444 ރުފިޔާގެ މައްސަލާގައި މެމްބަރުންގެ ސުވާލުތަކެއް!؟

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 444 ރުފިޔާ ދައްކަން އޭސީސީއިން އަންގައި ނިންމި ނިންމުމާ މެދެ މެމްބަރުން ސުވާލު އުފައްދައި އެ މައްސަލާގައި އޭސީސީއަށް ގޮންޖަހަން ބޭނުންވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް މުހައްމަދު ނަޝީދަށް އެންގީ މިއަދުއެވެ.

އެމައްސަލާގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމައްސަލާގައި ޗެލެންޖް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް މެމްބަރުން ބޭނުންވާ ނަމަ އެކަން ކުރެވިދާނެ ކަމަށެވެ.

މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑު ގަސްތެއް ނުކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުގެ މި ނިންމުމަކަށް ޗެލެންޖް ކުރާކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުގެ މެމްބަރުން ބޭނުންވާނަމަ ޗެލެންޖް ކުރެވޭނެ ކަމަށާއި، އެއީ މަޖިލީހުގެ ރައީސް އެކަމުގައި ހިމެނިގެން ދާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ "ހިތުގައި އޮތީ އިއްޒަތްތެރި މެމްބަރުން 444 ރުފިޔާ ދެއްވައިފިޔާ" މަޖިލީހަށް އެފައިސާ ދިނުން ކަމަށެވެ.

"އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ސެކިއުރިޓީ އަޅުގަނޑު ކައިރީގައި ނުބަހައްޓައި ތަނަކަށް ދިކަޔަވެސް ނުދޭ. ދެން ގޮވައިގެން ގޮސްގެންވެސް މިކަމުގައި ގޯހެއް އެބަހިނގާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މަޖިލީހުގެ އިދާރާއަށް 444 ރުފިޔާ ދައްކަން ޖެހޭ ކަމަށް އޭސީސީއިން ނިންމި މައްސަލައާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މައްސަލައަކީ 444 ރުފިޔާ ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.

"އަޅުގަނޑު ބޭނުން މިކަމާ ޗެލެންޖް ކުރަން. އަޅުގަނޑުމެންގެ ޕާޓީ އެމްޑީޕީއިން ބޭނުން މިކަމާ ޗެލެންޖެ ކުރަން." އާޒިމް ވިދާޅުވިއެވެ.

ރަސްމީ ދަތުރުތަކުގައި ގޮސްފައި ރައްޓެއްސަކާ ބައްދަލު ކުރުން ފަދަ ކަންކަން ދައުލަތުގެ ވަސީލަތް ބޭނުންކުރުން ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

ކެންދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އޭސީސީއިން މަޖިލީހުގެ ރައީސްއާ ބެހޭ ގޮތުން ނިންމާފައި އޮތީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ފަދަ ނިންމުމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މަޖިލީހުގެ ބައެއް ކަމަށާއި އެހެންވީމާ ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވިޔަސް އޭސީސީއާ ޗެލެނެޖްކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށް އީސަ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އޭސީސީއިން ނިންމާފައި އޮތް ނިންމުމެއް ނަމަވެސް ޗެލެނެގް ކުރެވޭނެ ކަމަށެވެ.

"ހަށިފާރަވެރިން މިއަށް އަންނާތީ އަޅުގަނޑު އެބަ ވަރަށް ކަންބޮޑުވޭ. ތި ވިދާޅުވިހެން މަނިކުފާނު އެދިވަޑައިގެން ނުވަތަ އެއްވެސް ވަޒީރަކު އެދިވަޑައިގެންނެއްވެސް ދޭ ހަށިފާރަވެރިންނެއް ނޫން އެއީކީއެއް. ނުވަތަ އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެއްވެސް ނޫން. ނުވަތަ އަޅުގަނޑުވެސް ބުނެގެނެއް ނޫން." އީވާ ވިދާޅުވިއެވެ.

އަދި ދައުލަތުން އިނާޔަތާއި ކާރާ ދީފައި ހުންނަ މަގަމުތަކުގައި ތިބޭމީހުން އެތަކެތި ބޭނުން ކުރަނީ ކިހިނެތްތޯ ސާފުކޮށްލަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ބައެއް ބޭފުޅުން އަމިއްލަ ބޭނުމަށް ކާރާ ތަކެތި ބޭނުން ކުރާ ކަމަށް އީވާ ތުހުމަތު ކުރެއްވިއެވެ. އެމައްސަލައާ ގުޅިގެން ކުރިއަށް ދާނެ ގޮތެއް މަޖިލީހަކުން އަދި ނުނިންމަ އެވެ.

comment ކޮމެންޓް