ރޮނާލްޑޯ: ކެރިއަރުގެ 1،000 ވަނަ މެޗު މިރޭ!

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ:

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔަކީ ޕޯޗުގަލްގެ ލިސްބޮންއަށް އުފަން ކްރިސްޓިއާނޯ ރޮނާލްޑޯއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދައި، ބޮޑެތި އެތައް ރެކޯޑުތަކެއް ވެސް މުގުރާލާފައިވާ ރޮނާލްޑޯގެ ފުޓުބޯޅަ ހަޔާތުގައި މިރެއަކީ ހާއްސަ ރެޔެކެވެ. މިރެއަކީ ރޮނާލްޑޯ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ކުޅޭނެ 1،000 ވަނަ މެޗު ކުޅޭ ރެޔެވެ.

ފުޓުބޯޅައިގައި ހޯދޭނެ ހުރިހާ ތަށްޓެއް ކަހަލަ ގޮތަކަށް ހޯދާފައިވާ ރޮނާލްޑޯއަށް މިމަހު 35 އަހަރުވެފައިވާ އިރު އަދިވެސް އޭނާ އަކީ ދުނިޔޭގެ އެންމެ ޓޮޕް ސްޓްރައިކަރެވެ. އެއް ފެންވަރެއްގައި 17 ވަރަކަށް އަހަރު ޔޫރޮޕް ފުޓުބޯޅައިގެން އެންމެ އުހުގައި ކުޅެފައިވާ ރޮނާލްޑޯ ވަނީ މިހާތަނަށް 835 މެޗު ކުލަބު ފުޓުބޯޅައިގައި ކުޅެފައެވެ. އަދި ޕޯޗުގަލްގެ ގައުމީ ޓީމަށް 164 މެޗު ކުޅެދީފައިވާ އިރު ޖުމުލަ 724 ގޯލު ވަނީ ޖަހައިފައެވެ.

އުމުރުން އެންމެ 17 އަހަރުގައި ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބޮންއިން ފުޓުބޯޅައިގެ ކެރިއަރު ފެށި ރޮނާލްޑޯގެ ހުނަރު ފެނި ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގެންދިޔައީ އުމުރުން 18 އަހަރުގަ އެވެ. ސްޕޯޓިންގް ލިސްބޮންއަށް 31 މެޗު ކުޅެދީ ފަސް ގޯލު ޖެހުމަށްފަހު 2004 ވަނަ އަހަރު ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެން ފެށި އިރު 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޔުނައިޓެޑަށް 292 މެޗު ކުޅެދީފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު 2009 ވަނަ އަހަރު ރޮނާލްޑޯ ސްޕެއިނުގެ މެޑްރިޑަށް ބަދަލުވުމަށްފަހު ވެސް މަޑު ޖެހުމެއް ނެތެވެ. މެޗަކަށް ފަހު މެޗެކެވެ. ގޯލަކަށްފަހު ގޯލެކެވެ. އަދި ތަށްޓަކަށް ފަހު ތަށްޓެކެވެ. ރޮނާލްޑޯ އެ ކުލަބަށް ކުޅެދިން 438 މެޗުގައި 450 ގޯލު ވަނީ ހަމަކޮށްފަ އެވެ. ކުޅުނު މެޗުތަކެއް ވުރެން ވެސް ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯ ހަތަރު ފަހަރަށް އެ ކުލަބާ އެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށްފަހު އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ.

ބޮޑެތި ކާމިޔާބީތަކަކަށްފަހު ޔުވެންޓަސްއަށް ބަދަލުވުމަކީ ފުޓުބޯޅަ ކެރިއަރުގައި "ނަގަން ޖެހުނު ޗެލެންޖެއް" ކަމަށް ރޮނާލްޑޯ ސިފަ ކުރެ އެވެ. އިޓާލިއަން ލީގުގެ ޑިފެންޑަރުންގެ ފެންވަރު މަތިވެފައި ކުޅުމުގެ ސްޓައިލް ތަފާތުވުމުން ރޮނާލްޑޯއަށް ތަފާތު ނުދެއްކޭނެ ކަމަށް ގިނަ ބަޔަކު އޭރު ގަބޫލު ކުރި ނަމަވެސް ކުޑަ ދުވަސްކޮޅެއް ތެރޭގައި ރޮނާލްޑޯ މުޅި އިޓާލިއަން ލީގުވެސް ފަތަހަކޮށްފި އެވެ.

އެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ސީޒަނުގައި ރޮނާލްޑޯ ހޯދި އިރު މި ސީޒަނުގައި ވެސް އޭނާ ހުރީ އެ މަގާމު ދެމެހެއްޓުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

އެ އަޒުމުގައި ދެމިހުރެ ރޮނާލްޑޯ މިރޭ ލީގުގައި ސްޕަލްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ އިރު ހަމަގައިމުވެސް ކެރިއަރުގައި އޭނާ މިހާތަނަށް ކުޅުނު 999 މެޗުގެ ތަޖުރިބާއަކީ ހަނދާނުން ފިލައިގެން ނުދާނެ ހަނދާންތަކެކެވެ.

comment ކޮމެންޓް