ރިނބުދޫ ދަތުރުފުޅަށްފަހު ރައީސް މާލެއަށް

ރައީސް ސޯލިހް ރިނބުދޫ އިން ފުރައިވަޑައިގަތުން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދ. ރިނބުދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑަގެންފިއެވެ.

ރައީސް ސޯލިހް ދ. ރިނބުދުއަށް ކުރެއްްވި ދެ ދުވަހު ދަތުރުގައި އެމަނިކުފާނު ވަނީ އެރަށު ސުކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން އެރަށުގައި ގާއިމްކޮށްފައިވާ ސަގާފީ މަގު ހުޅުވައިދެއްވުމާއި، އެ ރަށުގެ "މަރިޔަންމާ" ޕްރޮގްރާމް ރައީސް ސޯލިހް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

"މަރިޔަންމާ" އަކީ، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެކެވެ.

މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި، އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާވެސް ރައީސް ވަނީ ބައްދަލުކޮށްފައެވެ. އެ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސް ވަނީ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

ރިނބުދުއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލައްވައި އެރަށުން ފުރާވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު މިއަދު ހެނދުނު ވަނީ އެރަށުގެ ފުޓްސެލްދަނޑު ހުޅުއްވައިދެއްވައިފައެވެ.

ރައީސް އޮފީހުން ބުނީ، ރިނބުދޫ ފުޓްސަލް ދަނޑަކީ ޔޫތު މިނިސްޓްރީ އާއި ރިނބުދޫ ކައުންސިލު ގުޅިގެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީކޮށްފައިވާ ދަނޑެކެވެ. އަދި މި ދަނޑު ވަށައިގެން ކައުންސިލުން ވަނީ ޖޮގިން ޓްރެކެއްވެސް ތަރައްގީކޮށްފައެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސް ކުރި ދައުލަތުގެ ބަޖެޓުގައި 20.9 މިލިއަން ރުފިޔާގެ ދެ މަޝްރޫއެއް އެ ރަށަށް ކަނޑައަޅާފައި ވެއެވެ. އެއީ އެ ރަށުގެ ބަނދަރު ހެދުން އަދި ފެނާއި ނަރުދަމާ ނިޒާމް ގައިމުކުރުމުގެ މަޝްރޫއެވެ. ފައްސަތޭކައެއްހާ އާބާދީއެއް އޮންނަ އެރަށުގެ ރައްޔިތުން އާންމު ގޮތެއްގައި ކޮށްއުޅެނީ، މަސްވެރިކަމާއި، ފަންގިވިނުމުގެ މަސައްކަތެވެ. އެއީ ރަންރިހީގެ މަސައްކަތްކުރުމަށް ރާއްޖޭގައި ވަރަށް މަޝްހޫރު ރަށެކެވެ. އަދި ތާރީހީ ގޮތުންވެސް ހާއްސަ ރަށެކެވެ.

comment ކޮމެންޓް