24 ގަޑިއިރު ތެރޭ ވޯކް ވިސާ އެޕްރޫވަލް ލިބޭ ގޮތް ހަދައިފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ވޯކް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރާ ފަރާތްތަކަށް، ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ވިސާ އެޕްރޫވަލް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވިދާޅުވީ އިމިގްރޭޝަނުން ވޯކް ވިސާގެ ހިދުމަތްތަކަށް ރަނގަޅު ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން އިއުލާނު ކޮށްދެއްވީ މި މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެންނަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ވޯކް ވިސާގެ ހިދުމަތް ލިބިގަތުމުގައި މިހާރު ދިމާވާ ދަތިތައް ކޮންޓްރޯލާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައެވެ.

ނަމަވެސް އޮންލައިންކޮށް ވޯކް ވިސާއަށް އެދެވޭގޮތް މިދިޔަ އަހަރު ތައާރަފު ކުރުމާއެކު އެތައް ފަސޭހަތަކެއް ވެގެން ދިޔަކަމަށް ކުންފުނިތަކުން އިއްތިފާގުވި ކަމަށް ހަލީލް ވިދާޅުވިއެވެ.

އަދި ވޯކް ވިސާގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކޮށް އެ ބައްދަލުވުމުގައި ބައިވެރިން ހިޔާލު ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ އެ ބައްދަލުވުން ނިންމާލީ ރައްޔިތުންނަށް އިތުރަށް ލުއިފަސޭހަ ވެގެންދާނެ ގޮތަށް ވޯކް ވިސާގެ ހިދުމަތްތަކަށް އިތުރު ބަދަލުތަކެއް ގެނައުމަށް ނިންމުމަށްފަހު ކަމަށެވެ.

އެގޮތުން 23 ފެބްރުއަރީ އިން ފެށިގެން ވޯކް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުމެއް ފުރިހަމައަށް ހުށަހަޅާ ފަރާތްތަކަށް، އެޕްލިކޭޝަން ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ވޯކް ވިސާ އެޕްރޫވަލް ލިބޭނެ ކަމުގެ ޔަގީންކަން ކޮންޓްރޯލާ ޖެނެރަލް ވަނީ ދެއްވައިފައެވެ.

އަދި ވިސާއަށް އެދި އިމިގްރޭޝަނަށް ޕާސްޕޯޓު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އަދި ބަލްކު ކޮށް ނުވަތަ ގިނައަދަދެއްގެ ވޯކް ވިސާއަށް އެދި ހުށަހަޅާ ބޮޑެތި ކުންފުނިތަކާއި އެޖެންސީތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޑެޑިކޭޓެޑް ވިސާ އޮފިސަރު (ޑީވީއޯ) ގެ ނަމުގައި ވަކި އޮފިސަރެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް ކޮންޓްރޯލާ ޖެނެރަލް ވިދާޅުވިއެެވެ.

"މިކަމުގެ ސަބަބުން ކުންފުނިތަކަށް ހިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމަކާއި އަދި ހަލުވިކަން ލިބިގެންދާނެ،" ހަލީލް ވިދާޅުވިއެވެ.

ވޯކް ވިސާގެ ހިދުމަތްތަކަށް ގެނައި ބަދަލުތަކާއެކު ހިދުމަތް ހޯދުމަށް އިތުރަށް ލުއިފަސޭހަ ވެގެން ދާނެކަމަށާއި އަދި އިމިގްރޭޝަންގެ ހިދުމަތްތައް ހަލުވިކޮށް ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އައިމާ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުލް އަޒީޒް ވިދާޅުވީ އެ ކުންފުނީގެ ކަންބޮޑުވުންތަކަށް އިމިގްރޭޝަނުން ހައްލު ގެނެސްދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 1700 ބިދޭސީ މުވައްޒަފުން ގެންގުޅޭ އެ ކުންފުންޏަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންޓްރޯލާ ޖެނެރަލް އަޅުގަނޑުމެންނާ ބައްދަލު ކުރެއްވުމުން އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރީމު. އުފަލާއެކު ފާހަގަކޮށްލަންޖެހެނީ އެ ކަންބޮޑުވުންތަކަށް މިއަދު ހައްލު ގެންނަވައިފިކަން. ވަރަށް ބޮޑަށް އަޅުގަނޑުމެން އުފާކުރަން މިކަމާ،" އިބްރާހިމް އަބްދުލް އަޒީޒް ވިދާޅުވިއެވެ.

comment ކޮމެންޓް