މަދަނީ އިޖުރާއަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިހާރު މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރަމުން އަންނަ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން، މަދަނީ އަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، އެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދައުވާތައް އަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ބިލާ ގުޅޭގޮތުން ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވަން ވަނީ އެދިފައެވެ.

މަދަނީ އިޖުރާއަތުގެ ބިލު މިހާރު ފަރުމާކޮށްފައިވަނީ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ހަސްމުންގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުސޫލުތަކެއް ކަނޑައަޅައިދީ، ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ބައްޓަންކުރުމަށެވެ.

ބިލުގައި ހިމަނާފައިވާ މައިގަނޑު ކަންކަން:

- ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތްތައް.

- އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން.

- ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން.

- މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން.

- ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލުކުރަންޖެހޭ ގޮތް.

- މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ޚަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.

- ޝަރީއަތާ ގުޅިގެން ހިނގާ ހަރަދު ހަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން.

- ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.

- ހުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ހާއްސަ ހާލަތްތަކުގައި މައްސަލަ މުރާޖައާކުރުމުގެ އުސޫލުތައް ބަޔާންކުރުން.

- ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން

- ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ހުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައެޅުން.

comment ކޮމެންޓް