ރަތްކަނޑުގައިވާ ސައުދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ހަމަލާތަކެއް ދީފި

ހޫޘީންގެ ހަމަލާތަކެއްގައި ހަލާކުވެފައިވާ ސައޫދީ ތެލުގެ މަރުކަޒެއް

ސަންޢާ (22 ފްބްރުއަރީ 2020): ރަތްކަނޑުގައިވާ ސައުދީ ތެލުގެ މަރުކަޒުތަކަށް ޔަމަންގައި ވެރިކަންކުރާ ޙޫޘީ ޖަމާއަތުން ހަމަލާތަކެއް ދީފިއެވެ.

ހޫޘީންގެ ތަރުޖަމާން ޔަޙްޔާ ސާރިއާ ވިދާޅުވީ ރަތްކަނޑުގައިވާ ސައުދީ ތެލުގެ ބަނދަރެއް ކަމަށްވާ ޔަންބުޢު ގައިވާ ތެލުގެ މަރުކަޒުތަކަށާއި އެނޫންވެސް ޙައްސާސްތަންތަނަށް ބާރަ ޑްރޯން އާއި ތިން ރޮކެޓް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެކަމަށާ އެހަމަލާތައް އެތަންތަނަށް އަރާފައިވާ ކަމުގައެވެ. ހޫޘީންގެ މިވާހަކަތަކަށް ސައުދީން ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް ސައުދީ ރަސްމީ ނޫސް އެޖެންސީން އިއްޔެވަނީ އެގައުމަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ގިނަ މިސައިލްތަކަކަށް ހުރަސްއަޅައި އަމާޒަށް ވާސިލް ވުމުގެ ކުރިން އެތަކެތި ވައްޓާލިކަމަށް ބުނެފައެވެ.

ހޫޘީން މިދިޔަ އަހަރުގެ ފަހުކޮޅުގައިވަނީ ސައޫދީ އިރުމަތީ ސަރަހައްދެއް ކަމަށްވާ އިބްގީގްއާއި ޚުރައިސް ގައިވާ ސައޫދީ ތެލުގެ މުހިއްމު މަރުކަޒުތަކަކަށް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީ އެތަންތަން ހަލާކުކޮށްލާފައެވެ. އެ ހަމަލާތައް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސައޫދީވެސްވަނީ އެއްބަސްވެފައެވެ. ނަމަވެސް ސައޫދީއާއި ސައޫދީ ރަސްކަމުގެ ނިޒާމަށް ވާގިވެރިވާ އެމެރިކާވަނީ އެ ހަމަލާތަކުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވާފައެވެ.

އީރާނުގެ ބޮލުގައި އެކަން އެޅުވިނަމަވެސް ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާއެއްދޭން ސައޫދީއަށް ކެރިފައެއް ނުވެއެވެ. ރަތްކަނޑުގައިވާ ސަޢޫދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ހަމަލާ މިދިނީ ހޫޘީން ސައުދީ އަށް ރައްދު ޙަމަލާތައް ނުދޭތާ ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ. އިބްގީގްއާއި ޚުރައިސް އަށް ދިން ހަމަލާތަކަށްފަހު ހުޘީން ސައޫދީއަށް ހަމަލާތައް ދިނުން މަޑުޖައްސާލީ ސައޫދީންވެސް ޔަމަނަށް ދޭ ޙަމަލާތައް މަދުކޮށްލުމާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް