ޓާމިނަލް ޑީލްގެ ހަފަރާތް: ބޮޑު ގޯހަކުން މިންޖުވާނެ!

އެއާޕޯޓްގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް: އެތަން ކުއްޔަށް ދޭ ގޮތާ މެދު ބަހުސްވަނީ ބޮޑުވެފައި --

އެއާޕޯޓްގައި އަލަށް ހަދާފައިވާ ސީޕްލޭން ޓާމިނަލުން ބޮޑު ބައެއް ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)އަށް ދިނުން މިވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. ސަރުކާރުން ގެރެންޓީ ދިން، 55 މިލިއަން ޑޮލަރުގެ ލޯނަކުން ހަރަދުކޮށްގެން އިމާރާތް ކުރާ އެ ޓާމިނަލްގެ، 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން އެ ކުންފުންޏަށް ދިނުމަށް ފިނޭންސް މިނިސްޓްރީއިން އޮތީ ނިންމައިފަ އެވެ. އެ އަގުގައި ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

މިގޮތަށް ޓާމިނަލްގެ ބޮޑު ބައެއް ވަކި ކުންފުންޏަކަށް އެމްއޭސީއެލްއިން ދިނުމަކީ، "ބޮޑު ހިޔާނާތެއް" ކަމަށް އެއް ބަޔަކު ސިފަކުރެ އެވެ. މިއީ މި ވިޔަފާރިގެ މުއާމަލާތާ މެދު ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ، "ޕޮޕިއުލާ" ވިސްނުމެވެ. ސިޔާސީ ވިސްނުމެއްގައި ނަމަ އާންމުންނަށް ވިއްކަން އެންމެ ފަސޭހަ ވިސްނުމެވެ. އެކަމަކު ޕޮޕިއުލާ ކޮންމެ ވިސްނުމަކީ ހަގީގަތެއް ނޫނެވެ.

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީއިން ބުނަނީ ކުރީގެ ސަރުކާރުން ޓީއެމްއޭއަށް ދިފައިވާ އެތައް ޔަގީންކަމެއްގެ ސަބަބުން، ބޮޑު ގެއްލުމަކުން އަރައިގަންނަން މިވަގުތަށް ދައުލަތަށް އޮތް އެންމެ ފައިދާ ބޮޑު ހައްލަކީ އެއީ ކަމަށެވެ.

މަޖިލީހުގައި އެ މައްސަލަ ތަހުގީގު ކުރި، މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޔަަގީންކަމާ އެކު ވިދާޅުވި އެންމެ ބޮޑު ވާހަކައަކީ؛ އެމްއެމްއޭސީލްގެ ބޯޑް ބަދަލުކޮށްގެން ނަމަވެސް، ފިނޭންސް ނިންމުމާ އެއްގޮތަށް އާ ޓާމިނަލްއާ މެދު އަމަލުކުރާނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވަނީ، ކުރީ ސަރުކާރުން ޓީއެމްއާ އެކު ހިންގާފައިވާ މުއާމަލާތްތަކުގެ ސަބަބުން މި ސަރުކާރަށް މަޖުބޫރުވަނީ މެދުމިނުގެ ހައްލަކަށް އައުމަށެވެ.

މުޅި ޓާމިނަލް ހިންގުން ޓީއެމްއޭއާ ހަވާލުކުރުމަށް އޮތް އޮތުން ބަދަލުކޮށް، އެމްއޭސީއެލްއިން ޓާމިނަލް ހިންގައި ތަންތަން ކުއްޔަށް ދޭގޮތަށް ފިނޭންސުން ސިޔާސަތު ބަދަލުކުރި އެވެ. މި ސަރުކާރުން ނިންމި ގޮތުން، ޓީއެމްއޭ ވެސް ދެންވާނީ، އެމްއޭސީއެލްގެ އަތުން ތަނެއް ކުއްޔަށް ނަގައިގެން އެ އިމާރާތުގައި ވިޔަފާރި ކުރާނެ ބަޔަކަށެވެ. އެ ޓާމިނަލްއަކީ ވަކި އޮަޕަރޭޓަރެއްގެ ބާރު ހިނގާ ތަނަކަށް އޭގެ ޒާތުގައި މިހާރު ބަދަލުވެގެނެއް ނުދެ އެވެ.

އެކަމަކު ބައެއް މީހުންގެ ނަޒަރުގައި މި ގޮތްވެސް އެ ގޮތްވެސް ކަމަކު ނުދެ އެވެ. އެހެންވީއިރު، އާ ސީޕްލޭން ޓާމިނަލްގެ މުއާމަލާތުގައި ސަރުކާރަށް ކުރިމަތިވި މަޖުބޫރު ކަމަކީ ކޮބައި ހެއްޔެވެ؟ މުޅި މައްސަލައިގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

ގޯސް ހެދީ ކުރީ ސަރުކާރުން

އެމްއޭސީއެލްގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ޓީއެމްއާ އެކު މުއާމަލާތެއް އެމްއޭސީއިލްއިން ކޮށްފައި ވަނީ، ސެޕްޓެމްބަރު، 18، 2017ގަ އެވެ. އެމްއޭސީއެލްއިން އެ ދުވަހު ވަނީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ޕްރޮޕޯސަލްއެއް ފޮނުވައިފަ އެވެ. އަދި އެމްއޭސީއެލްގެ އެކި ބައްދަލުވުގެ މިނެޓްސްތަކުން އެނގޭ ގޮތުގައި އެ ޕްރޮޕޯސަލަށް ފަހު ދެ ފަރާތުގެ ދެމެދުގައި ފުރަތަމަ މަޝްވަރާ ކުރީ، 15 އަހަރަށް ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދިނުމަށެވެ.

އޮކްޓޯބަރު 17، 2017 ގައި އެމްއޭސީއެލްއިން ޓީއެމްއޭއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެއްބަސްވީ ގޮތަށް، ސްކޮޔާ މީޓަރަކަށް 15.10 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދޭން އެ ކުންފުނިން އެއްބަސްވާ ކަމަށެވެ. އަދި ޓާމިނަލް ބޭނުންކުރާ ކޮންމެ ޕެސެންޖަރެއްގެ އަތުން ފަސް ޑޮލަރު ޓީއެމްއޭއަށް ނެގޭނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. މީގެ އިތުރުން އެޑްވާންސްގެ ގޮތުގައި އަށް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެހެން ނަމަވެސް، އެ ސިޓީގެ ޖަވާބުގައި ޓީއެމްއޭއިން އެމްއޭސީއެލްއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، ކުއްޔަށް ދޭ އަގު ކަމަށްވާ އަކަމީޓަރަކަށް 15.10 ޑޮލަރުގެ ބަދަލުގައި އަށް ޑޮލަރަށް ކުލި ހަދައިދިނުމަށެވެ. އަދި ޕެސެންޖަރުންގެ އަތުން ހަތް ޑޮލަރު ނެގުމުގެ ފުރުސަތު ދިނުމަށް އެމްއޭސީއެލްގެ ކިބައިން ޓީއެމްއޭއިން އެދުނެވެ. އެހެން ނަމަވެސް، ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެމްއޭސީއެލްގެ ބޯޑުން ރުހުން ދިނީ، އަކަމީޓަރަކަށް 15.10 ޑޮލަރުގެ ރޭޓަށް ކުލި ހަމަޖެއްސުމަށެވެ. އެ ބޯޑް ރިޒޮލިއުޝަން މިހާރު ފެންނަން ނެތް ކަމަށްވެ އެވެ. އެހެން ނަމަވެސް، އެގޮތަށް ބޯޑުން ފާސްކުރިކަން ޔަގީންކުރެވެނީ، ޖުލައި 30، 2018ގައި ޓާމިނަލް ކުއްޔަށް ދިނުމުގެ ލީސް އެގްރިމަންޓެއް އެކުލަވާލުމަށް، އެމްއޭސީއެލްގެ ފަރާތުން ޓީއެމްއޭއަށް ފޮނުވާފައިވާ ސިޓީގައި އެވާހަކަތައް ބަޔާންކޮށްފައިވާތީ އެވެ. އެސިޓީގައި ބުނެފައި ވަނީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ޑްރާފްޓް އެއްބަސްވުން އެކުލަވާލަނީ؛

  • 31،000 ސްކޮޔާމީޓަރު 15 އަހަރަށް ކުއްޔަށް ދިނުމަށް
  • ކުއްޔަކީ 10.35 ޑޮލަރު އަކަމީޓަރަކަށް
  • ޕެސެންޖަރުން އަތުން ފަސް ޑޮލަރު
  • ކޮންމެ ތިން އަހަރުން އަގު ރިވިއު ކުރެވިދާނެ އެވެ.

އެމްއޭސީއެލްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި ކަންކަމަށް އެއްބަސްވެ އެކުލަވާލި ޑްރާފްޓް އެއްބަސްވުމުގައި ސޮއިކުރަން، ފުރަތަމަ މަސައްކަތް ކުރީ ސެޕްޓެމްބަރު 16، 2018ގަ އެވެ. މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އަށް ވިދާޅުވީ، އޭރު ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތުމުން ޓީއެމްއޭއިން ވެސް ބޭނުންވީ އެކަން މަޑުޖައްސާލާށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އިންތިގާލީ މަރުހަލާގެ ތެރޭގައި އެގްރިމަންޓްގައި ސޮއިކުރަން ޓީއެމްއޭއިން ބޭނުންވި އެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ކަންކަން ބެލުމަށް އޭރު އެކުލަވާލި އިންތިގާލީ ކޮމިޓީއިން އެމްއޭސީއެލްގެ ވެރިންނަށް ސިޓީއަކުން އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރުމަށް އެންގުމުން އޭރު އެ އެއްބަސްވުމުގައި ސޮއިނުކުރީ އެވެ.

މި މުއާމަލާތްތަކާ ހުރެ، ޓީއެމްއޭގެ ވެރިން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ވިދާޅުވީ، އެމްއޭސީއެލް އިން އެ ކުންފުންޏަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް "އެއްބަސްވުންތަކެއް" ހުރި ކަމަށެވެ. އެބޭފުޅުން އެ ދުވަހު ވެސް އިޝާރާތް ކުރެއްވީ އެމްއޭސީއެލް އާއި އެ ކުންފުންޏާ ދެމެދު ބަދަލު ކުރެވިފައި ހުރި ސިޓީތަކަށެވެ. ޓީއެމްއޭގެ ނަޒަރުގައި އެއީ، "ގާނޫނީ ގޮތުން ބަދެވިފައިވާ އެއްބަސްވުން" ތަކެކެވެ. އެ ކޮމިޓްމަންޓްތަކުގެ މައްޗަށް ބިނާކޮށް ޓީއެމްއޭ އިން ގެންދިޔައީ ވިޔަފާރިތައް ފުޅާކުރަމުންނެވެ. އެހެން ވީމާ، ޓީއެމްއޭ އިން ގަބޫލު ކުރަނީ އެ ކުންފުންޏަށް "ހައްގު މިންވަރު" ލިބެން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ދާ ނަމަ ޓީއެމްއޭ އިން ވެސް އޮތީ ދޫދޭ ގޮތަކަށް ނޫނެވެ.

އެ ހުރިހާ ކަންކަން ބެލުމަށް ފަހު ފިނޭންސުން ނިންމީ، ކުރީ ސަރުކާރުން ޓީއެމްއޭއަށް ދިން ޔަގީންކަމާ ހިލާފަށް 6،400 އަކަމީޓަރުގެ ސަރަހައްދެއް އާ ޓާމިނަލުން އެ ކުންފުންޏަށް ކުއްޔަށް ދީ މައްސަލަ ހައްލު ކުރާށެވެ. ކުރީ ސަރުކާރުން 31،000 އަކަމީޓަރުގެ ސަރަހައްދެއް ކުއްޔަށް ދޭން އޮތް އޮތުން ބަދަލުކޮށް، ޓީއެމްއޭއަށް ދޭ މިންވަރު މި ސަރުކާރުން ކުޑަކުރި އެވެ. އާ ޓާމިނަލްގެ އިމާރާތުގެ ބޮޑުމިނަކީ ވެސް 28،000 އަކަމީޓަރެވެ.

ޓާމިނަލުން ދޭ ވަރު ކުޑަވި ނަަމަވެސް، ޓީއެމްއޭއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވި އަގުގައި ބަދަލެއް ނުގެނެސް ބޭއްވި އެވެ. މި ސަރުކާރުން ހަދަން ނިންމާފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރަށް ފަހު ޓީއެމްއޭވެސް ހިމެނޭ ގޮތުން އާ ޓާމިނަލުން ތަންތަން ކުއްޔަށް ދޭން، ހުޅުވާލެވިފައިވާ ވާދަވެރި ބިޑަކަށް ދާނެ އެވެ. އޭރުން އެންމެ ބޮޑު އަގު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޑީލަކީ، އިތުރަށް ބޮޑު މައްސަލަގަނޑަކަށް ނުގޮސް، ކުރީ ސަރުކާރުން ހެދި ގޯހުން ނުކުމެ، ރަނގަޅު ހައްލެއް ހޯދިދާނެ ފަދަ ނިންމުމެއް ނޫން ހެއްޔެވެ؟

ބޮޑު އިންވެސްޓަރެއް، ބޭރެއް ނުކުރެވޭނެ

ޓީއެމްއޭއަކީ، މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މިހާތަނަށް ވެސް އެއާޕޯޓުން ބިން ކުއްޔަށް ނަގައިގެން، އަމިއްލަ ޓާމިނަލް ހަދައިގެން ފްލީޓް އެތައް ތަނެއް ބޮޑުކޮށްގެން އެ ހިދުމަތް ދެމުން އަންނަނީ ޓީއެމްއޭއިންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 50 އަށް ވުރެ ގިނަ ސީޕްލޭން މެދުވެރިކޮށް 80 އަށް ވުރެ ގިނަ ރިސޯޓަށް ޓީއެމްއޭއިން ފްލައިޓްތައް ބާއްވަ އެވެ.

މިހާރު ހުރި ޓާމިނަލް ހަދަން ޓީއެމްއޭއަށް، ބިން ދޫކޮށްފައި އޮތީ އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުންނެވެ.

ފެބްރުއަރީ 11، 2020: ސީ ޕްލޭންޓާމިނަލް މައްސަލައިގައި ޓީއެމްއޭގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ، އެ ކުންފުނީގެ ހިއްސާ ބެއިން ކެޕިޓަލް ކިޔާ ކުންފުންޏަކުން ގަނެ، ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ވަނީ، ޓީއެމްއޭގެ ސީޕްލޭން އޮޕަރޭޝަންތައް ހިންގަން އެމްއޭސީއެލްއިން އެކަށީގެންވާ ޖާގަ ދޭނެ ކަމަށް ދިން ކޮމިޓްމަންޓްތަކަށް ބަލާފަ އެވެ. އަދި އެ ކުންފުންޏަކީ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށްވާއިރު، ހަމަ ކުއްލިއަކަށް އެ ކުންފުނީގެ އޮޕަރޭޝަންތައް ކުޑަކޮށްލަން އުނދަގޫވާނެ އެވެ. އަދި އޭގެ ގެއްލުން ކުރިމަތިވާނީ އެ ކުންފުންޏަކަށް އެކަނި ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ. ފައުޒީ ވިދާޅުވި ގޮތުގައި، އެކަމުގެ ސަބަބުން ރިސޯޓްތަކަށް މީހުން އުފުލުމަށް ދަތިވުން ފަދަ ކަންކަން ކުރިމަތިވާނެ އެވެ.

"މިހާރު ސީޕްލޭން ޓާމިނަލް ހިންގަމުން މިދަނީ ވަކިން. އެކަމަކު އެހެން އޮޕަރޭޓަރުންނާ އެކު އެއް ޓާމިނަލަކަށް ދާން ވެސް މަޖުބޫރުވީ. މިހާރު ހިންގަމުންދާ ޓާމިނަލް ތަރައްގީ ކުރަން ޓީއެމްއޭއިން ކުރި އިންވެސްޓްމަންޓްގެ ބަދަލެއް ވެސް ނުލިބޭ. އެކަމަށް ވެސް އެއްބަސްވިން." ފައުޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ޓީއެމްއޭ އިން އެހެން ކަންބޮޑުވުމެއް ވެސް ފެންމަތިކުރި އެވެ. އެ ކުންފުނިން ހެދި އޮޑިޓަކަށް ފަހު އެ ކުންފުނިން ބުނަނީ، އެމްއޭސީއެލްއަށް ޓާމިނަލް ހިންގައިގެން އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް ލަފާވާ 47.3 މިލިއަން ރުފިޔާ އަކީ އެއީ ގްރޮސް ރެވެނިއު، ނޫނީ ޖުމްލަ ވިޔަފާރީގެ އާމްދަނީ ކަމަށެވެ. ހަރަދަށް ކެނޑުމުން އެއީ އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ނެގޭނެ އޮޕަރޭޝަނެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. ޓީއެމްއޭގެ ޗެލެންޖަކީ، އެއްކޮޅުގެ ދަތުރުން 450،000 ފަސިންޖަރުން އަތުން ބޮލަކަށް 100 ޑޮލަރުގެ މަގުން ޗާޖުކޮށްގެން ވެސް އޮޑިޓް ރިޕޯޓުގައި އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ އަދަދު ނުލިބުމެވެ.

މީގެ ކުރިން ވެސް އިންވެސްޓަރުންނަށް "ލަޑުދިން" ކޮންމެ ފަހަރަކު ލިބިފައި ވަނީ ކެއްސެވެ. މިސާލަކަށް ޖީއެމްއާރަށް، ނެކްސްބިޒަށް، ބަދަލުގައި ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދައުލަތުން ދޭން ޖެހުނެވެ.

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގައި ޓީއެމްއޭގެ ބޯޓްތައް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޯޅެން ތިބެއްޖެ ނަމަ އޮތީ ގެއްލުން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އާ ރަންވޭ ބޭނުން ނުކުރެވުމުގެ ސަބަބުން ޑިލޭ ޗާޖްގެ ގޮތުގައި އެމްއޭސީއެލްއިން އެއާލައިންތަކަށް ދުވާލަކު 35،000 ޑޮލަރު ދައްކަން ޖެހެ އެވެ. އާ ރަންވޭ ބޭނުން ކުރެވެން އަންނަނީ ޓީއެމްއޭއިން މިހާރު ހަދާފައި ހުރި ސީޕްލޭން ޓާމިނަލް އާ ޓާމިނަލްއަށް އަވަހަށް ބަދަލު ކުރެވިގެންނެވެ. މިނިސްޓަރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް، ނިމޭނެ ކަމަށް ލަފާވަނީ މޭ މަހު އެވެ. އޭގެ ކުރިން އޮޕަރޭޓަރުންނާ އެކު އެއްބަސްވުންތައް ހަދައި ފައިނަލައިޒް ކުރަން ޖެހެ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވަނީ ޓީއެމްއޭއަށް ވެސް ޖާގަ ލިބޭ ގޮތަށް ފިނޭންސުން މިހާރު ހުށަހަޅާފައި އޮތް ގޮތަށް ޓާމިނަލްގެ ކަންކަން އަވަހަށް ނިންމަން ޖެހެ އެވެ. ސަބަބަކީ އެކަން ލަސްކުރާ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވުމެވެ. ކުރީގެ ސަރުކާރުން ހަދާފައިވާ ޖިނާއީ ތަހުގީގެއް ހިންގުމަކީ އަދި މުޅިން އެހެން ކަމެކެވެ. އެ ތަހުގީގެ ސަބަބުން، އާ ޓާމިނަލްގެ އޮޕަރޭޝަން އެންމެ ދުވަހަކަށް ވެސް ލަސްކުރެވިގެން ނުވާނެ އެވެ.

ނޮވެމްބަރ 17، 2020: ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިނޭންސް މިނިސްޓްރީއިން ލަފާކުރާ ގޮތުގައި މިހާރު އޮތް އާ "ޑީލުން" ފައިދާގެ ގޮތުގައި ފުރަތަމަ ދެ އަހަރު 33.7 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ލިބޭނެ އެވެ. އަދި އެއަށް ފަހު ދެ އަހަރު ފަހުން ވާދަވެރި ބިޑަކަށް ގޮސްގެން މުޅި ޓާމިނަލްގެ ހުރިހާ ތަނެއް ކުއްޏަށް ދޭން ފެށުމުން، އަހަރެއްގެ މައްޗަށް އެމްއޭސީއެލްއަށް 41 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދޭނެ އެވެ.

މިހާރު އޮތް ޑީލަކީ، ދެފަރާތަށް ވެސް އޮތް ފައިދާ އެވެ. އިގްތިސާދު ގެއްލުމުން ސަލާމަތްކޮށް އެއާޕޯޓް ފުލް އޮޕަރޭޝަނަށް ގެނެވޭނެ ހައްލަކީ މިއެވެ. އެހެން އޮޕަރޭޓަރުންނަށް ވުރެ ޓާމިނަލުން ބޮޑުބައެއް ޓީއެމްއޭއަށް ލިބޭނެ އެވެ. އެހެން އޮޕަރޭޓަރުންނާ ބަލާފައި ޓީއެމްއޭއަކީ ޖަޔަންޓެކެވެ. އެ ހަގީގަތް ބަދަލެއް ނުވާނެ އެވެ. އެހެން ވީމާ، އެ ކުންފުންޏަށް ލިބޭ މިންވަރު ބޮޑުވެސް ވާނެ އެވެ. އަދި އެ ކުންފުންޏަށް ބޭނުންވާ ވަރު ވެސް ބޮޑުވާނެ އެވެ. އެހެން ވީމާ، ފިނޭންސުން ހޯދި ޑީލަކީ، ކުރީ ސަރުކާރުން ހެދި ބޮޑު ގޯހަކުން، ސަލާމަތްކުރެވޭނެ އެންމެ ފަސޭހަ މަގެވެ.

comment ކޮމެންޓް