑޯއަށް އަނެއްކާވެސް ރެކޯޑެއް

ސްޕަލްއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ

އިޓާލިއަން ލީގުގައި ރޭ ސްޕަލް އަތުން ޔުވެންޓަސް މޮޅުވި އިރު އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑުތަކެއް ހަދައިފި އެވެ.

ރަށުން ބޭރުގައި ސްޕަލްއާ ދެކޮޅަށް ރޭ ޔުވެންޓަސް ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 1-2 ގެ ހަނި ނަތީޖާއަކުންނެވެ. އެ މޮޅާ އެކު 25 މެޗުން 60 ޕޮއިންޓް ހޯދައި ދެވަނައިގައި އޮތް އިންޓަ މިލާނާއި ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް ޔުވެންޓަސްއިން ވަނީ ގާއިމުކޮށްފަ އެވެ. އެކަމަކު ކުރިއަށް އޮތް މެޗުން އިންޓަ މޮޅުވެއްޖެ ނަމަ ތިން ޕޮއިންޓަށް ފަރަގު ކުޑަ ވާނެ އެވެ.

ރޭގެ މެޗު ހުރިހާ ގޮތަކުން ވެސް ހާއްސަ ވެގެން ދިޔައީ ޔުވެންޓަސްގެ ޕޯޗުގަލް ތަރި ރޮނާލްޑޯއަށެވެ. ފުޓުބޯޅަ ހަޔާތުގެ 1000 ވަނަ މެޗަށް އޭނާ ރޭ ނުކުން އިރު ޔުވެންޓަސްއަށް ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިދިނީ ވެސް ރޮނާލްޑޯ އެވެ. މި ގޯލަކީ އޭނާ ފުޓުބޯޅަ ހަޔާތުގައި ޖެހި 725 ވަނަ ޕްރޮފެޝަނަލް ގޯލެވެ.

ސްޕަލްއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ

މީގެ އިތުރުން ރޭގެ މެޗަކީ އިޓާލިއަން ލީގުގައި ވިދިވިދިގެން ރޮނާލްޑޯ ގޯލު ޖެހި 11 ވަނަ މެޗެވެ. އަދި ރޭގެ މެޗުގައި ޖެހި ގޯލާ އެކު އޭނާ ވަނީ 1994-1995 ވަނަ ސީޒަނުގައި ފިއޮރެންޓީނާގެ ލެޖެންޑް ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑާ އެއްހަމަ އަކަށް ޖެހިލައިފަ އެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯއަށް އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު އޮތް އިރު އަންނަ މެޗުގައި ޔުވެންޓަސް ވާދަކުރާނީ އެ ޓީމާއި މިވަގުތު އެންމެ ވާދަވެރި އިންޓަ މިލާނާ ދެކޮޅަށެވެ.

ޔުވެންޓަސްއިން ރޭގެ މެޗުގައި ޖެހި ދެވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ވިލާތުގެ އާސެނަލަށް ކުޅުމަށްފަހު މި ސީޒަނަށް އެ ޓީމާ ގުޅުނު ވޭލްސްގެ މިޑްފީލްޑަރު އާރޯން ރަމްސޭ އެވެ. ސްޕަލްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ އަންޑްރޭ ޕެޓަނާ އެވެ.

comment ކޮމެންޓް