މާލެ-ރާއްޖެތެރޭގެ ތަފާތު، ބަހުސަކަށް ހެދުން ރަނގަޅެއް ނޫން: ރައީސް

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

ވޭތުވެދިޔަ ތަނުގައި ތަރައްގީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަ އޮތީ ވެރިރަށް މާލެއިން ކަމަށާއި ރަށްތައް ފަޅުވެ، މާލެ ތޮއްޖެހުމުގެ މައްސަލަ ބަހުސަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ރަށްތައް ފަޅުވެގެން ދިއުން އެކަނި ނޫން ކަމަށެވެ.

އަދި އެކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަން އޮތީ މާލެއިން ކަމަށާއި އެ ނިޒާމުގެ ސަބަބުން މާލެ ތޮއްޖެހި، އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެފައިވާ ކަމަށެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ މާލެ-ރާއްޖެތެރެ ބަހުސްގެ އަޑު އަނެއްކާ ވެސް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް މިރޭ ވިދާޅުވީ އެންމެ އަސާސީ ހިދުމަތްތައް ލިބިގަތުމަށް ރާއްޖޭގެ ރައްޔިތުން މާލެއަށް ޖަމާވާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި ތަރައްގީގެ ނަމުގައި ކުރި ކަންކަމުން ރައްޔިތުންނަށް އޭގެ ފައިދާ ނުލިބުނު ކަމަށެވެ.

އަދި ރާއްޖޭގެ ތަރައްގީއަށް އެޅިފައި އޮތް ބޮޑު ހުރަހަކީ، މާލެއަށް ލިބެމުން އައި ނިކަމެތިކަން އެއީ ތަރައްގީކަމުގައި ދައްކާ، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަތޮޅުތައް ތަރައްގީ ކުރުމަށާއި ރަށު ތަރައްގީއަށް އޮތް އުންމީދު ފަނޑުކޮށްލި ވިސްނުން ކަމަށެވެ.

ނަމަވެސް މިއަދު ދިވެހި އެތައް ޖީލުތަކެއްގެ ދިރިއުޅުން ބިނާކުރަމުން އަންނަނީ ވެރިރަށް މާލޭގައި ކަމަށާއި އޭގެ ތެރޭގައި އެނބުރި ދާނެ ވަކި ތަނެއް ނުވަތަ ގެދޮރެއް ނެތް އެތައް އާއިލާއެއް އުޅޭއިރު، މައްސަލަތަކަށް ހައްލު ހޯދެން އަންނަނީ މާލެއަށް ވެސް ހައްލު ހޯދައިދީގެންކަން ރައީސް ފާހަގަކުރެއްވި އެވެ.

"މި ހައްލުތައް ހޯދައިދިނުމަށް މާލޭގައި ކުރެވޭ ކަންކަމަކީ ލާމަރުކަޒު ކުރުމަށް ލިބޭނެ އުނިކަމެއް ނޫން. މާލޭގައި މިއަދު އެބަ ދިރިއުޅޭ ރާއްޖޭގެ އެކި ރަށްރަށުގެ ހުރިހާ ޖީލުތަކެއްގެ މީހުން. މާދަން އެނބުރި ދާނެ ވަކި ތަނެއް، ގޯއްޗެއް ގެދޮރެއް ނެތް އާއިލާތަކެއް އެބަ އުޅޭ. އެހެންކަމުން މިކަންކަން ބަހުސަކަށް ހަދައި ތިލަކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މީ ގައުމީ މައްސަލައެއް. މީ އަޅުގަނޑުމެން އެންމެން އެކުގައި ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

މަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގެ ހިތި ނަތީޖާގެ މިސާލު ޖައްސަވަމުން ރައީސް ވިދާޅުވީ 2020 ވަނަ އަހަރާ ހަމައަށް އައިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ހުރީ އެންމެ 40 ރަށުގައި ކަމަށެވެ. އަދި މިއީ ލަދުވެތިކަމާ އެކު ދައްކަން ޖެހޭ ވާހަކައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ "ރަށްވެހި ފަތިހަކަށް" ރާއްޖެ މި އަލިވިލެނީ ވަރަށް ގިނަ ތަޖުރިބާތަކެއް ކުރުމަށް ފަހު، ރާއްޖޭގެ މުޅި ސިޔާސީ ހަޔާތާއި ފިކުރު ބަދަލު ކުރުމަށް ވޭންހުރި ބޮޑެތި މަސައްކަތްތަކެއް ކުރުމަށްފަހުގައި ކަމަށެވެ.

"މިއީ ވަރަށް ބޮޑު އުންމީދުގެ ވަގުތުކޮޅެއް. ހަމަގައިމު ވެސް އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް އެންމެ ދެކެން ބޭނުންވި އެއް ދުވަސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީ އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން، ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބު ކުރުން މުހިންމު ކަމަށެވެ.

"މި ހިނގާ އަހަރު ތެރޭގައި ރާއްޖޭގެ ކަންކޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައި. ސެންޓްރަލައިޒް ގޮތަކަށް މަރުކަޒު ކުރެވިގެން މިފަދަ މަޝްރޫއުތަކެއް އެއްފަހަރާ ހިންގުމަކީ ނާދިރު ކަމެއް. އެހެންކަމުން ސަރުކާރާ އެކީގައި މި މަޝްރޫއުތައް ހިންގާނެ ބަޔަކު އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް އިންތިހާބުގައި ހޮވަން." ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް