މަ ލޯތްބެއް ދެން ނުވާނަމޭ... -23

"ބްރޯ... ހިނގާ ދާން" އިޔާންއަށް ގޮވާލަމުން ޒަލަފް ބުނެލިއިރު އޭނާގެ އަޑުގައި ހަރުކަށިކަންވެ އެވެ. ހަމަހޭވެރިކަން ވި އިޔާން ސައިކަލު ދުއްވާލަމުން ސްޕީޑް ބާރުކޮށްލި އެވެ. ޒާނާ ފެނި އޭނާގެ މޫޑު އެކީ ހަރާބުވެއްޖެ އެވެ.

"އޭތް... މަޑުން ދުއްވަބަލަ... މަ މާ ރުޅިއާދޭ އޭނަ ދެކެ... އެކަމަކު ތިވަރެއް ނުވޭ ކަންނޭގެ" ޒަލަފް އިޔާންގެ ކޮނޑުގައި ޖަހާލި އެވެ.

ދެމީހުން އެކުގައި ދިޔައީ ގެއަށެވެ. *** އެމީހާ އިޔާން ގާތު އަންނަން ބުނެފައި އޮތް ދުވަހަށް ނައުމާ އެކު އިޔާން ހީކުރީ އެ ކުޅިވަރު ނިމުނީކަމުގަ އެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އޭނާއަށް ލިބިގެން ދިޔަ އެވެ. އެހެންނަމެސް އޭގެ ދެ ހަފްތާ ފަހުން އެމީހަކު އަނެއްކާ އިޔާން އާ ބައްދަލުކުރަން ދިޔަ އެވެ. ފުރަތަމަ ފެނިލުމުން އެކަނި ވެސް އޭނާއަށް އެއީ ކީއްވެކަން ނަގައިގަނެވުނެވެ. މޫނުމަތީގެ ތަންނަން ނޫފައި ގަނެފައި ހުރި އިރު އަތުގައި ވަނީ ޕްލާސްޓަރު އަޅައިފަ އެވެ. އެމީހާ ބުނި އަދަދަށް ފައިސާ ދޭން އިޔާން އެއްބަސްވީ އައިރީންގެ ހައްގުގައެވެ. އެމީހާ އިޔާން ގާތު އެދުނީ މާފަންނު ކޮޅުގައި ހުންނަ ފަޅު އިމާރާތެއްގެ ތެރެއިން ބައްދަލުކުރުމަށެވެ.

"އަހަރެންނަށް ކޮން ޔަޤީންކަމެއް އޮންނާނީ ކަލޭ މަށަށް ކަމެއް ނުކުރާނެ ކަމުގެ..." އިޔާން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ސުވާލުކޮށްލި އެވެ.

"ހެހެ. އިތުބާރެއް ނުކުރެވޭ ދޯ... އަހަންނާ އެހެން ފައިސާ ހަވާލުކުރަން މި ބުނީ އެހެން އެއްވެސް މީހަކަށް އެނގެން ބޭނުންނުވާތީ... މިހާރު ވެސް އަހަރެން ފަހަތުން ދުވާ މީހުން މަދެއްނޫނޭ" އޭނާ ބޯ ކަހާލި އެވެ.

އެރޭ އޭނަ އެބުނާ ތަނަކުން ބައްދަލުކޮށްފައި ފައިސާ ހަވާލުކުރަން އިޔާން އެއްބަސްވި އެވެ. *****

ދިހައެއްޖަހާ ބޮޑޫވެއްޖެ އެވެ. އިޔާން ގޭން ނުކުތީ ކުޑަ ބްރިފްކޭހެއް ހިފައިގެންނެވެ. އޭނާ ދާން ފެށުމުން އައިރީންގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް އިޔާންއާ ސުވާލު ނުކޮށް މަޑުކޮށްލީ އިޔާން ކުރާ ކަންތަކާ ބެހެން ބޭނުންނުވާތީ އެވެ.

ކޮންމެއަކަސް އިޔާން ނުކުމެގެން ދިޔުމާ އެކު އައިރީން އަވަސްވެގަތީ ދާވެފައި ހުރި އެއްޗެހިތައް މެޝިނަށް އެޅުމަށެވެ. އޭގެ ފަހުން އިޔާންއާއި އިޔާންއާ ދެމެދު އޮތް ގުޅުން ވެސް ފުދޭވަރަކަށް ގާތްވެގެން ހިނގައްޖެ އެވެ. އައިރީން ވެސް ވަރީގެ ޚިޔާލު ދޫކޮށްލާ އިޔާންއާ އެކު އާ ޒަވާޖީ ހަޔާތެއް ފަށަން ނިންމީ އިޔާންގެ ބަދަލުވެފައިވާ އުޅުން ފެނިފަ އެވެ. އިޔާންގެ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން އޭނާގެ ހިތް އިޔާން ދޫކޮށްދާން ނޭދުނީ އެވެ. ދެމީހުންގެ ދޭތެރޭގައި ކުރިން އޮތް ދުރުކަން ނެތިގެން ގޮސް ދެމަފިރިއަކު ދޭތެރޭ އޮންނަން ޖެހޭ ފަދަ ގާތް ގުޅުމަކަށް އެ ގުޅުން ވެސް މަރްޙަބާ ކިޔައިފި އެވެ. ދެމީހުންގެ ލޯބީގެ ދަރުބާރުގައި އެތަކެއް މާތަކެއް ފޮޅުވަން ބޭނުންވެފައި ވާފަދަ އެވެ. ވަރުގަދަ ލޯތްބެއް އެ ދެމެދަށް ވަދެ އެ ދެމެދުގައި އޮތް ނުތަނަވަސްކަމާއި ނަފްރަތުގެ ފާރު ކުނޑި ކޮށްލައިފި އެވެ.

ރޭގަނޑު އައިރީން ނިދާނީ އިޔާން ގެއަށްއައީމައެވެ. ޚުދު އިޔާންވެސް މިހާރަކަށް އައިސް ގިނަ ވަގުތު ގޭގައި ހޭދަކުރެވޭތޯ ބަލައެވެ. ގޭގައި ނަމަ ޓެރެސްއާއި ބެލްކަންޏަކީ ދަންވަރަށް ވެސް އެދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި ވަގުތު ހޭދަކުރާ ތަނަކަށް ވެއްޖެ އެވެ. އެތައް ރެ އެއްގެ އެތައް ވަގުތެއް އެކަކުގެ އަތުރެރޭގައި އަނެކަކު ހޭދަ ކުރަނީ ދުވަހަކު ވެސް ވަކިވާން ނޭދޭ ހާލުގަ އެވެ. އަހުދާ ހުވާ ކުރާ ހާލުގަ އެވެ.

ހަ މަސް ފަސް ***** އެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވެއްޖެ ކަމުގައި ގޭ އެންމެންނަށް ވެސް ޔަޤީން ކުރެވިގެން ދިޔަ އެވެ. އެކަމާ އެންމެ އުފާވި އެކަކީ ޒަލަފްކަމުގައި ވިނަމަވެސް އޭނާ ހުންނަނީ އަމިއްލަ ދިރިއުޅުމާމެދު މާޔޫސްވެފަ އެވެ. އޭނާ އާދައިގެ މަތިން ދުއްވާލަން ކާރުގައި ނުކުތެވެ. މިހާރަކަށް އައިސް ފާޑަކަށް ފޫހިވެފައި ހުންނާތީ އަބަދު ވެސް ބޭނުން ވަނީ އަމިއްލަ ހިތްހަމަޖެހުމެއް ކޮންމެވެސް ކަމެއް ކޮށްލާށެވެ. އާރޓްފިޝަލް ބީޗާ ދިމާލުގައި ކާރު ޕާރކުކޮށްލަމުން ބްރިޖްގެ ހިތްގައިމު ވިއު ބަލާލުމަށް ޓަކައި އޭނާ ގޮސް އިށީނެވެ. ފުންމިން ނޭނގޭ ކަނޑެއް ފަދަ އެ ލޮލުގައި ބުނެދޭން ނޭނގޭ ފަދަ ވިދުމެއް ވެއެވެ. ހިތާމައިގެ އަސަރުތަކާއި ވަންހަނާކޮށްލާފައިވާ ވޭނީ އާހެވެ. ހޮޅިލައި ރާޅުތައް ބިންދަމުން ދިޔައިރު އޭނާގެ ހަޔާތާ މެދު ވެސް ވިސްނާލެވުނެވެ. ނުވެސް އެނގި ހުއްޓާ އޭނާގެ ހަޔާތަށް ވެސް ބިންދާލީ ވަރުގަދަ ރާޅެކެވެ. އެ ރާޅުގެ ތެރޭގައި އޭނާގެ މުޅި ޖިސްމު އޮޔާދަނީ އެވެ. ފޯނު ނަގާ އެފްބީއަށް ވަދެލާ ކުޑަކޮށް އެފްބީ ހާވާލުމަށް ފަހު އެތަނުން ދާންވެގެން ތެދުވެ ހިނގައިގަތެވެ. އެއާއެކު ކުރިމަތިން ކަހަލަ ގޮތަކަށް ފެނުނު އަންހެން ކުއްޖާއާ އެކު އޭނާގެ ފިޔަވަޅު ތައް މަޑުޖެހިލި އެވެ. "ރަޔާ..." ޒަލަފްގެ ދުލުން ބޭރުވި އެވެ. ހަށިގަނޑު އެކީ ހިކިއަނަރޫފަ ވެފައި ވިނަމަވެސް އެންމެ ފެނިލުމަކުން އެކަނި ވެސް ޒަލަފްއަށް އެނގިއްޖެ އެވެ. އެމޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯ ކައިރިވަނީ އެކީ ކަޅުވެފަ އެވެ. ދެކޯތާފަތް ވަޅުޖެހިފަ އެވެ. އެހެންޏާ އެ މޫނުމަތީގައި ހުންނަފަދަ އެއްވެސް ދިރުމެއް ނެތެވެ. ވައިކޮޅެއް ޖެހިލިޔަސް ވިސްސައިގެން ދާހާ ރަޔާ ހިއްކެވެ. ޒަލަފްގެ ހިތަށް އުނދަގޫވި އެވެ. އޭނާ ރަޔާ އާ ބެހޭ ގޮތުން ގިނަ އެއްޗެހިތަކެއް އެނގެން ބޭނުންވި އެވެ. ރަޔާ އިސްޖަހާލިތަން ފެނުނެވެ. ދުލުން ނުބުނި ކަމުގައި ވިނަމަވެސް ޒަލަފް ފެނި ރަޔާއަށް ވެސް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެ އެވެ. އެ ސޫރަ ދެކޭ ހިތުން ބޭގަރާރުވާ ފަހަރުތަށް ވެސް މިވީ ހަ މަސްދުވަހުގެ ތެރޭގައި ކުރިމަތިވި އެވެ. އެހެންނަމަވެސް ޒަލަފްއަކީ އޭނާއާ އެކަށީގެންވާ ޒުވާނެއް ނޫންކަމުން އެފަދަ ގޮތަކަށް ވިސްނަން ވެސް ރަޔާ ބޭނުމެއް ނުވި އެވެ. އޭނާ އަކީ ނިކަމެއްޗެއެވެ. ޒަލަފްއަކީ އުޑުގައި ވިދާ ތަރިއެއް ނަމަ އޭނާ އަކީ ބިމުގައިވާ ހިލަކޮޅެކެވެ. ދެމީހުންގެ ފަރަގު އެހާ ބޮޑެވެ. ޒަލަފް އަށް އޭނަ ފެނިގެން އެ މޫނުމައްޗަށް ވެރިވި ހާސްކަމާއި ހައިރާންކަން ފެނި ރަޔާއަށް އިސް ޖަހާލެވުނެވެ. މިއީ އެއްގޮތަކަށް ވެސް ކަންތަން ވާން ބޭނުންވި ގޮތެއް ނޫނެވެ. ޒަލަފްގެ ކުރިމައްޗަށް އަރަން އެއްގޮތަކަށް ވެސް ރަޔާ ބޭނުމެއް ނުވި އެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ޒަލަފްގެ ދެލޮލުން އޭނާއަށް ބުނެދޭން ނޭނގޭ ވިދުމެއް ފެނުނެވެ.

"ކޮންތާކު ތިއުޅެނީ..." ޒަލަފް ސުވާލުކޮށްލި އެވެ. އެ ސުވާލާއެކު ރަޔާ ސޮރީ އޭ ބުނެ އެތަނުން ދާން ހިނގައިގަތެވެ. އެއާއެކު ރަޔާގެ އަތުގައި ހިފައްޓާ ޒަލަފް ރަޔާ މަޑުކުރުވި އެވެ. ރަޔާ ފަހަތަށް އެނބުރިލާ އަތަށް ބަލާލުމާ އެކު ޒަލަފް މާފަށް އެދި އަތުން ދޫކޮށްލި އެވެ. ކުރެވުނީ ކުށެއްކަން އިޙްސާސްވީ އެވެ.

"ރަޔާ... އަހަރެން ބޭނުން ވާހަކައެއް ދައްކާލަން" ޒަލަފް ބޭނުންވީ ރަޔާ ހުއްޓުވާށެވެ. އެހެންނަމަވެސް ދެފަރާތް ބަލާލުމަށް ފަހު ރަޔާ ފިޔަވަޅު އަޅާލީ ކުރިއަށެވެ. ޒަލަފްގެ އެއްވެސް ވާހަކައެއް އަޑު އަހަން އޭނަ ބޭނުމެއް ނުވެ އެވެ. މީހެއްގެ އޯގާތެރިކަން މިފަދަ ވަގުތެއްގައި ލިބިއްޖެ ނަމަ އޭނާގެ ހިތުގައި ރައްކާކޮށްފައިވާ ގިލަން ވެރިކަން އަނދައިގަނެ ހުރިހާ އުދާހެއް ބޭރުކޮށްލެވިދާނެ އެވެ.

ރަޔާގެ ފަހަތުން ޒަލަފް ހިނގައިގަތެވެ. އޭނާއާ ވާހަކަ ދައްކައިލެން އެދި އެވެ. އެންމެ ފަހަރަކު ވެސް ހެޔޮ ކަމުގަ އެވެ.

"ކީއްތަ ވެގެން ތިއުޅެނީ؟... އަހަރެން ބުނެފީމެއްނު ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ... ތަނަކުން އަންހެނެއް ފެންނަ އިރަށް ފަހަތުން ދުވުން ހުއްޓާލަންވީނު" އެންމެ ފަހުން ރަޔާ ހަޅޭއްލަވައިގަތެވެ. އެންމެންގެ ކުރިމަތީގަ އެވެ. ވަށައިގެން ތިބި މީހުންގެ އަމާޒުފަތްގަނޑަކަށް ޒަލަފް ވެގެން ހިނގައްޖެ އެވެ. އެންމެންގެ ތެރޭގައި ޒަލަފް ލަދުގަނެއްޖެ އެވެ. ހުރެވުނު ތަނާ ކުރެވުނު ކަންތަކާ މެދު ރަޔާ ދެރަވެ މާފަށް އެދެން ބޭނުންވި އެވެ. ވަށައިގެން ބަލާލުމާ އެކު އޭނާ އަމިއްލަ ނަފްސުކުށްވެރިކުރި އެވެ.

އެއީ ފަހަރެއްގައި ވެސް އޭނާ ކަންތައް ވާން ބޭނުންވި ގޮތެއް ނޫނެވެ. ޒަލަފް ލަދުގަންނުވާލާކަށް ބޭނުމެއް ނުވި އެވެ. އެހެންނަމަވެސް ކަންވެ ނިމިއްޖެ އެވެ. މާފަށް އެދެން އަނގަ ހުޅުވާލިތަނާ ޒަލަފް ވާހަކަ ދެއްކި އެވެ.

"ސޮރީ... ވަރަށް ބޮޑަށް ސޮރީ... " ޒަލަފް އެތަނުން ދާން ހިނގައިގަތެވެ. ޖީބަށް ޖަހާލާފައި އިން އަވިއައިނު ނަގާ އޭނާގެ ދެލޯ ފޮރުވާލަމުން ދުރަށް ހިނގައިގަތެވެ.

"ފިރިހެނުންގެ ފާޑު.. ތަނަކުން އަންހެނެއް ނުފެނިފަ" "ކީކޭ ބުނާނީ... މިހާރުގެ ކުދިންގެ ހާލަތު" "ނޭނގޭ މަސްތުވާތަކެތި ބޭނުން ނުކުރާ ކަމެއްވެސް" "މަށަށް ހީވަނީ މިހާރުވެސް ބޮއިގެން ހަމައެއް ނޫންހެން..."

