ސަރުކާރުން ހުށަހަޅަނީ އަންޒަމާނު ކަރަޔަށް ވައިއެރި އިރުގެ ބިލުތަކެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ހުރީ އަންޒަމާނު ކަރަޔަށް ވައިއެރި އިރުގެ ބިލުތަކެއް ކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެށުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުންގެ ފަރާތުން ހުށަހެޅި ނަފްސާނީ ސިއްހަތުގެ ބިލު މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެ ބިލު އަނބުރާ ގެންގޮސްފައި ވަނީ އިސްލާހުތަކެއް ގެންނަން ހުރުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުން ހުށަހަޅާ ބިލުތަކަށް ހިތްހަމަ ނުޖެހިގެން ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެވެ.

ނަޝީދު ވިދާޅުވީ މިފަހަރުގެ މަޖިލީހުގެ ދައުރު ފެށުނު އިރު ވެސް 56 ބިލެއް ގަނޑުކޮށް ސަރުކާރުން ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް އެ ބިލުތަކަކީ ވަރަށް ޒަމާންވެފައި ހުރި ބިލުތަކެއް ކަމަށެވެ. އަދި އެ ބިލުތައް ހަދާފައި ވަނީ އޭރުގައި ބޭރުގެ ޕްރެޝަރު ބޮޑުވެގެން ބަހަނާ ދެއްކުމުގެ ގޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ބޭރުގެ ގައުމުތަކުގެ ޕްރެޝަރު ބޮޑުވީމާ. އާދޭހޭ އަޅުގަނޑުމެން ތިޔަ ކަމާ ބެހޭ މާހިރުން ހޯދައިގެން ތިޔަ ކަމާ ބެހޭ ބިލެއް ލިޔާ ނަމޭ ކިޔުއްވާ ބަހާނާ ދެއްކުމުގެ ނިޔަތުގައި ސަރުކާރުގެ އެކި އެކި ވުޒަރާތަކުގައި ފަށާފައި ހުރި ބައިވަރު މަސައްކަތްތަކެއް. އަޅުގަނޑު މެންނަށް މި ލިބުނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ އެ ބިލުތައް ކަމަށެވެ. ހުށަހެޅި އިރު އެ ބިލުތަކުގައި ވެސް ހުރީ ބަހަނާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ އިއްޒަތްތެރި މެމްބަރުން ބަހާނާތަކަށް ބައްލަވައިގެން. މިއަދު ދިވެހިން އެދެނީ އެ ބަހަނާތަކެއް ނޫން. އެކަން ކުރަން. ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލުތަކަކީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެންޓޯގެ އަމާޒުތައް ސީދާ ގޮތުގައި ފާހަގަވާ ބިލުތަކެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެހާ ޒަމާންވީ ބިލުތަކެއް ސަރުކާރުން ހުށަހެޅީމާ މިހާރުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރާނެކަން ގަބޫލުކުރާ ކަމަށާއި އެކަން ބަލައިގަންނަ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލުތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް