ތާރީހު ރީތިވެގެން މިއަދު 64 ކައިވެނި ކުރޭ!

މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތާރީހަށް ބަލައި މިއަދު ރާއްޖޭގައި ކައިވެނި ކުރާ އަދަދު ގިނަވެއްޖެއެވެ.

މިއަދުގެ ތާރީހަކީ ނަމްބަރުން 2022020 އެވެ. ފެމިލީ ކޯޓުން މިއަދުގެ ތާރީހުގައި 64 ކައިވެނި ކުރަން އެ ކޯޓުގައި މީހުން އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓުން ބޭރުގައި ކުރާ ކައިވެންޏާއި ކޯޓުގައި ކުރާ ކައިވެނިތައް ހިމެނެއެވެ.

"ޝަރުއީ ދާއިރާގެ ވަޒީފާގެ ރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 14 ކާވެންޏަކާއި، ނުރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 11 ކާވެންޏަކާ އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ޖުމްލަ 39 ކާވެންޏެއް އަގުދު ކޮށްދިނުމަށް ވަނީ ހަމަޖެހިފަ" ފެމިލީ ކޯޓުން ބުންޏެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފެމިލީ ކޯޓުން ޖުމްލަ 305 ކާވެންޏެއް ޢަޤުދުކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ. މިއަދުގެ 64 ކައިވެންޏާ އެކު އެ އަދަދު 369 އަކަށް އަރާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެކެވެ. މިއަދާ ދިމާކޮށް ކައިވެނި ހަފްލާތައް ބޭވުމަށް މާލޭގެ ގިނަތަންތަން ވަނީ ބުކް ކޮށްފަ އެވެ. މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އަދި އަބްދުﷲ މުއާޒްގެ ކައިވެނިވެސް އޮތީ މިއަދުއެވެ.

މިމަހުގެ ދެވަނަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރިއެވެ.

އާންމު ގޮތެއްގައި ފެމިލީ ކޯޓުގައި ދުވާލަކަށް ކުރާނީ 10 ވަރަކަށް ކައިވެނި ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

comment ކޮމެންޓް