ތަފާތު މީހުންގެ ވިހަ ގަދަ ބަސްތަކުގެ ޝިކާރައަކަށް ޒަލަފް ވެގެން ހިނގައްޖެ އެވެ. ހިތަށް ތަދުވީ ވަރުން ފިޔަވަޅުތައް ބާރުކޮށްލި އެވެ. އެދިޔަ ގޮތަށް ގޮސް ކާރަށް އަރާ އޭނާ ދުއްވާލީ ދާނެ މިސްރާބެއް ނޭނގޭ ހާލުގަ އެވެ. ރަޔާ ކަންތައް ކުރި ގޮތުން ޒަލަފްގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. *****

ކަޅުފޮއިރެއެކެވެ. ވިއްސާރަކޮށް އުޅޭތީ އުޑުމަތީގައި ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ހީވަނީ އަންނަން އުޅޭ ތޫފާނަށް ފިލާ ތިބިހެންނެވެ. އެހެންކަމުން އުޑުމަތިވެސް މިރޭ ފެންނަނީ ވަރަށް ފަޅުކޮށެވެ. އޭރު ވެސް ވިއްސާރަ ވިލާތައް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔައެވެ. ހީވަނީ ހަނދާއި ތަރިތައް އެދިން ފުރުސަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން ތައްޔާރުވެގެން ތިބި ހެންނެވެ.

ޖެހެމުންދާ ފިނި ރޯޅިތަކުގެ ސަބަބުން އައިރީންއަށް ދެއަތް މޭގައި ހުރަސްކޮށްލެވުނެވެ. މިހާރު އެގާރަ ޖަހާ ބޮޑުވެއްޖެ އެވެ. އިޝާ ނަމާދުން ފައިބައިގެން ބޭރަށް ދިޔަ ގޮތަށް އިޔާން އަދި ވެސް ނާދެ އެވެ. އައިރީން ދެފަހަރަކު ގުޅާވެސް ލިޔެއެވެ. އެހެންނަމަވެސް ފޯނު ބިޒީކޮށްލުމަށް ފަހު ބިޒީ އޭ ކިޔާފައި މެސެޖް ކުރުމުން އިތުރަށް އުނދަގޫ ކުރުމުގެ ޚިޔާލު ދޫކޮށްލި އެވެ. ދެލޯ މަރާލާ އޭނާ ބޭނުންވީ ޖެހެމުންދާ ތެތްފިނި ވައިރޯޅިތަކުގެ ބީހިލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރާށެވެ. ބެލްކަންޏަށް ނުކުތް އިޔާންއަށް އައިރީން ފެނުމާ އެކު ވަރަށް ސިއްރު ފިޔަވަޅުތަކެއްގައި ގޮސް އޭނާ އައިރީންގެ އުނގަނޑުގައި އަތް އަޅުވާލި އެވެ. ސިހުނު އައިރީން ހަޅޭއްލަވައިގަންނަން އުޅުމުން އިޔާން އައިރީންގެ އަނގަމަތީގައި އަތް އަޅާލަމުން ކަންފަތް ދޮށުގައި އިޔާން އޭ ބުނެލި އެވެ.

"ކިރިއާއޭ ހާޓް އެޓޭކެއް ނުޖެހުނީ..." އައިރީން ބުނެލިއެވެ. އޭނާ އިޔާންއަށް ބަލާލަމުން އެނބުރިލާ އިޔާންގެ އުނަގަނޑުގައި އަތް ވަށާލި އެވެ.

"މިއަދު ހާދަ ބިޒީ އޭ..." އައިރީން ބުނެލިއެވެ. "އާ ޕްރޮޖެކްޓެއް ނަގައިގެން ނޭ ލަވް... ކޮބާ މިހާރު އެޕްލައި ކުރި ކޯސް ލިބިއްޖެތަ؟ މިއަދު ޖަވާބެއް ލިބޭނެޔޭ ބުނީމެއްނު..."

އިޔާން އެ އަތުގެތެރޭގައި އިތުރަށް އައިރީން ހައްޔަރުކޮށްލަމުން ބުނެލި އެވެ. އެއާ އެކު އައިރީން އަދި ވެސް ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ.

"ޑޯންޓް ވޮރީ އަދި ލިބޭނެ... ރީން ބޭނުމިއްޔާ އޮފީހަށް ޖޮއިން ވެސް ކުރެވިދާނެ... އޭރުން އެކްޕީރިއެންސް އަކަށްވެސް ވާނެއެއްނު" އިޔާން ޚިޔާލެއް ދިނެވެ. އައިރީން ބުނީ ވިސްނާލާނޭ ކަމުގައެވެ.

'ހާދަ ފިންޏޭ" އިތުރަށް އެ ދެމެދުގައި އޮތް ދުރުކަން ނައްތާލަމުން އިޔާން ބުނެލިއެވެ. "ހެހެ" އައިރީންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. ދެމީހުން އަތު ގުޅާލައިގެން ތިބެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ތަޅުލި އެވެ. އޭރު ދެމީހުންގެ ތުންފަތް މަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ.*****

ކޮންމެ ދުވަހަކަށް އިރުއަރަނީ އުފާވެރިކަމާއެކުގަ އެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި އިތުރުވާ ހާލުގަ އެވެ. އިޔާން ވެސް މިހާރު ބަރާބަރަށް ނަމާދު ކުރަން ފަށައިފި އެވެ. އެކަމާ އެންމެ އުފާވީ އަޝްރާއާއި އާމިރު އެވެ. އައިރީންގެ އިޔާންގެ ހަޔާތަށް އައުމަކީ ލެއްވި ރަޙްމަތެއްކަމުގައި އެމީހުން ދެކުނެވެ. އެ ދެމީހުންނަށް މި ހުރިހާ އަހަރު ދުވަހު ނުކުރެވުނު ކަމެއް އައިރީން ކޮށްލުމުންނެވެ. އެ ދެމީހުންގެ ހިތުގައި އައިރީންއަށް އޮތް ލޯބި ދެގުނަ ވެގެން ދިޔަ އެވެ.

ފަތިސްނަމާދުކޮށްގެން އައިރީން މިރޭ ވެސް ނިދަން ޖައްސާލީ މާ ބޮޑަށް ވަރުބަލިވެފައި ހުރުމުންނެވެ. މިހާރަކަށް އައިސް އޭނާ އާދަޔާ ޚިލާފަށް ވަރުބަލިވަނީ އެވެ. ބޮލަށް ވެސް ހުންނަނީ ބަރުވެފަ އެވެ. ބޮޑަށް ފާހަގަ ކުރެވެނީ ނިދާ ހޭލާ ގަޑީގަ އެވެ. އިއްޔެވެސް އިޔާންގާތު އެ ޝަކުވާ އައިރީން ކުރިއެވެ. އިޔާން އެދުނީ ޑޮކްޓަރަށް ދައްކާލާ ލޭ ޓެސްޓް ކޮށްލުމަށެވެ. ފަހަރެއްގައި އެޗް ބީ ލޯ ވެފައި ހުރެދާނެތީ އެވެ. އައިރީން އަކީ ބީޓަރ ތެލްސީމިއާ ކެރިއަރ އެއްކަމުން ބައެއް ދުވަސްވަރު އޭނާގެ އެޗްބީ ދަށަށް ދާތީއެވެ. އިޔާން އޮފީހުން އައި އިރުވެސް އައިރީން އޮތީ އޮށޯވެ އެވެ. އިޔާން ސުވާލުކޮށްލުމުން ބުނީ ވަރުބަލި ވަނީކަމުގަ އެވެ. އައިރީންގެ ނިތުގައި އަތް ލި އިރު ކުޑަކޮށް ހުންވެސް ހުއްޓެވެ.

"ހިނގާ ދާން ޑޮކްޓަރަށް ދައްކަން" އިޔާން ބުނެލި އެވެ. "އެ އޯކޭ ވެދާނެ..." އައިރީން ދެކޮޅު ހެދި އެވެ. އިއްޔެ ވެސް ނުދެވުނީ އައިރީން އެއްބަސްނުވީތީ އެވެ.

"މިއަދު ހުންވެސް އެބަހުއްޓެއްނު... މިހާވަރަށް އިންފިލުއެންޒާ އާއި ރޯގާ އުޅޭއިރު ތިހެން ޑޮކްޓަރަށް ނުދައްކާ ހުންނާކަށް ނުވާނެ..." އިޔާން ބުނެލި އެވެ.

އިޔާންގެ އާދޭސްތަކަށް ދެކޮޅު ހަދަން ނުކެރިގެން އައިރީން އެންމެ ފަހުން ހޮސްޕިޓަލަށް ދާން ނިންމި އެވެ. ލަސްނުކޮށް ފެންވަރާ ހަދާލައިގެން ދެމީހުން އެކުގައި ޑޮކްޓަރަށް ދައްކަން ދާންވެގެން ނުކުތް އިރު ފަލަކް ވެސް ބޮޑު ކޮޓަރީގައި ޓީވީ އަޅުވާލައިގެން އިނެވެ.

"މަންމާ... ރީން ކުޑަކޮށް ހުން އައިސްގެން މިދަނީ ޑޮކްޓަރަށް ދައްކަން ވެގެން..." އިޔާން ބުނެލި އެވެ.

ފަލަކް ވެސް ބުނީ އަވަހަށް ދެއްކުމަށެވެ. މި ދުވަސްކޮޅު ނުދައްކާ ހުރުން ބުއްދިވެރި ނުވާނޭ ކަމުގައި ބުންޏެވެ. ދުނިޔެ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބައެއް ޓެސްޓްތައް ހަދަންދިނެވެ. އަދި ރިޕޯޓްތަކާ އެކު ޑޮކްޓަރަށް ދެއްކުމަށް ބުންޏެވެ. އައިރީންގެ ބޮލަށް ވެސް އެނބުރުން އަރަ އެވެ. އެހެންކަމުން އޭނާ ހުރީ އިޔާންގެ ގައިގައި ކުޑަކޮށް ލެނގިލައިގެންނެވެ. ދެމީހުން އެކުގައި ކާރަށް އަރައިގެން ނައްޓާލީ ބޭސް ވެސް ނަގައިގެންނެވެ. ޖެހިގެން އައި ދުވަހު ވެސް އައިރީންގެ ރިޕޯޓްތައް ދައްކަން އިޔާން ދިޔައެވެ. ރިޕޯޓް ނަގައިގެން އެ ބަލާވެސް ނުލާ އެތެރެއަށް ވަދެފައި ރިޕޯޓްތައް ޑޮކްޓަރާ ހަވާލު ކޮށްލިއެވެ. ރިޕޯޓްތައް ބަލާލާފައި ޑޮކްޓަރު ބުނީ މާ ބޮޑު މައްސަލައެއް ނެތް ކަމުގަ އެވެ.

އިޔާންއަށް ﷲ އަށް ޙަމްދު ކުރެވުނެވެ. އައިރީން ވެސް ހިނިތުންވެލި އެވެ.

"އެކަމަކު... " ޑޮކްޓަރު ހުއްޓާލި އެވެ. ހީވަނީ ދެމަފިރިންގެ ސަމާލުކަން ފުރިހަމައަށް ބޭނުންވެގެން ހުއްޓާލިހެންނެވެ. އައިރީން އާއި އިޔާންއާއި ދެމީހުން އެކަކު އަނެކަކަށް ބަލާލި އެވެ. އެއަށް ފަހު ޑޮކްޓަރުގެ ވާހަކައަށް ސަމާލުކަން ދިނެވެ.

"އައިރީން ދޯ... އައިރީން ބަނޑު ބޮޑު..." ޑޮކްޓަރު ފުޅާ ހިނިތުންވުމަކާ އެކު ބުނެލި އެވެ. އެއާ އެކު އައިރީންއަށް ބަލާލެވުނީ އިޔާންއާ ދިމާލަށެވެ. އެވަގުތު އޭނާއަށް ވެގެން ދިޔަ ގޮތް ބަޔާންކޮށްދޭން ވެސް ނޭނގުނެވެ. އެހާ އުފާވި އެވެ. އެހެންނަމަވެސް އިޔާންގެ މޫނުމަތިން އައިރީން ހީކުރި ފަދަ އުފާވެރިކަމެއް ފެނިގެން ނުދިޔަ އެވެ. އިޔާން ކުރިން ދުވަހު ބުނެފައިވާ ބަސްތައް ހަނދާންވީ ދެނެވެ. ކުއްޖަކު ހޯދާނީ އަދި ދެ އަހަރު ފަހުން ކަމުގަ އެވެ. އެއާ އެކު އައިރީން ނުތަނަވަސް ވާ ގޮތް ވިއެވެ. (ނުނިމޭ)

comment ކޮމެންޓް