ޓާމިނަލް އާގުޅިގެން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވަނީ އިންތިހާބު އަނބުރާލަން: އިދިކޮޅު

ޕީޕީއެމް-ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

އެއާޕޯޓްގައި އަލަށް ހަދާފައިވާ ސީޕްލޭން ޓާމިނަލުން ބޮޑު ބައެއް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ދޭން ޖެހިފައިވާ މައްސަލައިގައި ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލަން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުގެ ދަށުން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގާނެ ބަޔަކާ ގުޅޭ ބަހުސް ބޮޑުވެފަައިވަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ޓާމިނާލް ދޫކުރާނެ ގޮތްތަކެއް މިމަހުގެ ފަސް ވަނަ ދުވަހު ކަނޑައަޅައި އެކަން އެމްއޭސީއެލްއަށް އަންގައިފަ އެވެ.

އެގޮތުން ޓީއެމްއޭއަށް ބިން ދޫކޮށްފައިވާ އަގަށް އާ ސީޕްލޭން ޓާމިނަލުން 6300 އަކަމީޓަރު، މިހާރުވެސް ބިން ދީފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ދޫކުރަން ނިންމި އެވެ. އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ތަން ކުއްޔަށް ދޭން ނިންމި އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ކުރީގެ ސަރުކާރުން ޓީއެމްއޭއަށް ދިފައިވާ އެތައް ޔަގީންކަމެއްގެ ސަބަބުން، ބޮޑު ގެއްލުމަކުން އަރައިގަންނަން މިވަގުތަށް ދައުލަތަށް އޮތް އެންމެ ފައިދާ ބޮޑު ހައްލަކީ އެއީ ކަމަށެވެ.

އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ނިންމާފައި އޮތީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް ޓީއެމްއޭއަށް އާ ޓާމިނަލް ހިންގަން ދޭން ކަމަށެވެ. އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް އެކަމަށް ރުހުން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިސަރުކާރުން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކުރަން ފެށި އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ވަކި ބަޔަކު ހިންގާގޮތަށް، ވަކި އަގެއް ކަނޑައަޅާ، ވަކި ގޮތަކަށް އެކަން ކުރުމަށް ސަރުކާރުން އެމްއޭސީއެލް އަށް އިރުޝާދު ދީފައި ނުވާނެ ކަމަށެވެ.

އަދި ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވަމުން އަންނަނީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވުމުގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލައި ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށެވެ.

"ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާ ވާހަކަދައްކަމުން ދަނީ މި ސަރުކާރުގެ ދެއުޅި އެއްނުވާ ދިއުޅި އިގްތިސޯދީ ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލައި ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށް މި ކޯލިޝަނުން ދެކެމެވެ." އެ ބަޔާނުގައިވެއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ޓާމިނަލް އާ ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތައް ކުށްވެރިކޮށްފައެވެ.

ބަޔާނުގައި ބުނެފައި ވަނީ 2013 ވަނަ އަހަރު ރައީސް ޔާމީން ވަރިކަމާ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވީ ވީރާނާވަމުން ދިޔަ ރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް އަޅުވައި، ގައުމާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސޯދީ ސިނާއަތްތައް ދިވެހި ރައްޔިތުންނަށާއި ގައުމަށް މަންފާއާއި ލާބަ ލިބެނެވި ގޮތަށް ތަރައްގީކޮށް ކުރިއރުވުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސޯދު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފެންވަރުގައި ރޭޓު ކުރެވި ހާމަކަންބޮޑު ވެށްޓެއްގައި މާކެޓުކުރެވި އިންވެސްޓަރުންގެ އިތުބާރު ގާއިމު ކުރެވުނު ކަމަށް އެ ބަޔާނުގައިވެއެވެ.

"ވާޒީފާގެ ބާޒާރަށް ތިޔާގިކަމާއި ދިރުން ގެނެވުނެވެ. އުމްރާނީ ތަރައްގީއަށް އެއްވެސް ޒަމާނެއްގައި ނުދެވޭ އަހައްމިއްޔަތު ދެވުނެވެ." ބަޔާނުގައިވެއެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާމެދު ބަހުސް ކުރެވެމުންދާއިރު، ފިނޭންސް މިނިސްޓްރީ އިން ނިންމާފައިވަނީ ޓީއެމްއޭ އަށް، މިހާރުވެސް އެކުންފުނިން ލައުންޖު އޭރިއާގެ ގޮތުގައި ބޭނުންކުރާ ވަރުގެ ސަރަހައްދެއް އާ ޓާމިނަލުން ދެ އަހަރަށް ކުއްޔަށް ދިނުމަށެވެ. އެއީ 10.35 މިލިއަން ޑޮލަރުގެ އަގަކަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި ސީޕްލޭން ޓާމިނަލް ހިންގުން އެމްއޭސީއެލްގެ ބަދަލުގައި އޮޕަރޭޓަރުންނަށް ދީފިނަމަ ދައުލަތަށް ގެއްލުންވާނެ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ސަރުކާރުން މިއަދު ސަރުކާރުގެ ނިންމުމަކީ ހުރިހާ ފަރާތަކަށް ވެސް ފައިދާވާނެ ގޮތް ކަމަށާއި، އެ ނިންމުމުގެ ސަބަބުން ފައިދާގެ އަދަދަށް ބަދަލު އަޔަސް ގެއްލުމެއް ނުވާނެ ކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުން ނިންމާފައި އޮތް ގޮތުން ދައުލަތަށް އަހަރަކު ލިބޭނީ 5.7 މިލިއަން ޑޮލަރު ކަމަށާއި މި ސަރުކާރުން ނިންމި ނިންމުމުން 33 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް