ހަލުވި ސްޕީޑުގައި ނީނާގެ ޝޫޓިން ނިންމާލައިފި

ނީނާ ފިލްމުން މަންޒަރެއް --- ފޮޓޯ : ދިރާގު

ކާސްޓާއި ކްރޫގެ ބުރަ މަސައްކަތާއެކު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ.

ލ. އަތޮޅުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިޔަ އިރު އެ ފިލްމުގެ ޝޫޓިން ނިންމާލާފައިވަނީ އިއްޔެ ހަވީރެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި ލ. އަތޮޅު ގުޅިފައިވާ ތިށް ރަށް ހިމެނޭ ސަރަހައްދުގައެވެ. މާލޭގައި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ލ. އަތޮޅުގައެވެ.

ނީނާގެ ޝޫޓިން ފަށާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ. އަދި މާލޭގެ ޝޫޓިން ނިންމާލުމަށްފަހު ޓީމު ލ. އަތޮޅަށް ގޮސްފައިވަނީ މިމަހުގެ ހަތަރެއްގައެވެ.

އެ ފިލްމަށް އިންތިޒާރުކުރަންވީ ގިނަ ސަބަބުތައް އެބަހުއްޓެވެ. އެއިން އެއް ސަބަބަކީ ލީޑް ރޯލުން މުޅިން އާ ޒުވާން އެކްޓަރެއް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވުމެވެ. އެގޮތުން ފިލްމުގެ ލީޑް ރޯލަކުން ޝަރަފް އަބްދުﷲ ފެނިގެންދާނެއެވެ.

ފިލްމު ހާއްސަވާ އިތުރު ސަބަބަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނުމެވެ.

އައްޑޫގައި ދިރިއުޅެމުން އަންނަ މަރިޔަމް ރަޝީދާއަށް އިއްލެ ޓިކެޓް ދީގެން ވަނީ ލ. އަތޮޅަށް ގެންގޮސް ޝޫޓިންތަކުގައި ބައިވެރިކޮށްފައެވެ.

އިއްލެ "ސަން"އަށް ބުނީ، މަރިޔަމް ރަޝީދާ ފެނިގެން ދާނީ، ފިލްމުގެ ލީޑު ބަތަލު، ޝަރަފް އަބްދުﷲގެ މަންމަގެ ގޮތުގައި ކަމަށެވެ. މަރިޔަމް ރަޝީދާއަކީ، ޝަރަފްގެ މަންމަ "ލަތީފާ"އެވެ.

ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބާއި ޖުމައްޔިލު ނިމާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް ހިމެނެއެވެ.

comment ކޮމެންޓް