ލަންޑަނުގެ މިސްކިތެއްގައި ވަޅިން ހަމަލާ ދީ، އެކަކު ޒަހަމްކޮށްފި

ލަންޑަނުގެ މިސްކިތުގައި ވަޅިން ހަމަލާ ދިން މީހާ ވަނީ މިސްކިތް ތެރޭގައި ހައްޔަރުކޮށްފަ -- ފޮޓޯ: ޓުވިޓާ

ލަންޑަން (ފެބްރުއަރީ 21): އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ސެންޓްރަލް މިސްކިތުގައި އިއްޔެ މުދިމަށް ވަޅިން ހަމަލާ ދީފިއެވެ.

އެ މިސްކިތުން ނެރުނު ބަޔާނެއްގައިވާ ގޮތުން މުދިމަށް ވަޅިން ހަމަލާ ދިނީ އަސްރު ނަމާދުކުރަން ތިއްބައެވެ. އަދި ހަމަލާ ހުއްޓުވީ މިސްކިތުގައި ދެން ތިބި މީހުންނެވެ. އެއަށް ފަހު ފުލުހުން ވަނީ މިސްކިތަށް ގޮސް ހަމަލާ ދިން މީހާ ހައްޔަރުކޮށްފައެވެ.

އެހަމަލާ ދިން 29 އަހަރުގެ މީހާ ވަޅި ޖަހާފައި ވަނީ 70 އަހަރުގެ މީހެއްގެ ކަރަށެވެ. އަދި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އިނގިރޭސި މީޑިއާތަކުގައި ވެއެވެ.

އެހަމަލާ ދިން ވަގުތު މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ގާޑިއަން ނޫހުގައިވާ ގޮތުން، ހަމަލާ ދިނީ މިސްކިތުން އާއްމުކޮށް ފެންނަ މީހެއް ކަމަށް އެކަކު ބުނި ނަމަވެސް އިތުރު މީހަކު ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

ލަންޑަނުގެ ފުލުހުން ވަނީ ހަމަލާ ދިން މީހާ ގަސްތުގައި މީހަކު މަރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށާއި މިވަގުތު އެ މައްސަލަ ބަލަަމުން ދަނީ ޓެރަރިޒަމާ ގުޅުން ހުރި އަމަލެއްގެ ގޮތުގައި ނޫން ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގައި ހުންނަ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ ލަންޑަން ސެންޓްރަލް މިސްކިތަށް ހަފްތާއަކު 6،000 އާ ގާތްކުރާ ވަރަށް މީހުން ދެއެވެ.

comment ކޮމެންޓް