19 އަހަރުގެ ހާލަންޑު ޕީއެސްޖީ ވެސް ސިއްސުވާލައިފި

އާލިންގް ހާލަންޑް ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// ބެން ސްޕްރަޓް

ޔޫރަޕުގައި މިވަގުތު އަރަމުން އަންނަ ތަރިންގެ ލިސްޓުން އެއްވަނަ ހޯދަނީ ބްރޮޝިއާ ޑޮޓްމަންޑުގެ އާލިންގް ހާލަންޑްއެވެ. އޭނާ ވަނީ ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުގައި ވަރުގަދަ ޕީއެސްޖީ ކޮޅަށް ވެސް ދެ ގޯލު ޖަހައި ތާރީހުން ޖާގަ ހޯދައިފައެވެ.

ޑޮޓްމަންޑުގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 1-2 ގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ހޯމް ޓީމު ކުރި ހޯދައިގެންނެވެ. ވޭތުވެ ދިޔަ ދެ ތިން ސީޒަނެއްގައި ހިތްދަތި ގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ ޕީއެސްޖީ އަނެއްކާވެސް އައު އަޒުމަކާ އެކު އެ ތަށި ހޯދުމަށް މިއަހަރު ނުކުން އިރު އެކަމަށް ހުރަސް އަޅަމުން އަންނަނީ އުމުރުން އެންމެ 19 އަހަރުގެ ހާލަންޑެވެ.

ޖެނުއަރީ ޓްރާންސްފާގައި ޑޯޓްމަންޑަށް ބަދަލުވުމުގެ ކުރިން ހާލަންޑް ވަނީ އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ސަލްޒްބާގަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަށް ގޯލު ޖަހައިފައެވެ. މިހާތަނަށް ކުޅުނު ހަތް މެޗުގައި 10 ގޯލު ހަމަކުރުމުން ހާލަންޑް ވެގެން ގޮސްފައި ވަނީ އެންމެ މަދު މެޗު ކުޅެގެން އެ އަދަދަށް ގޯލު ޖެހުނު ކުޅުންތެރިޔާއަށެވެ. އަދި ރޭ ޖެހި ދެ ގޯލާއަކު އޭނާ ވެގެން ގޮސްފައި ވަނީ ދެވަނައަށް ޗެމްޕިއަންސް ލީގުގައި އެ އަދަދަށް އެހާ ޒުވާން އުމުރެއްގައި ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

ރޭގެ މެޗު ފަށައިގެން ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ ޕީއެސްޖީންނެވެ. އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ނޭމާ ޖޫނިއާ ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިން ފެށި ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

އެކަމަކު ދެވަނަ ހާފު ފެށިގެން ކުރީކޮޅު ހާލަންޑުގެ ގޯލުން ޑޯޓްމަންޑު ލީޑު ނަގާފައިވަނިކޮށް އޭގެ 15 މިނަޓު ފަހުން ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކިލިއަން އެމްބާއްޕޭ ދިން ޕާހަކުން ނޭމާ ޖޫނިއާ އެވެ. އެކަމަކު އޭގެ އިރަކޮޅެއް ފަހުން 80 ޔާޑު ބޭރުން ހާލަންޑު ވަނީ ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައި ޑޯޓްމަންޑަށް ލީޑު އަލުން ހޯދައިދީފައެވެ.

މީގެ އިތުރުން ޑޯޓްމަންޑުގެ އުމުރުން އެންމެ 17 އަހަރުގެ ރޭނާ ވަނީ ރޭ ހާލަންޑަށް އެސިސްޓްކޮށްދީ ޗެމްޕިއަންސް ލީގުގައި އެސިސްޓެއް ކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ލިސްޓުން ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދަނީ 2007 ވަނަ އަހަރު ބާސެލޯނާއަށް ކުޅެ އެސިސްޓް ކޮށްދިން ބޯޖާން އެވެ. ބޯޖާން އެ މުބާރާތުގައި އެސިސްޓް ކުރި އިރު އޭނާގެ އުމުރަކީ 17 އަހަރާއި 91 ދުވަހެވެ. ރޭނާ ރޭ އެސިސްޓް ހެދި އިރު އޭނާގެ އުމުރަކީ 17 އަހަރާއި 97 ދުވަހެވެ.

comment ކޮމެންޓް