ޕެރަސައިޓް އަށް އޮސްކާ ލިބުމުން ޓްރަމްޕް ފާޑުވިދާޅުވެއްޖެ

ޕެރަސައިޓް އަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުން ހައްގު ނުވާފަދަ މޭރުމަކުން ޓްރަމްޕް ވަނީ ވާހަކަފުޅުދައްކަވާފައި ---

މިއަހަރު އޮސްކާ އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑުތައް، ދެކުނު ކޮރެއާގެ ބްލެކް ކޮމެޑީ އަދި ތްރިލާ ފިލްމު ޕެރަސައިޓް ކާމިޔާބު ކުރުމުން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ މަލާމާތް އެ ފިލްމަށާއި މުޅި އެވޯޑު ހަފްލާއަށް ރައްދުވެއްޖެއެވެ.

މި މަހުގެ 10 ގައި ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދައި ޕެރަސައިޓް ވަނީ އޮސްކާގެ ތާރީހުގައި ހޯދާފައި ނުވާފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ގިނަ ބަޔަކަށް މިއަހަރުގެ އެވޯޑު ހަފްލާ ކަމުދިޔަ ނަމަވެސް ޓްރަމްޕްގެ ހިޔާލުފުޅު ހުންނެވީ މުޅީން ތަފާތުކޮށެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ އެންމެ މޮޅު ފިލްމަކީ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށާއި އެ ކަމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ޓްރޭޑުގެ ގޮތުން ބަލާއިރުވެސް ދެކުނު ކޮރެއާއި އަޅުގަނޑުމެނާ ގިނަ މައްސަލަތައް އެބަހުރި. އެހެން އޮތް އިރުވެސް އަދި އެންމެ މޮޅު ފިލްމު އެ ދިނީ ދެކުނު ކޮރެއާ ފިލްމަކަށް،" ޓްރަމްޕް ވިދާޅުވިއެވެ.

ފިލްމާ މެދު ސުވާލުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެ ފިލްމަކީ މޮޅު ފިލްމެއް ކަމެއް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި ބައިވަރު މޮޅު ފިލްމުތައް ހުރި އިރުވެސް ޕެރަސައިޓަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ދިނުމުން އެކަމާ ހިތްހަމަޖެހިނުލައްވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

"އެންމެ މޮޅު ފޮރިން ފިލްމުގެ އެވޯޑު ޕެރަސައިޓަށް ލިބިދާނެ. މިއީ ކުރީން އެއްވެސް އިރެއްގައި ވީ ކަމެއްތަ؟" ޓްރަމްޕް ސުވާލު ކުރެއްވިއެވެ.

މިއީ މީގެކުރީން އޮސްކާގެ ތާރީހުގައި ވެފައިވާ ކަމެއް ނޫނެވެ. އިނގިރޭސި ބަހުން ނޫން ބަހަކުން ތައްޔާރުކޮށްފައިވާ ފިލްމަކަށް އޮސްކާގެ އެންމެ ޝަރަފުވެރި އެވޯޑު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް