ނެދަލޭންޑްސްގައި ފޮރުވާފައި އޮތް އިތިއޯޕިއާގެ ތާޖު، 21 އަހަރު ފަހުން އެނބުރި ގައުމަށް

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާ އެ ތާޖު ހަވާލު ކުރެއްވީ ނެދަލޭންޑްސްގެ ފޮރިން ޓްރޭޑް މިނިސްޓަރު ސިގްރިޑް ކާގް -- ފޮޓޯ: ޓުވިޓާ

އަދިސް އަބަބާ (ފެބްރުއަރީ 21): ނެދަލޭންޑްސްގެ އެޕާޓްމެންޓެއްގައި 21 އަހަރުވަންދެން ފޮރުވާފައި އޮތް އިތިއޯޕިއާގެ ތާޖު، އިއްޔެ އެގައުމަށް އަނބުރާ ފޮނުވައިފިއެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާ އެ ތާޖު ހަވާލު ކުރެއްވީ ނެދަލޭންޑްސްގެ ފޮރިން ޓްރޭޑް މިނިސްޓަރު ސިގްރިޑް ކާގް އެވެ. އަދި ބޮޑުވަޒީރު ވަނީ ނެދަލޭންޑްސްއަށާއި އެގައުމުގައި ތާޖު ރައްކާ ކުރި އިތިއޯޕިއާގެ މީހެއް ކަމަށްވާ ސިރަކް އަސްފޯއަށް ޝުކުރު އަދާ ކުރައްވާފަ އވެ.

ސިރަކް އަކީ 1978 ވަނަ އަހަރު އިތިއޯޕިއާގައި އޮތް ކޮމިއުނިސްޓު ސަރުކާރުގެ އަނިޔާއިން ސަލާމަތްވުމަށް އެގައުމުން ފިލައިގެން ދިޔަ މީހެކެވެ. އަދި އޭނާ ނެދަލޭންޑްސްއަށް ދިޔުމަށް ފަހު، 1980 އާއި 1990އިގެ އަހަރުތަކުގެ ތެރޭގައި އިތިއޯޕިއާއިން ފިލައިގެން ދާ އެހެން މީހުންނަށް އޭނާގެ އަމިއްލަ ގޭގައި ހިމާޔަތް ދެމުން ދިޔަ އެވެ.

ސިރަކް ބުނި ގޮތުގައި އިތިއޯޕިއާއިން ވަގަށް ނަގާފައިވާ 18 ވަނަ ގަރުނުގެ އެ ތާޖު ފެނުނީ އެގޮތަށް ހިމާޔަތް ދިން މީހެއްގެ ދަބަހުންނެވެ. އަދި އެ މީހާ ތާޖު އަނބުރާ ގައުމަށް ނުފޮނުވާ ނަމަ، އެމީހާއަށް ތާޖު ދޭން ދެކޮޅު ހެދި ކަމަށް ސިރަކް ބުންޏެވެ.

18 ވަނަ ގަރުނުގެ އެ ތާޖު ވަނީ އިތިއޯޕިއާގެ ގައުމީ ދާރުލްއާސާރަށް ލާފަ -- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން ތާޖު ރައްކާތެރި ކަމާއެކު ގައުމަށް ފޮނުވޭނެ ގޮތެއް ނޭނގުމުން، އެ ތާޖު ގޭގައި ރައްކާ ކުރަން ނިންމީ ކަމަށް ސިރަކް ބުންޏެވެ.

"ވަރަށް ބިރުވެރި ހާލަތަކާ ކުރިމަތިލާން ޖެހުނީ. [ތާޖާ ބެހޭ ގޮތުން] ކާކު ކައިރީ ކަމެއް ބުނާނީ އަދި ކީއްކުރާނީ ކަމެއް ނޭނގުނު. އަދި ނެދަލޭންޑްސްގެ ސަރުކާރުން އަތުލަފާނެކަމުގެ ބިރުވެސް އޮތް،" ސިރަކް ބުންޏެވެ.

ނަމަވެސް ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އަބީ އަހުމަދު 2018 ވަނަ އަހަރު އިތިއޯޕިއާގެ ވެރިކަމަށް ވަޑައިގަތުމުން، އެ ތާޖު އަނބުރާ ފޮނުވަންވީ ވަގުތު ޖެހިއްޖެކަމަށް ސިރަކް ނިންމިއެވެ. އަދި ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ އެފަދަ ތަކެތި ހޯދާ އިންވެސްޓިގޭޓަރެއް ކަމަށްވާ އާތާ ބްރޭންޑްއާ ސިރަކް ވާހަކަ ދެއްކި އެވެ.

އެއަށް ފަހު ނެދަލޭންޑްސްގެ ފުލުހުންގެ އެހީއާއެކު އެ ތާޖު ރައްކާތެރި ތަނަކަށް ގެންގޮސް، އިތިއޯޕިއާގެ ސަރުކާރަށް އެންގިއެވެ.

ނެދަލޭންޑްސްގެ ސަރުކާރުން ބުނި ގޮތުގައި އެތާޖު "ގެއްލިފައި" ވަނީ އިތިއޯޕިއާގެ އުތުރުގައި އޮންނަ އަވަށެއްގެ ފައްޅިއަކުންނެވެ. އަދި އެއީ ވަރަށް ތާރީހީ ތާޖެއް ކަމަށާއި މިހާތަނަށް ހަދާފައި ވަނީ އެބާވަތުގެ އެންމެ 20 ތާޖު ކަމަށް އިތިއޯޕިއާގެ މީޑިއާއަކުން ބުންޏެވެ.

އެ ތާޖު މިހާރު ވަނީ އިތިއޯޕިއާގެ ގައުމީ ދާރުލްއާސާރުގައި މީހުންނަށް ދައްކާލުމަށް ބަހައްޓާފަ އެވެ.

comment ކޮމެންޓް