މާލެ އާއި އައްޑޫ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓު ޑރ. މުއިއްޒު އަދި ވޮލީ ލަތީފަށް

އައްޑޫގެ މޭޔަރު ކަމަށް ޕީޕީއެމް އިން ވާދަކުރައްވާ މުހައްމަދު ލަތީފް އަދި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް އިން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ޕީއެސްއެމް އަދި ސަން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކުރިމަތިލައްވައިފިއެވެ.

ޑރ. މުއިއްޒު އަދި ލަތީފް ވެސް ވަނީ މިހާރު ދެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ.

އެންމެ ބޮޑު ދެ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ޑރ. މުއިއްޒު އަދި ލަތީފް ވާދަކުރައްވާނެކަން ޕީޕީއެމް އިން ވަނީ ޔަގީންކޮށްދީފައެވެ.

އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިރޭ "ސަން" އަށް ވިދާޅުވީ ޑރ. މުއިއްޒަކީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އެންމެ ގާބިލް ކެނޑިޑޭޓު ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވީ ސިޔާސީ ގޮތުން ސަރުކާރާ ފިކުރު ތަފާތު ބޭފުޅުން ކަމަށާއި، މާލެ ސިޓީގެ ތަރައްގީއަށް ސަރުކާރުން ކުރަން ބޭނުންވި ކަންކަމަށް ކައުންސިލުން ހުރަސް އަޅަމުން ދިޔަ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ އިރުޝާދާއެކު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު މާލެ ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ގެނެސް، މާލޭގެ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ފަހުން މާލޭ ސިޓީއަށް އައިސްފައި އޮތް ބަދަލެއް ވިއްޔާ އެއީ ހަމަ ޑރ. މުއިއްޒުގެ މިނިސްޓަރުކަމުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކޮށްދެއްވާފައި ހުރި ކަންކަން. ވަރަށް ބޮޑެތި ފަސޭހަތައް،" ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ނޭވާ ލެވޭނެ ގޮތަށް ޕާކުތައް ހެދުމާއި، ސިނަމާލެ ބުރިޖުގެ ކަންކަން ގާތުން ބެއްލެވުން ފަދަ ކަންކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ޑރ. މުއިއްޒަކީ ދެވަނަ އުމަރު ޒާހިރު ކަމަށެވެ.

"މާލެ ސިޓީއަށް މުއިއްޒު ވަރުގެ މޭޔަރެއް ނުލިބޭނެ. ހަމަ ޔަގީން. ކިތަންމެ ރީއްޗަކަށް ވެސް ވާހަކަ ދައްކާ މީހުން ތިބެދާނެ. އެކަމަކު އަމަލުން މާލެ ސިޓީގެ ކަންތައްތައް ހައްލުކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް އެންމެ ވިސްނުންތެރިކަމާއެކު ކޮށްދެއްވި ބޭފުޅަކަށް މުއިއްޒު ވާނެ،" ޝިޔާމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓު ދީފައިވާ ހިތަދުއަށް ނިސްބަތްވާ ލަތީފްއާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ލަތީފަކީ ޕީޕީއެމް އުފެދުނު ހިސާބުން ފެށިގެން ވެސް ޕާޓީއަށްޓަކައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގާބިލް ބޭފުޅެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިހާރު އައްޑޫ ސިޓީ ކައުންސިލުގައި ތިއްބެވި އެމްޑީޕީގެ ފަރާތްތަކާ އެކު އައްޑޫ ރައްޔިތުން ވަރަށް ދިގު ދަތުރެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލަރުންނާއެކު އައްޑުއަށް ލިބިފައިވާ ކުރިއެރުންތަކާއި ތަރައްގީގެ ހިސާބު ޖަހާލުން މުހިންމުކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ މިހާރު އެ ތިއްބެވި ކައުންސިލަރުންގެ ފަރާތުން އައްޑޫ ސިޓީއަށް ލިބުނު ފައިދާއެއް،" ޝިޔާމް ވިދާޅުވިއެވެ.

ލަތީފަކީ، ސިޓީތަކުގެ ތަރައްގީއަށް ރައީސް ޔާމީން ގެންގުޅުއްވާ ތަސައްވުރު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލުގައި ތިބޭ ފަރާތްތަކާ މަތިކޮށްފައިވާ ޒިންމާތަކަށް ވެސް ލަތީފް ފަރިތަވާނެ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ލަތީފަށް ތައުރީފުކުރައްވައިފައެވެ.

ޝިޔާމް ވިދާޅުވީ އައްޑުއަށް މިހާރު ދިމާވެފައިވާ ދަތިތަކާ، އައްޑޫ ރައްޔިތުން ބޭނުންވާ ކަންކަން ލަތީފަށް އެނގިވަޑައިގަންނަވައެވެ. އަދި އައްޑޫގެ ތަރައްގީއަށް ލަތީފްގެ ވަރުގަދަ ތަސައްވުރެއް އޮތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އައްޑޫގެ ވަތަނީ ރޫހުގައި ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ. އަޅުގަނޑަކަށް ހިޔެއް ނުވެ އައްޑޫއާ މެދު ލަތީފް ގެންގުޅޭ ވަރުގެ ތަސައްވުރެއް އެހެން ބޭފުޅަކު ގެންގުޅޭނެ ހެން،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް އިން ޑރ. މުއިއްޒު އަދި ލަތީފަށް ޓިކެޓު ދީފައިވާއިރު، އެންމެ ވާދަވެރި އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނީ އެ ޕާޓީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރެވެ. އަދި އައްޑޫ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވާފައި ވަނީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރެވެ.

އަނަސް އަދި ނިޒާރު ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރެއްވީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވައި، މިހާރު މާލެ އަދި އައްޑޫ ސިޓީގެ މޭޔަރުކަމުގައި ތިއްބެވި ޝިފާ މުހައްމަދާއި އަބްދުﷲ ސޯދިގު (ސޯބެ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް