ސިކުނޑީގެ ސާޖަރީ ހަދަމުން ދިޔަ ވަގުތު ކުޅުނީ ވަޔޮލިން

ސިކުނޑީގެ ސާޖަރީއެއް ކޮށްފައިވަނީ ޓިއުމަރެއް ހުރި 53 އަހަރުގެ ވަޔޮލިން ކުޅުންތެރިޔެއް ކަމަށްވާ ޑެގްމާ ޓާނާ --- ފޮޓޯ : ފޮކްސް

ސިކުނޑީގެ ސާޖަރީއެއް ހަދަމުން ދިޔައިރު ޕޭޝަންޓް ހަމަ ހޭގައި ހުރެ ވަޔޮލިން ކުޅެމުން ދިޔަ މަންޒަރަކާ މެދު ގިނަ ބައެއްގެ މެދުގައި ވާހަކަ ދެކެވެން ފަށައިފި އެވެ. ނަމަވެސް ޕޭޝަންޓް ވަޔޮލިން ކުޅެފައިވަނީ އޭނާގެ ހުނަރު ދެއްކުމުގެ ގޮތުންނެއް ނޫނެވެ. އެކަމުގެ ފަހަތުގައި ބޮޑު ސަބަބެއް އެބައޮތެވެ.

ލަންޑަންގައި ހުންނަ ކިންގްސް ކޮލެޖް ހޮސްޕިޓަލްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވަނީ އުމުރުން 53 އަހަރުގެ ވަޔޮލިން ކުޅުންތެރިޔެއް ކަމަށްވާ ޑެގްމާ ޓާނާގެއެވެ.

ޑެގްމާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ހޮސްޕިޓަލުން މަސައްކަތްކުރަނީ އޭނާގެ ސިކުނޑީގެ ޓިއުމަރެއް ނެގުމަށެވެ. އަދި ޓިއުމަރު ނަގަން މަސައްކަތްކުރާ ވަގުތު ވަޔޮލިން ކުޅުމަށް ޑޮކްޓަރުން ޑެގްމާއަށް ލަފާދިނެވެ. އެއީ އޭނާގެ ވަޔޮލިން ކުޅުމުގެ ހުނަރަށް އެއްވެސް ކަހަލަ ގެއްލުމެއް އައުމުން ދުރުކުރުމުގެ ގޮތުންނެވެ.

އޭނާގެ ޓިއުމާ އުފެދިފައި ވަނީ ޑެގްމާގެ ސިކުނޑީގެ ފްރޮންޓަލް ލޯބްގެ ކަނާއަތްފަޅީގަ އެވެ. ސިކުންޑީގެ އެ ސަރަހައްދަކީ ޑެގްމާގެ ވާއަތުން ނާޒުކު ހަރަކާތްތައް ކުރުމަށްޓަކައި ކޯޑިނޭޓްކުރުމުގައި މަސައްކަތްކުރާ ބައި ކަމަށް ޑޮކްޓަރުން ބުނެއެވެ. އެ ސަރަހައްދަކީ ޑެގްމާގެ ވަޔޮލިން ކުޅުމުގެ ހުނަރަށް މުހިއްމު ސަރަހައްދެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

"ވަޔޮލިން ކުޅުމަކީ އަހަރެން އަބަދު ވެސް ދެކުނު ހުވަފެނެއް. އުމުރުން އެންމެ 10 އަހަރުން ފެށިގެން އަހަރެން މި ދަނީ ވަޔޮލިން ކުޅެމުން. އަދި ވަޔޮލިން ނުކުޅެވޭނެ ކަހަލަ ކަމެއް ހިތަށް އެރުވިޔަސް ވަރަށް ހިތަށް އަސަރު ކުރޭ،" ޑެމްގާ ބުންޏެވެ.

އޭނާގެ އޮޕަރޭޝަން ކުރާއިރު ވަޔޮލިން ކުޅުމުގެ ހިޔާލު ދީފައި ވަނީ ނިއުރޯސާޖަން އެއް ކަމަށްވާ ޑރ. ކިޔުމާސް އަޝްކަން އެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް 400 ވަރަކަށް ސިކުނޑީގެ ޓިއުމަރުގެ އޮޕަރޭޝަން އެބަކުރަން ކޮންމެ އަހަރަކު. ގިނަ ފަހަރަށް ޕޭޝަންޓު ވާހަކަ ދެއްކުމަށް ލަފާ ދެން. އެކަމުން އެއްވެސް ކަހަލަ އިންސްޓްރުމެންޓް އެއް ކުޅުމަށް ބުނި މިއީ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.

ޑެގްމާގެ އޮޕަރޭޝަންގެ ކުރީން ޑޮކްޓަރުން ދެ ގަޑިއިރު ހޭދަކުރީ އޭނާގެ ސިކުނޑީގެ ހަރަކާތްތައް މެޕް ކުރުމަށެވެ. ސިކުނޑި މެޕް ކޮށްފައި ވަނީ ވަޔޮލިން ކުޅޭއިރު ޑެގްމާގެ ސިކުނޑީގެ އެކްޓިވް ސަރަހައްދުތައް ބެލުމަށް ކަމަށް ޑޮކްޓަރުން ބުނެއެވެ.

އެ އޮޕަރޭޝަންގައި ޑޮކްޓަރުން ވަނީ ޑެގްމާގެ ޓިއުމަރުގެ 90 ޕަސެންޓް ކާމިޔާބު ކަމާއެކުގައި ނަގާފަ އެވެ.

comment ކޮމެންޓް