އިންޑޮނޭޝިއާއިން ހައްޔަރެއް ނުކުރޭ، ވިސާ ނުދިނީ: މުހައްމަދު ހަސަން

މަކްތަބާ ސަލަފިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަސަން ވާޙަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މަކްތަބާ ސަލަފިއްޔާގެ އިސްފަރާތް ޝޭއިހް މުހައްމަދު ހަސަންއާއެކު އިންޑޮނޭޝިއާއަށް ދަތުރު ކުރި ތިން ދިިވެހިން ހައްޔަރު ނުކުރާ ކަމަށާއި އެގައުމުން އެ މީހުންނަށް ވިސާ ނުދީ އެތެރެވުން މަނާ ކުރީ ކަމަށް މުހައްމަދު ހަސަން ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބުނީ، މިމަހުގެ 13 ވަނަ ދުވަހު މެލޭޝިޔާ މަގުން ރާއްޖެއިން އިންޑޮނީޝިއާއަށް ދިޔަ ހަތަރު ދިވެހިން ހައްޔަރު ކުރިކަމުގެ މައުލޫމާތު އެ މުއައްސާއަށް ލިބިފައިވާ ކަމަށެވެ. އަދި ފަހުން އެމީހުން ހައްޔަރުކޮށް ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ.

"ރާއްޖެއިން އިންޑޮނީޝިއާއަށް ދިޔަ ހަތަރު ދިވެހިން ހައްޔަރު ކުރިކަމުގެ މައިލޫމާތެއް ފުލުހުންނަށް ލިބިފައިވޭ. ހައްޔަރު ކޮށްފައިވަނީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ކަމާބެހޭ އިދާރާތަކުން ދިވެހި ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ. މިހާރު މި ހަތަރު މީހުން ވަނީ ދޫކޮށްލާފައި އަދި 2020 ފެބްރުއަރީ 15 ވަނަ ދުވަހު އެ ހަތަރު މީހުންވެސް ވަނީ އަނބުރާ ރާއްޖެ އައިސްފައި. މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުންގެ އިސްތަރުޖަމާނު އިޒްމިއާ ޒާހިރު މީޑިއާތަކަށް ފޮނުއްވި މެސެޖުގައިވެ އެވެ.

ހައްޔަރު ކުރި ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަންވެސް ހިމެނެ އެވެ. އޭނާ މިއަދު "ސަން" އަށް ވިދާޅުވީ، ހައްޔަރުކުރި ވާހަކަ އަކީ އެއީ ދޮގެއް ކަމަށާއި އެގައުމުން އެމީހުން ހައްޔަރު ނުކުރާ ކަމަށެވެ.

"އަޅުގަނޑު ސުވާލުކުރިން ކީއްވެހޭ ވިސާ ނުދެނީ. އެކޮޅުން [އިންޑޮނޭޝީއާ އިމިގްރޭޝަން] އިން ބުނީ އަނބުރާ ދާން ކަމަށް ޖެހޭނީ. ކޮންމެވެސް ކަމަކާ ސަސްޕެންޑް ކުރަނީއޭ ބުނީ. ސަބަބެއް ނުބުނޭ. ދެން ޓިކެޓެއް ލިބެންދެން އެއާޕޯޓުގައި މަޑުކުރީ. ފްލައިޓް ހަމަޖެހުމުން މިކޮޅަށް މިއައީ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

މުހައްމަދު ހަސަން ވިދާޅުވީ، މާލެ އައިސް ފުލުސް އޮފީހަށް އަމިއްލައަށް ހާޒިރުވެ ފުލުހުން މީޑިއާތަކަށް ދޮގު މައުލޫމާތު ދިން ސަބަބަބު އެއްސެވިކަމަށެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި އެގޮތަށް މީޑިއާއަކަށް މައުލޫމަތު ނުދޭ ކަމަށް އޭނާއަށް ފުލުހުން މައުލޫމާތު ދިނެވެ.

"[ފުލުހުން ބުނީ] މީޑިއާތަކަށް ނާންގާމޭ ބަޔަކު ހައްޔަރު ކުރި ކަމަށް. ދެން ބުނީ ލިޔުމެއް ދޭނަމޭ ހައްޔަރު ނުކުރާ ކަމަށް ބުނެ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ އިންޑޮނޭޝިއާއިން ހަތަރު ދިވެހިން ހައްޔަރުކުރި ވާހަކައިގެ އިތުރުން، އެ ކޭސްގައި އިތުރު އަޕްޑޭޓެއް ނެތް ކަމަށެވެ.

މުހައްމަދު ހަސަން އަދި ވިދާޅުވީ، އިންޑޮނޭޝިއާއަށް ދިޔައީ އޭނާއާއެކު ދަތުރުކުރި ރައްޓެހިންގެ ދައުވަތަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭނުމެއްގައި ކަމަށް ނޭނގޭކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަސްތެރޭ އިސްލާމިކް މިނިސްޓްރީން ވަނީ މުހައްމަދު ހަސަންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލްކޮށްފަ އެވެ. އޭނާގެ ހުއްދަ ބާތިލް ކުރީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން މުހައްމަދު ހަސަން ވިދާޅުވީ، މިހާތަނަށް އޭނާއަށް އެކަން އަންގާފައިވާ ނުވާ ކަމަށެވެ. އަދި އެގޮތަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރިތާ ދެމަހެއްހާ ދުވަސްވީއިރު، އަދިވެސް އެކަމާ ގުޅިގެން ސުވާލުވެސް ކޮށްފައި ނުވާކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ހުއްދަ ބާތިލް ކުރި ސަބަބު ހޯދަން އޭނާ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށެވެ.

"ޖަވާބުގައި ބުނީ، މައްސަލައެއް ބަލަނީ ކަމަށް. [ހުއްދަ ބާތިލް ކުރި ސަބަބު ބަޔާންކޮށްފި ނަމަ] މައްސަލައިގެ ކަންތައްތައް ހިއްސާކޮށްފިނަމަ، ތަހުގީގުގެ މައުލޫމާތު ހިއްސާ ކުރެވިދާނޭ ބުނީ. އެހެންވީމަ ބޭނުމެއް ނުވެޔޭ ހިއްސާ ކުރާކަަށް،"އިސްލާމިކް މިނިސްޓްރީން ދިން ޖަވާބާ ގުޅޭ ގޮތުން، މުހައްމަދު ހަސަން ވިދާޅުވި އެވެ.

މުހައްމަދު ހަސަންއާ އެކު އިތުރު ދެ އިލްމުވެރިންގެ ހުއްދަ ވެސް ބާތިލް ކުރި އެވެ. ނަމަވެސް އެ ދެ އިލްމުވެރިންގެ ހުއްދަ ބާތިލްކުރީ އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި އެމީހުން ވާހަކަ ދައްކާ ކަމަށް ބުނެ އެވެ. މުހައްމަދު ހަސަންއާއެކު ދެން ހުއްދަ ބާތިލް ކުރީ އަބްދުއްރަހީމް މުހައްމަދު، މަނަދޫގެ، ނ.ޅޮހި އާއި ޖައުފަރު ފާއިޒް، ދެކުނުގެ، ސ. މީދޫ އެވެ.

ހުއްދަ ބާތިލް ކުރި އިލްމުވެރިންގެ މައްސަލައިގައި އެންމެ ފަހުގެ ތަފްސީލު ހޯދުމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، އެކަމުގެ ފަހުގެ މައުލޫމަތު ހޯދުމަށްފަފަހު އަރުވާވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އެ މައްސަލައިގައި އެ އިލްމުވެރިންނާއެކު މަޝަވަރާތައް ބާއްވާނެ އެވެ. އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި މީހުންނާ ވެސް ވާހަކަ ދައްކައި އިސްލާހީ ބަދަލުތަކެއް ފެނިއްޖެ ނަމަ އަލުން ހުއްދަތައް މުރާޖާކުރާނެ ކަމަށް އޭރު މިނިސްޓްރީއިން ބުންޏެވެ.

https://sun.mv/129255

comment ކޮމެންޓް