ހެލްތު މިނިސްޓްރީގެ ޕީއެސް ހަދީޖާ މަގާމުން ވަކިކޮށްފި

ހެލްތުގެ ޕީއެސް ހަދީޖާ --

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަދީޖާ އަބްދުއްސަމަދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ހަދީޖާ މަގާމުން ވަކިކޮށްފައި ވަނީ އޭނާ އާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި މައްސަލަތަކެއް ބެލުމަށްފަހު އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު މިއަދު "ސަން" އަށް ވިދާޅުވީ މައްސަލަ ބެލުމަށްފަހު މިއަދު ހަދީޖާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އަދި ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ހަދީޖާގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ނޫން އެހެންތަނަށް ބަދަލު ކުރުމާއި ބަދަލު ކުރަން އުޅުނު ކަމަށް ބުނެއެވެ.

އަދި ޕާމަނަންންޓް ސެކްރެޓަރީގެ މަގާމުގައި ހުރެ ހަދީޖާ އެކަން ކުރަން އުޅުނީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން ޕާމަނަންޓް ސެކްރެޓަރީ، މުވަައްޒަފުންނާ މެދު އިހުމާލުވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރު މަގާމާ ހަވާލުވި ފަހުން މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ 7000 މުވައްޒަފުންނާ ބައްދަލު ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

ޕީއެސްގެ މަސްއޫލިއްޔަތަށް އިހުމާލުވާ މައްސަލަ ބަލައިދިނުމަށް ސީއެސްސީ އަށް ހުށަހަޅާފައި ވަނީ ހެއްކާ ވެސް އެކުއެވެ. އެގޮތުން މުވައްޒަފުން ބަދަލު ކުރުމަށް ފޮނުވާފައިވާ މެމޯ އާއި ސިޓީ ފަދަ ތަކެތިވެސް ހުށަހެޅިއެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި ބުނާ ގޮތުން ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ. ހަދީޖާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ 25 ފެބްރުއަރީ 2015 ގައި ކަމުން، އޭނާ މަގާމުން ވަކިކޮށްފައި މިވަނީ، ވަޒީފާގެ މުއްދަތު ހަމަވާން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށެވެ.

ހެލްތުގެ ޕީއެސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ޖެނުއަރީ 22 ވަނަ ދުވަހުއެވެ. އަދި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ މެންދުރު 2:00 ގައި ވަނީ ހަމަވެފައެވެ.

comment ކޮމެންޓް