ކުޅުދުއްފުށީގެ 40 ރޯހައުސް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

މަރާމާތުކުރަން ހުޅުވާލި މާފަލުހިޔާގެ ރޯހައުސްތައް----ފޮޓޯ: ކޭއޯ

ކުޅުދުއްފުށި ސިޓީގެ މާފަލުހިޔާ ސަރަހައްދުގައި ހަދާފައިވާ 40 ރޯހައުސް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ފެނަކައިން އިއުލާންކޮށްފި އެވެ.

ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މާފަލުހިޔާގައި ހެދި ރޯހައުސްތައް މިހާރު ވަނީ ހަލާކުވެ މަރާމާތަށް ވަރަށް ބޮޑަށްް ބޭނުންވެފަ އެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ރޯހައުސްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރި އެވެ. ނަމަވެސް އެތަން ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި ހުރުމުން މީހުންނަކަށް ނުވަދެވުނެވެ.

އެ ރޯހައުސްތައް މަރާމާތުކުރަން ހައުސިން މިނިސްޓްރީއާ ފެނަކައިން ހަވާލުކުރީ މިދިޔަ ނޮވެމްބަރުމަހު އެވެ. ތޭވީސް މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ 190 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ނަމަވެސް އެ މަސައްކަތް މިހާތަނަށް ވެސް ފަށައިފައެއް ނުވެ އެވެ.

ފެނަކައިން މިއަދު ކުރި އިއުލާންއެއްގައި ބުނީ ރޯހައުސްތައް މަރާމާތުކުރުމަށް ބިޑްކުރުމަށް މިމަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

"މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. ހައުސިން މިނިސްޓްރީން ފެނަކައާ ހަވާލުކުރިޔަސް ފެނަކައަކީ މިކަހަލަ މަސައްކަތް ކުރާ ބައެއް ނޫން. އެހެންވީމަ ފެނަކައިން ވެސް މިޖެހެނީ އެހެން ބަޔަކާ ހަވާލުކުރަން. އެހެންކަމުން ރޯހައުސްތައް މަރާމާތުނުކުރެވި އިތުރު ދުވަސްތަކެއް ހަމަދަނީ. އޭގެ ގެއްލުން ހަމަ ރައްޔިތުންނަށް ލިބެނީ،" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސން ވިދާޅުވި އެެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯހައުސްތައް އެޅުމަށް ހަވާލުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް މީހުން އުޅެން ފަށައިފައި ވަނީ ކަނބޯރަނިހިޔާ ސަރަހައްދުގައި ހެދި 25 ރޯހައުސްގައި އެކަންޏެވެ.

އެސިޓީގެ ބަންޑާރަހިޔާގައި ހަދަން ފެށި 100 ރޯހައުސްގެ މަސައްކަތް ހުއްޓިފައި އޮތް ގޮތަށް އަދި ވެސް އޮތީ އެވެ.

https://sun.mv/129055

"ރާނާ ހިޔާކޮށް ސިމެންތި ޖަހާފައި ހުރި ގޮތަށް ހުރީ. އެހެން ގޮސް ވީރާނާވާން ކައިރިވެ ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބުގަ އޮތީ" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބަށް ކެމްޕެއިންއަށް ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

comment ކޮމެންޓް