ގިނަ ތުހުމަތުތަކެއްކޮށް ގަޑިއެއްހާއިރު މުއިއްޒާ ސުވާލުކޮށްފި

ފެބްރުއަރީ 22، 2020: ކުރީގެ ހައުސިންގ މިނިސްޓަރު މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރުން-- ސަން ފޮޓޯ / އަހްމަދު ސައީދު

ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ގިނަ ތުހުމަތުތަކެއްކޮށް ގަޑިއެއްހާއިރު ވަންދެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ފުލުހުން ސުވާލުކޮށްފިއެވެ.

ޑރ. މުއިއްޒާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި އޭނާ އަމަލުކުރެއްވި ގޮތާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައެކެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ގިނަ ތުހުމަތުތަކެއްކޮށް ގަޑިއެއްހާއިރު އޭނައާ ފުލުހުން ސުވާލު ކުރި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ފުލުހުން ޑރ. މުއިއްޒުގެ މައްޗަަށް ކުރެއެވެ.

ޑރ. މުއިއްޒު މިރޭ ވިދާޅުވީ، އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމާ ގުޅުމެއް އޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އިންތިހާބެއް ކުރިމަތިވެފައި އޮއްވާ އިންތިހާބެއްގައި ވާދަ ކުރާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ވާދަ ކުރުމުގެ ފުރުސަތު ނުދީ އިންތިހާބުގައި ވާދަ ކުރާ ފަރާތްތައް އެކަހެރި ކުރުމަށްޓަކައި މަަަސައްކަތް ކުރުމަކީ ޑިމޮކްރެސީގެ ރީތި ސިފައެއް ނޫނޭ. އެއީ ހުދުމުހުތާރުކަމުގެ ސިފައެކޭ،" މިރޭ އޮތް ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގިޔަސް މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމުގެ އަޒުމާއިގެން ކުރިއަށްވަޑައިގަންނަވާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް