ވައިގެ ތެރޭގައި ދެ ބޯޓު ޖެހި، އޮސްޓްރޭލިއާގައި ހަތަރު މީހަކު މަރުވެއްޖެ

އޮސްޓްރޭލިއާގައި ވައިގެ ތެރޭގައި ދެ ބޯޓު ޖެހި، ހަތަރު މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭބީސީ

ކެންބެރާ (ފެބްރުއަރީ 19): އޮސްޓްރޭލިއާގެ މެލްބަން ކައިރީ ވައިގެ ތެރޭގައި ދެ ކުޑަ މަތިންދާބޯޓު ޖެހި، ހަތަރު މީހަކު މަރުވެއްޖެ އެވެ.

މެލްބަންއާ 120 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއްގައި މިއަދު އެ ހާދިސާ ހިނގި އިރު ދެ ބޯޓުގައިވެސް ތިބީ ޕައިލެޓަކާއި ފަސިންޖަރަކު އެކަންޏެވެ. އެހާދިސާގައި ބޯޓުގައި ތިބި ހަތަރު މީހުންވެސް ވަގުތުން މަރުވި ކަމަށް ވިކްޓޯރިއާ ސްޓޭޓުގެ ފުލުހުން ބުންޏެވެ.

"ދެ ބޯޓު ވައިގެ ތެރޭގައި ޖެހުމަށް ފަހު ވެއްޓުނީ ކަމަށް ބެލެވެނީ. އެހާދިސާގައި ދެ ބޯޓުގައި ތިބި ހަތަރު މީހުން ވަނީ ވަގުތުން މަރުވެފަ،" ފުލުހުން ނެރުނު ބަޔާނެއްގައިވެ އެވެ.

އޮސްޓްރޭލިއާގެ ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ވަނީ އޭގެ ތެރެއިން އެއް ބޯޓަކީ ފްލައިޓް ސްކޫލަކަށް ރެޖިސްޓާކޮށްފައިވާ ބޯޓެއް ކަމަށާއި ދެވަނަ ބޯޓަކީ އަމިއްލަ ބޯޓެއް ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިއާގެ ފުލުހުން ދަނީ މިހާރު އެހާދިސާ ތަހުގީގުކޮށް، މަރުވި މީހުންނަކީ ކޮން ބައެއްތޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ބޯޓު ނައްޓާލީ ހާދިސާ ހިނގި ސަރަހައްދާ ކައިރީ އޮންނަ އެއާޕޯޓަކުންނެވެ. ނަމަވެސް ދެވަނަ ބޯޓު ދަތުރު ފެށީ ކޮން ތަނަކުން ކަމެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް