އެމްޑީޕީގެ "ރަށްވެހި ފަތިސް" ޖަލްސާ ފަޅަށް!

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި މަދު އަދަދެއްގެ ބަޔަކު ބައިވެރިވުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

މިރޭ އެމްޑީޕީން "ރަށްވެހި ފަތިސް" ކެމްޕޭން ލޯންޗުކުރުމަށް ޖަލްސާ ކުރިއަށް ގެންދިޔައީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައެވެ. ކާނިވާ ސަރަހައްދުގައި މާލެ ޖަލްސާ ކުރިއަށްދާއިރު، އެ ޖަލްސާގައި ބައިވެރިވެފައި ވަނީ، އެހެން ޖަލްސާތަކާ އަޅާކިޔާލާއިރު މަދު އަދަދެއްގެ ބައެކެވެ.

އެމްޑީޕީގެ ޖަލްސާތަކަކީ އާންމުކޮށް "ފުލް ހައުސް" ކޮށް ކުރިއަށް ގެންދާ ޖަލްސާތަކެކެވެ. ކާނިވާ ސަރަހައްދުގައި މީގެކުރިން ބޭއްވި އެ ޕާޓީގެ ޖަލްސާތަކުގައި، ގޮނޑިތައް ފުރި، ކާނިވާ ސަރަހައްދު ވެސް ފުރޭ ވަރު ވެފައި އެބަހުއްޓެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/

ނަމަވެސް މިރޭގެ ޖަލްސާ ފަށައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައި ނިމުނު އިރުވެސް އެތަނުގައި ގިނައީ ހުސް ގޮނޑިއެވެ. ފުރުނީ ގާތްގަނޑަކަށް ފަސް ވަރަކަށް ބަރިއެވެ.

ޖަލްސާ ނިމުމަކާ ކައިރިވި އިރު، އިތުރު ގޮނޑިބަރިތައް ފުރި، މީހުން އިތުރުވި ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދު އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެމްޑީޕީގެ ޖަލްސާއެވެ.

އެމްޑީޕީގެ ޖަލްސާތަކުގައި ބައިވެރިވާން ރަށްރަށުން ވެސް މީހުން މާލެ އާދެއެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފަހަރާ ބޭއްވި ޖަލްސާއަކަށް ވުމުން، މާލޭ ޖަލްސާގައި މީހުން މަދުވުމަކީ ވާނެ ގޮތް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކު ވާހަކަ ދައްކަނީ --- ސަން ފޮޓޯ/

ނަމަވެސް އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ދިވެހިންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖަލްސާގައި ބައިވެރިވި މީހުން މަދުވީ ކަމަށް ވެސް އެއް ބަޔަކު ބުނެއެވެ. ނަމަވެސް އެމްޑީޕީ ސަޕޯޓަރުންނަކީ ވެހޭ ވާރެއަކަށް، ދޭ އަތްވަކަށް، ފުލުހުންގެ މުގުރަކަށް ނުވަތަ ޕެޕޭ ސްޕްރޭއަށް ވެސް ނުގުޑާނެ ބައެއްކަން މީގެކުރިން ވަނީ ސާބިތުކޮށްދީފައިވެއެވެ.

އެހެންކަމުން މިރޭ މިވީ ކިހިނެތް ހެއްޔެވެ؟ ގޮނޑިތައް ތެމިފައި ހުރުމުގެ ސަބަބުން އެމްޑީޕީގެ ސަޕޯޓަރުން ޖަލްސާއަށް ނުގޮސް ތިބެދާނެ ހެއްޔެވެ؟

ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރައްޔިތުންނަކީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ފަސްނުޖެހި ކުރިއަށްދާ ބައެއް ކަމަށެވެ.

އަދި އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގަތް ކަމަށެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދާއިރު، ޖަލްސާގެ ގޮނޑިތައް ނުފުރި --- ސަން ފޮޓޯ

މިއީ ގިނަ ދުވަސްތަކެއް ފަހުން އެމްޑީޕީން ބޭއްވި މިފަދަ ފުރަތަމަ ބޮޑު ޖަލްސާއެވެ. އަދި ޖަލްސާ ވަރަށް ރަނގަޅަށް ޕްރޮމޯޓު ވެސް ކުރިއެވެ. ނަމަވެސް އެ ހުރިހާ މަސައްކަތާއެކު ވެސް ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު މަދުވުމަކީ، ރައީސް ސޯލިހުގެ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލެމުން އައުމުގެ ހެއްކެއް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލުތަކާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވަރަށް ބޮޑު ލަސްކަމެއް އުޅޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދިން މައްސަލައިގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ.

comment ކޮމެންޓް