ނޭކުރެންދޫ ކޯޓުގެ ގާޑަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ: ކޭއޯ

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓު ކޯޓުގެ ސެކިއުރީޓީ ގާޑަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ އާދަމް "ސަން"އަށް ކުރިން ވިދާޅުވީ އުމުރުން 60 އަހަރުގެ އެ މީހާއަށް ހަމަލާ ދީފައިވަނީ އޭނާ ޑިއުޓީއަށް ދިޔަ މަގުމަތީގައި ކަމަށާއި އޭރު ގަޑިން ގާތްގަނޑަކަށް މެންދަމު 12 ޖަހަން ކައިރިވާނެ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.

އެ މީހާގެ ފަޔަށާއި ބޮލަށް އެކި ކަހަލަ އަނިޔާ ލިބިފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ނޫންކަމަށާއި އޭނާއަށް ފަރުވާ ދެމުން ދަނީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ރޭ 23:50 ހާއިރު ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކާމެދު މާރާމާރީ ހިންގައި އަނިޔާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުމުން ފުލުހުން އޭނާ ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ޓެސްޓު ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް