ކޮރޯނާވައިރަސް ޖެހި، އީރާނުން ދެ މީހަކު މަރުވެއްޖެ

އީރާނުގައި ކޮރޯނާވައިރަސް ޖެހި، ދެ މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އީޕީއޭ

ތެހެރާން (ފެބްރުއަރީ 20): އީރާނުގައި ކޮރޯނާވައިރަސް ޑިޒީސް (ކޯވިޑް-19)އަށް ޕޮޒިޓިވްވި ދެ މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ހެލްތު އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެއީ އީރާނުގައި ކޯވިޑް-19 ޖެހުނު ފުރަތަމަ ދެ މީހުންނެވެ. އަދި އެއީ އެބަލީގެ ސަބަބުން މެދުއިރުމަތީގައި މަރުވި ފުރަތަމަ ދެ މީހުންނެވެ.

އީރާނުގެ ހެލްތު މިނިސްޓަރުގެ މުޝީރެއް ކަމަށްވާ އަލީ ރިޒާ ވަހަބްޒަދާ ވިދާޅުވި ގޮތުގައި އެ ދެ މީހުން މަރުވީ ވެރިރަށް ތެހެރާންގެ ދެކުނުގައި އޮންނަ ގުމް ސިޓީގަ އެވެ. އަދި އެއީ އުމުރުން ދުވަސްވީ ދެ މީހުން ކަމަށާއި އެމީހުންނަށް ފުއްޕާމޭގެ އިންފެކްޝަނެއް ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މަރުވި މީހުންނާ ބެހޭ އިތުރު މައުލޫމާތެއް އީރާނުގެ ސަރުކާރުން ނުދެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ބާވަތުގެ ކޮރޯނާވައިރަސް މެދުއިރުމަތިން ފުރަތަމަ ފެނުނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން މިދިޔަ އާދިއްތަ ދުވަހުގަ އެވެ. އެގައުމުގައި މިހާރު ނުވަ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޗައިނާގައި މިހާތަނަށް 74,500އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، އޭގެ ސަބަބުން 2،118 މީހަކު ވަނީ މަރުވެފަ އެވެ. އަދި ޗައިނާގެ ބޭރުން 27 ގައުމަކުން އެވައިރަސް ފެނި، އޭގެ ސަބަބުން އަށް މީހަކު ވަނީ މިހާރު މަރުވެފަ އެވެ.

comment ކޮމެންޓް