ލަންކާއިން އދ.ގެ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގަރާރަށް އަމަލު ކުރުން ހުއްޓާލަނީ

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ --

ކޮލަމްބޯ (ފެބްރުއަރީ 19): ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިނގައި ދިޔަ ޖަރީމާތައް ތަހުގީގުކުރަން އެއްބަސްވެ، އދ.އާއެކު އެގައުމުން ސޮއި ކުރި ގަރާރަށް އަމަލު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު މަހިންދަ އެފަދައިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ލެފްޓެނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ އާއި އޭނާގެ އާއިލާ ބްލެކްލިސްޓުކޮށް، އެމީހުންނަށް އެމެރިކާއަށް ނުވަދެވޭނެ ކަމަށް ނިންމުމުންނެވެ.

ބޮޑުވަޒީރު މަހިންދަ އިއްޔެ ނެރުއްވި ބަޔާނެއްގައިވާ ގޮތުން ސިލްވާ ބްލެކްލިސްޓުކޮށްފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ކުރި ކަމަށް ބުނެ ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް އެއްވެސް ބަޔަކަށް ނޭނގެ އެވެ. އަދި ސިލްވާގެ އާއިލާގެ މެމްބަރުންގެ މައްޗަށް ކުށް ކުރުމުގެ ތުހުމަތު ކޮށްފައި ނުވި ނަމަވެސް އެ އެންމެންނަށް އަދަބު ދިނުމަކީ "ކުރީ ޒަމާނުގައި ޔޫރަޕްގައި" އަމަލު ކުރި ގޮތާ އެއްގޮތެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކުށުގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތުވަންދެން އެއީ މައުސޫމު މީހެއް ކަމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގައި އޮތް ނަމަވެސް ސިލްވާ އާއި އޭނާގެ އާއިލާއާ މެދު އަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރުގެ ބަޔާނުގައިވާ ގޮތުން ލަންކާގެ ސިފައިންނަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ބަޔެއް ކަމަށް ކަނޑައެޅުމަށް އެހެން ގައުމުތަކަށް ފުރުސަތު ދީފައި ވަނީ މީގެ ކުރިން އޮތް ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ސަރުކާރުން، 2015 ވަނަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ގަރާރު 30/1ގައި ސޮއި ކުރުމުންނެވެ.

އެ ގަރާރުގައި ވަނީ ލަންކާ ހަނގުރާމައިގައި ބައިވެރިވި ދެ ފަރާތުން ހިންގި ޖަރީމާތައް ތަހުގީގުކުރުމަށް މިނިވަން ޕެނަލެއް އެކުލަވާލުމަށް ގޮވާލާފަ އެވެ.

މަހިންދަ ވިދާޅުވި ގޮތުގައި އެ ގަރާރު ހަދާފައި ވަނީ 2011 ވަނަ އަހަރު، އޭރުގެ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެޖަމްއިއްޔާގެ ގަވާއިދުތަކާ ހިލާފަށް އުފެއްދި ތިން މެމްބަރުންގެ ކޮމިޓީއަކުން އެކުލަވާލި ނުރަސްމީ ރިޕޯޓެއްގައި ހިމެނޭ މައުލޫމާތު އެކުލަވާލައިގެންނެވެ. އެހެންކަމުން ލަންކާގެ މިހާރުގެ ސަރުކާރުން ވަނީ އެ ގަރާރުގެ ކޯ-ސްޕޮންސާޝިޕް އަނބުރާ ގެންދަން ނިންމާފަ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ވަނީ ގަރާރު 30/1ގެ ކޯ-ސްޕޮންސާޝިޕް އަނބުރާ ގެންދަން ނިންމާފައި،" މަހިންދަގެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލަންކާ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ސިލްވާ މިދިޔަ އޮގަސްޓު މަހު އަސްކަރިއްޔާގެ ކޮމާންޑަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެވެ.

އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަ ވަނީ ރައީސް ކަމަށް އިންތިހާބުވެފަ އެވެ. އަދި ބޭބެފުޅު މަހިންދަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ އޭގެ ފަހުންނެވެ.

އެ ދެ ބޭފުޅުން ވަނީ 2009 ވަނަ އަހަރު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. ނަމަވެސް އެ ހަނގުރާމައިގެ ތެރޭ ސިފައިންނާއި ތަމަޅަ ހަނގުރާމަވެރިންވެސް ޖަރީމާތައް ހިންގާފައިވާ ކަމަށް އދ.އިން ބުނެ އެވެ.

އެގޮތުން ހަނގުރާމައިގައި އިންސާނީ ހައްގުތަކާ ހިލާފަށް ލަންކާ އަސްކަރިއްޔާއިން އަމަލު ކުރި ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން 2013 ވަނަ އަހަރު ފާސް ކުރި ގަރާރުގައި ސިލްވާގެ ނަން ވެސް ފާހަގަކޮށްފައިވެ އެވެ.

ސިލްވާގެ މައްޗަށް ވަނީ ހަނގުރާމައިގައި އާއްމު ރައްޔިތުންނާއި ހޮސްޕިޓަލްތަކަށް ހަމަލާދީ، ޓަމިލް ރައްޔިތުންނަށް އިންސާނީ އެހީ ހުއްޓުވި ކަމުގެ ތުހުމަތުކޮށްފަ އެވެ.

އެހަނގުރާމައަށް ފަހު 2010 އިން 2015އަށް ސިލްވާ ވަނީ ލަންކާގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ ގޮތުގައި އދ.ގައި މަސައްކަތް ކުރައްވާފަ އެވެ.

comment ކޮމެންޓް