ޓާމިނަލާ ގުޅޭ ހުރިހާ ކަމެއް ސާފުކޮށްދީފި، ފައިދާއަށް ބަދަލު އަޔަސް ގެއްލުމެއް ނުވާނެ

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާ ސީޕްލޭން ޓާމިނަލް މައްސަލައިގައި ސަރުކާރުގެ ނިންމުމަކީ ހުރިހާ ފަރާތަކަށް ވެސް ފައިދާވާނެ ގޮތް ކަމަށާއި، ފައިދާގެ އަދަދަށް ބަދަލު އަޔަސް ގެއްލުމެއް ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުގެ ނިންމުމާ ގުޅޭ ތަފްސީލު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި މައްސަލަ ނިންމާ ގޮތަކުން ފައިދާގެ ގޮތުގައި ލިބޭ އަދަދަށް ބަދަލެއް އަޔަސް، ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

މިނިސްޓަރު އިޝާރާތް ކުރެއްވީ އޭސީސީން އެ މައްސަލައިގައި ނެރުނު ރިޕޯޓުގައި ސީޕްލޭން ޓާމިނަލް ހިންގުން އެމްއޭސީއެލްގެ ބަދަލުގައި އޮޕަރޭޓަރުންނަށް ދީފިނަމަ ދައުލަތަށް ގެއްލުންވާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށެވެ.

"ތެއްތިރީސް މިލިއަން ވެސް އަދި އެއަށްވުރެ އިތުރަށް ލިބުމަކީ ވެސް ފުރުސަތު އޮތް ކަމެއް. ގެއްލުން ލިބޭ ގޮތަކަށް ނޫން މި ކުރަނީ. ފަހަރެއްގައި ލިބިދާނެ ފައިދާ ބޮޑުވެދާނެ، އެހެން ނަމަވެސް މުޅި ޑިޒިޝަން މޭކް ކުރުމުގައި މި ބެލީ ހުރިހާ ކަމަކަށް ބަލާފައި، އެންމެ ރަނގަޅު ހައްލަކީ އެއީ ކަމަށްވާތީ،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އޭސީސީގެ ރިޕޯޓުގައި ފައިދާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ ޓާމިނަލް ލައުންޖުތައް 100 ޕަސެންޓު އޮކިއުޕެންސީގައި ހިންގައިގެން ލިބޭނެ އަދަދު ކަމަށެވެ.

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

"އޭސީސީ ރިޕޯޓު ތައްޔާރުކޮށްފައި އެ ބޭފުޅުން އެ އަދަދު އައި ގޮތަކީ ކޮންމެހެން އަޅުގަނޑުމެން ގަބޫލުކުރާ އަދަދެއް ނޫން. އެ ބޭފުޅުންގެ އަދަދުތައް އެހެރީ 100 ޕަސެންޓު އެންމެ ބޮޑު އަގުގައި، [ރިސޯޓު ގޮތަށް ދަންނަވާނަމަ] ފުލް އޮކިއުޕެންސީއެއްގައި ކުރެވޭނެ ކަމަށް އަންދާޒާ ކުރައްވާފައި. އާންމުކޮށް އަންދާޒާ ކުރާނީ މުޅި އެތި އެއްކޮށް އެންމެ ބޮޑު އަގުގައި ދެވޭނެ ކަމަކަށް ނޫން ޓެންޑާގައި. އަންދާޒާ ކުރުމުގައި ގެންގުޅޭ މިންގަނޑުތަކެއް ހުންނާނެ،"

އަންދާޒާ ކުރުމުގައި ސީދާ ވަކި މިންގަނޑެއް ދަންނަވަން އެނގިވަޑައިނުގަންވާ ކަމަށާއި އޮޑިޓާ ޖެނެރަލް ލަފާކުރެއްވީ އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ ކުޑަ އަދަދެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ކޮންމެހެން އޮޑިޓާ ޖެނެރަލް ވިދާޅުވި އަދަދު ވެސް، އޭސީސީ ވިދާޅުވި އަދަދަކީ ވެސް އެއީ ލިބޭނެ އެއްޗެއް ކަމަކަށް. އަޅުގަނޑުމެންގެ އަންދާޒާގައި ވަރަށް ކޮމްފޮޓަބަލް ލެވެލްއެއްގައި ވިސްނީމަ ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ 25 މިލިއަން ޑޮލަރު ވަރު ލިބޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މި މައްސަލައިގައި ގޮތެއް ނިންމުމުގައި ގާނޫނީ އެއްވެސް ބަނދެވުމެއް އޮތްތޯ ބަލާފައިވާނެ ކަމަށާއި އެފަދަ ބަނދެވުމެއް ނެތުމުން ދައުލަތުން ބަދަލެއް ދޭން ޖެހޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީގެ އިތުރުން އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ ނިންމުން ނިންމުމުގައި ބެލީ ވަކި ބަޔަކު ޓާމިނަލް ހިންގައިގެން ދައުލަތަށް ލިބޭނެ ފައިދާއަށް އެކަނި ނޫން ކަމަށެވެ.

ހަމައެއާއެކު އެ ނިންމުމަކީ ކުރީގެ ނިންމުމަށްވުރެ ދައުލަތަށް ފައިދާ ބޮޑުވާނެ ނިންމުމެއް ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އެގޮތުން ކުރީ ސަރުކާރުން ނިންމާފައި އޮތް ގޮތުން ދައުލަތަށް އަހަރަކު ލިބޭނީ 5.7 މިލިއަން ޑޮލަރު ކަމަށާއި މި ސަރުކާރުން ނިންމި ނިންމުމުން 33 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގެއްލުން މިނެ ކިރާނީ ހަމައެކަނި ފައިސާއަކުން ނޫން. ގެއްލުން މިނެކިރަން ޖެހޭ އިންވެސްޓާ ކޮންފިޑެންސަށް ވެސް އޭގެން އަސަރު ކުރާނެ މިންވަރަށް. އިންވެސްޓާ ކޮންފިޑެންސް ހިފެހެއްޓުމާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެސީއެލްއިން މި ފުލް އޮޕަރޭޝަން ނެގުމުގެ ވިސްނުމުގައި މަސައްކަތް ކޮށްފައި ނެތުމާއި އާ ޓާމިނަލް 34 މަސް ދުވަހުގެ ތެރޭގައި ހުޅުވެން އަންނާނެ ގޮތަކަށް މި ނިންމުން ނިންމާފައިވާނީ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

މިނިސްޓަރު އަމީރު ވިދާޅުވީ ޓާމިނަލް މައްސަލައިގައި މި ސަރުކާރުން ނިންމި ގޮތަކީ ފޮރިން ޑައިރެކްޓް އިންވެސްޓަމަންޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން ހުންނާނެ ފަދަ ގޮތަކަށް ކަމަށާއި އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭނެ ގޮތެއް ކަމަށެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުން ނިންމާފައި އޮތީ ޓީއެމްއޭއާއި މަންޓާއިން މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ސަރަހައްދެއް، މިހާރު ވެސް ބިމު ކުލީގެ ގޮތުގައި ނަގަމުންދާ އަގުގައި (އަކަމީޓަރަކަށް 10.35 ޑޮލަރު) އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް