ރާއްޖެ ޕްރޮމޯޓުކުރަން ފްރާންސްގެ ނޫސްވެރިން ވެސް އަތުވެއްޖެ

ރާއްޖެ އިޝްތިހާރު ކުރަން އައި ފްރާންސްގެ ނޫސްވެރިން-- ފޮޓޯ/އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓަކައި ފްރާންސްގެ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓަކައި މިއަހަރު ކުރިއަށްގެންދާ ސިލްސިލާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ތިންވަނަ ދަތުރެވެ. މީގެ ކުރިން އައިސްފައި ވަނީ ދެކުނު އެފްރިކާއާއި ސްޕެއިންގެ ނޫސްވެރިންގެ ޓީމެކެވެ.

އެމްއެމްޕީއާރުސީން ބުނީ "ނޭޗާސް ޗީކް" ތީމުގެ މައްޗަށް ކުރިއަށްގެންދާ މި ދަތުރުގެ މަގްސަދަކީ ރާއްޖޭގެ ލަގްޒަރީ އަދި ގުދުރަތީ މުއްސަނދިކަން ފްރާންސްގެ މާކެޓުގައި އިޝްތިހާރު ކުރުން ކަމަށެވެ.

މި ދަތުރުގައި ރާއްޖެއަށް އައި ފްރާންސްގެ ނޫސްވެރިންގެ ޓީމުގައި އޯބް ޑޮޓް ކޮމް، މިންޓް މެގަޒިން، ސިމްޕަލް ތިންގްސް، ލި ޖޭނަލް ޑިސް ފެމިސް ޑޮޓް އެފް އާރު އަދި ޕެރިސް މާށްއަށް ލިޔާ ނޫސްވެރިން ހިމެނެ އެވެ.

މި ޓީމު ރާއްޖޭގައި ހޭދަކުރާނީ ހަ ދުވަހެވެ. އެ މުއްދަތުގައި ޓީމުގެ ބައިވެރިން ތިބޭނީ ޕުލްމަން މޯލްޑިވްސް މާމުޓާ، ދިގަލި މޯލްޑިވްސް އަދި ފާރުފުށި މޯލްޑިވްސްގަ އެވެ.

އެ ރިސޯޓުތަކުން ސްޕާއާއި ޔޯގާގެ ހިދުމަތް ތަޖުރިބާ ކުރުމުގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ރީތިކަން ބަލައިލުމަށްޓަކައި މެރިން ބަޔޮލޮޖިސްޓަކާއެކު ސްނޯކްލިންއަށް ދިއުމުގެ ފުރުސަތު ވެސް ފްރާންސްގެ ނޫސްވެރިންނަށް ލިބިގެންދާނެ އެވެ.

މިދިޔަ އަހަރު ފްރާންސުން ރާއްޖެއަށް އައި 59،738 ފަތުރުވެރިންނާއެކު އެގައުމަކީ މިދިޔަ އަހަރު ހަތްވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ގައުމެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 18.3 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ފްރާންސުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 6955 އެވެ.

މިއަހަރު ފްރާންސްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑު ދެ ފެއާގައި ބައިވެރިވުމާއި އައުޓްޑޯ އެޑްވަޓައިޒިން ހަރަކާތްތައް ހިމެނެ އެވެ.

ފްރާންސްގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރާ އެކު މިއަހަރު ޖޮއިންޓް ކެމްޕޭނެއް ކުރިއަށްގެންދަން ވެސް ވަނީ ރާވާފަ އެވެ.

comment ކޮމެންޓް