އެމެރިކާއާއި ތާލިބާނުންނާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުން މިމަހުގެ 29 ގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ތާލިބާން ހަނގުރާމަވެރިން

ވޮޝިންޓަން (21 ފެބްރުއަރީ 2020): އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ އެއްބަސްވުމުގައި ތާލިބާނުންނާއެކު ސޮއިކުރާނީ މިފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަފްޣާނިސްތާނަށް ސުލްޙަ ގެނެސް އެގައުން އެމެރިކާ ސިފައިން ބޭލުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ލަނޑުދަނޑިއެއްކަމަށާއި އެ ލަނޑުދަނޑި މިހާރުވަނީ ހާސިލްވުމުގެ މަގުމަތީގައި ކަމުގައެވެ.

އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ އެއްބަސްވުމުގައި އެމެރިކާއާއި ތާލިބާނުން ސޮއިކުރުމުން އަފްޣާން ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސް އެގައުމުގެ މައްސަލަ ސިޔާސީ ގޮތުން ހައްލުވެގެންދާނެކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. އެމެރިކާއިން ތާލިބާނުންނާއެކު ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރަނީ އަފްޣާން ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފަށާނެކަމުގެ ޔަގީންކަން ތާލިބާނުން ދިނުމުންކަމަށް އެމެރިކާގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ތާލިބާނުން ގެންދިޔައީ އަފްޣާން ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮއްކޮ އެއްކަމަށް ބުނެ އަފްޣާން ސަރުކާރާ ސުލްހައިގެ ވާހަކަތައް ދެއްކުމަށް ދެކޮޅު ހަދަމުންނެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ބޭލުމަށް އެމެރިކާ އެއްބަސްވީ އަފްޣާން ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފެށުމަށް ތާލިބާނުން އެއްބަސްވުމުންކަމަށާ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 13 ހާސް ސިފައިންގެ ތެރެއިން 7 ހާސް މީހުން ފުރަތަމަ ބޭލުމަށްފަހު އަނެއް ހަހާސް ސިފައިން ބާލާނީ ތާލިބާނުން އަފްޣާން ސަރުކާރާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އަފްޣާން ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނަސް އެގައުމަށް ސުލްޙަ އައުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަތަރުގައި ހުންނަ ތާލިބާނުންގެ ސިޔާސީ އޮފީހުގެ އިސްވެރިއެއްކަމަށްވާ މައުލަވީ އަބްދުއްސަލާމް ހަނަފީވެސް ދާދިފަހުންވަނީ އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ އެއްބަސްވުމެއްގައި މިމަހުގެ ފަހުކޮޅު އެމެރިކާއާއެކު ސޮއިކުރާނެކަން ކަށަވަރުކޮށްދީފައެވެ. މިއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އދ. އާއި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީއާއި ޔޫރަޕްގެ އިއްތިޙާދާ އަދި އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ތާލިބާނުން ބުނެފައިވެއެވެ. އެމެރިކާވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށްޓަކައި އެމެރިކާއާއި ތާލިބާނުންނަށް ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިމިވަނީ އެކަމަށްޓަކައި އެދެފަރާތުން ވާހަކަ ދައްކަމުން ގެންދާތާ ދެއަހަރަށްވުރެވެސް ދިގުމުއްދަތެއް ފާއިތުވި ފަހުންނެވެ. ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔަ މުއްދަތުގައި ތާލިބާނުންވަނީ އަފްޣާނިސްތާނުގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި އެމެރިކާއަށް ކުޑަތަންކޮޅެއްވެސް ދޫދިނުމަށް ފަސްޖެހިފައެވެ. ސުލްޙައިގެ ޥާހަކަތައް ކުރިޔަށް ދިޔައިރުވެސް ތާލިބާނުން އެމެރިކާ ސިފައިންނަށް ހަމަލާތައް ދެމުން ގެންދިޔައެވެ.

މީގެއިތުރުން ސުލްހައިގެ ވާހަކަތައް ކުރިޔަށްދިޔަ ދުވަސްވަރު ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެމެރިކާ އެދުނު އެދުމަށް ތާލިބާނުންވަނީ ދެކޮޅު ހަދާފައެވެ. ސުލްޙައިގެ ވާހަކަތަކުގައި ދެފަރާތުންވެސް ތިބީ ތިލަފަށް ހަމަވާގޮތަށް ބާރުގަދަ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން މަޖްބޫރީ ހާލަތުގައި ދެފަރާތުންވެސްވަނީ އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ދޫތަކެއް ދީފައެވެ.

ތާލިބާނުންނަށް ދޫދޭން އެމެރިކާއަށް މަޖްބޫރުވި ސަބަބުތަކުގެ ތެރޭގައި 18 އަހަރު ހަނގުރާމަ ކުރިއިރުވެސް އަސްކަރީ ގޮތުން ތާލިބާން ބަލިކުރުމަށް އެމެރިކާގެ ބާރުގަދަ ލަޝްކަރުތައް ނުކުޅެދިގެން ދިޔުމާއި ހަނގުރާމަ ދިގުލައިގެން ދިޔުމާއެކު އަފްޣާން ހަނގުރާމައށް އެމެރިކާ ކުރަންޖެހުނު ޚަރަދުތައް އެމެރިކާގެ ބަޖެޓަށް ތަހައްމަލް ކުރެވޭވަރަށްވުރެ މާމައްޗަށް ދިޔުމާއެކު އަފްޣާނިސްތާނުގައި އެމެރިކާއަށް ގޮތް ހުސްވުން ހިމެނެއެވެ.

އެެމެރިކާއަށް ދޫދޭން ތާލިބާނުންނަށް މަޖްބޫރުވީ އެމެރިކާގެ މަދަދުލިބޭ އަފްޣާން ސަރުކާރު ގަދަބާރުން ވައްޓާލުމަށް 18 އަހަރުވީއިރުވެސް ތާލިބާން ނުކުޅެދުމުންނެވެ. އެމެރިކާ މިހާތަނަށް ސިފަކުރަމުން ގެންދިޔައީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް އެ ޓެރަރިސްޓް ޖަމާއާތާ އެކު ސީދާގޮތެއްގައި ވާހަކަ ދެއްކުމަށާ އަދި އެންމެ ފަހުން އެ ޓެރަރިސްޓް ޖަމާއަތާއެކު ސުލްޙަވުމަށް އެމެރިކާއަށް އެންމެފަހުން މިވަނީ މަޖްބޫރުވެގެން ގޮސްފައެވެ.

ސުލްހައިގެ ވާހަކަތަކުގައި ތާލިބާނުން ދިން ދޫތަކުގެ ތެރޭގައި އަފްޣާން ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ފަށަން ތާލިބާނުން އެއްބަސްވުމާއި އަފްޣާނިސްތާނުގެ ބިން އަލްގާއިދާފަދަ އެހެން ޓެރަރިސްޓް ޖަމާއަތަކުން ބޭނުންކުރުމުގެ ފުރްސަތު ނުދިނުމަށް އެއްބަސްވުން ހިމެނެއެވެ.

އެމެރިކާ ދިން ދޫތަކުގެ ތެރޭގައި ތާލިބާނުންނަށް އިއްތިރާފްވުމާއި އެއީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދި ހެދުން ނިމުމަކަށް ގެނައުމާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިންނާއި އެމެރިކާއާ ގުޅިފައިވާ ނޭޓޯގެ ސިފައިންވެސް އެއްކޮށް ބޭލުމާއި އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުގެ ހައްގު ތާލިބާނުންނަށްވެސް އޮންނާނެކަމަށް އިއުތިރާފުވުން ހިމެނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް