އާސެނަލްގެ އިންވިންސިބަލް ތަށި ހޯދި އީގޯރސް 19 އަހަރުން ދަށުގެ ކޯޗަކަށް ހަމަޖައްސައިފި

ފެބްރުއަރީ 19، 2020: 19 އަހަރުން ދަށުގެ ގައުމީޓީމާއި އަލަށް ހަވާލުވި ކޯޗާއި ޖާޒީ ހަވާލު ކުރުން -- ސަން ފޮޓޯ/ އަހްމަދު ސައީދު

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެއްވެސް މެޗަކުން ބަލިނުވެ ލީގު ހޯދި ހަމައެކަނި ޓީމުކަމަށްވާ އާސެނަލުގެ ރަން ދައުރުގައި އެ ޓީމަށް ކުޅުނު އީގޯރސް ސްޓެޕަނޯސް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އީގޯރސް މިއަދު ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިރު އޭނާ އެންމެ ފަހުން ކޯޗުކަން ކޮށްދީފައި ވަނީ ޔޫރޮޕުގެ ލެޓްވިއާގެ 17 އަހަރުން ދަށުގެ ޓީމަށެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޔޫރޮޕުގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅެފައިވާ އީގޯރސް އަކީ އާސެނަލުން ރަން ޕްރިމިއާ ލީގު ހޯދި އިރު ޓީމުގައި ހިމެނި ބައެއް މެޗުތައް ވެސް ކުޅެފައިވާ ކުޅުންތެރި އެކެވެ.

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު ސައީދު

އުމުރުން އެންމެ 16 އަހަރުގައި ލެޓްވިއާގެ ސްކޮންޓޯ-މެޓަލްސްއިން ފުޓުބޯޅަ ކެރިއަރު ފެށި އީގޯރސް އާސެނަލާއި ގުޅުނީ 2000 ވަނަ އަހަރު އެންމެ 1.35 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭރު އާސެނަލް ޓީމުގެ ކެޕްޓަން ޓޯނީ އެޑަމްސްއަށް އަނިޔާވުމުން ފުރަތަމަ އެގާރައިން ފުރުސަތު ލިބި އީގޯރސް ވަނީ ރަނގަޅު މެޗުތަކެއް ކުޅެފަ އެވެ.

އެގޮތުން އާސެނަލާ އެކު 17 ލީގު ގޭމް ކުޅުނު އިރު އޭނާ ވަނީ އެ ހުރިހާ މެޗެއްގައި ވެސް ފުރަތަމަ އެގާރައިން ފަށައިފަ އެވެ. ޖުމުލަ 31 މެޗު އާސެނަލަށް ކުޅުމަށް ފަހު އީގޯރސް އެ ޓީމު ދޫކޮށްލީ 2004 ވަނަ އަހަރު އެވެ. އެކަމަކު އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި އާސެނަލުން ހޯދި އެންމެ ބޮޑު ޝަރަފުގައި ޝާމިލްވެފަ އެވެ.

މީގެ އިތުރުން އީގޯރސް ވަނީ 2004 ވަނަ އަހަރު ލެޓްވިއާ އެފަހަރުގެ ޔޫރޯއަށް ކޮލިފައިވުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 100 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިފަ އެވެ.

އީގޯރސްގެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ އަހަރު އޮންނަ 19 އަހަަރުން ދަށުގެ މުބާރާތްތަކަށް މިހާރު އޮތް ޓީމު ބައްޓަން ކުރުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބުނެފަ އެވެ.

"އީގޯރސް ސްޓެޕްނޯސް އަކީ އާސެނަލްގައި ރަނގަޅު ދުވަސްވަރެއްގައި ކުޅެ، ލެޓްވިއާގެ 17 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފަ ހުރި ބޭފުޅެއް،" ބައްސާމް ވިދާޅުވި އެވެ.

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ބައްސާމް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް މުބާރާތުގައި ވާދަކުރި ލެޓްވިއާ ޓީމަކީ ވެސް އީގޯރސްގެ ބެލެހެއްޓުމުގެ ދަށުން ކުރިއަށް ދިޔަ ޓީމެއް ކަމަށެވެ. އަދި އެ ޓީމުގެ ފެންވަރު ރާއްޖެއަށް އިނގޭނެ ކަމަށާއި އަމާޒަކީ އެ ފެންވަރަށް ރާއްޖޭގެ ޓީމުތައް ވެސް ކުރިއަށް އޮތްތާ ގެންދިއުން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި އެންމެ ފަހުން ހަވާލުވެ ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. ނާދުގެ ކޯޗުކަމުގައި އެ ޓީމު ވަނީ ދެވަނަ ޑިވިޝަނުގައި ވާދަކޮށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގޯރސް ބުނީ މި ފުރުސަތުގެ ބޭނުން ހިފައިގެން ރާއްޖޭގެ ޒުވާން ޓީމުތައް ކުރިއަށް ގެންގޮސްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެންގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއަށް ގެންގޮސްދޭން މަސައްކަތް ކުރާނަން. ޓީމުތަކުގެ ހާލަތު ބުނަން އަދި ދަތި. ލެޓްވިއާ އަކީ ވެސް ކުޑަ ކުޑަ ގައުމެއް. އެހެންވީމަ އަހަރެންނަށް އިނގިފަ ހުރި އެއްޗެއް ބޭނުން ކޮށްގެން ދުރު ރާސްތާ ޕްލޭނެެއްގެ ދަށުން ކުރިއަށް ދާން މި ވިސްނަނީ."

comment ކޮމެންޓް