ހުސޭނުބޭ ރަހީނުކުރި އެކަކުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ

ހއ. ހޯރަފުށީ ސީވިއު، ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަނީނުކުރިކަން ސާބިތުވެފައިވާ އަހްމަދު އިބްރާހީމް (ކ)، އާއި މުހައްމަދު ލަތީފް (މ) އަދި ނުއުމާން އަބްދުﷲ (ވ) -- ސަން ފައިލް ފޮޓޯ

ދެހާސް ދިހަވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަހީނުކުރި މައްސަލާގައި، ދަށު ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެކަކުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ހުސޭނުބޭ ރަނީނުކުރުމުގެ ކުށުގައި ތިން މީހަކު އުމުރަށް ޖަލަށް ލާން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމް އިއްވާފައި ވަނީ ހއ. ހޯރަފުށީ އުންމީދީ މަންޒިލް، އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ، ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.

މާދަމާ ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ ލަތީފްގެ އިސްތިއުނާފު އަޑުއެހުމެވެ. އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 11:15 އަށެވެ.

ދައުލަތުން އެ ތިން މީހުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނައަދަދެއްގެ ވެލިތަކެއް އަޅައި ނޭވާ ހާސްކޮށްލާފައިވާ ކަމަށެވެ.

ހުސޭނުބޭ ރަހީނުކޮށް ކުރި އަނިޔާގެ ސަބަބުން މަރުވިކަމަށް ދައުލަތުން ހުށަހެޅި ހެކިން ކޯޓުގައި ވަނީ ބުނެފައެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެ ތިން މީހުންގެ މައްޗަށް އިއްވި ހުކުމުގަައި ބުނެފައި ވަނީ ހުސޭނުބޭ މަރާލުމުގެ ގަސްތު އެ ތިން މީހުންގެ އޮތްކަން ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ރަހީނު ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ޝަރީއަތަށް ހުށަހެޅި ސައިންޓިފިކް ހެކިތަކުންނާއި، ހެކީންގެ ބަހުން އެ ދައުވާ އެމީހުންގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކުރީގެ ޓެރަރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގައި ބުނެފައިވަނީ ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެފަދަ އަމަލެއް ކުރާ މީހެއްގެ އުގޫބާތަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވައްކަމުގެ ދައުވާވެސް އުފުލިއެވެ. އެ ދައުވާގައި ބުނެފައިވަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެ ތިން މީހުން ހުސޭނުބޭ ދިރިއުޅުނު ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށެވެ.

މައްސަލައިގައި ހިމެނޭ ބައެއް މީހުންނާ ގުޅުން ހުރި ތަންތަނުން ބައެއް ފައިސާ ފެނިފައިވާ ކަމަށް ދައުލަތުން ހުށަހެޅި ބައެއް ހެކިން ވަނީ ކޯޓުގައި ބުނެފައެވެ.

comment ކޮމެންޓް