ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާ، އެކަމުގެ ވިސްނުމެއްވެސް ނެތް: ރައީސް

ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، އެކަމުގެ ވިސްނުމެއްވެސް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފަނޑިޔާރުން ކަމަށެވެ. އަދި އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް، ގާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮންނަނީ، އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު، ފަނޑިޔާރުގެ އިސްލާހުކުރުމުގެ ކުރަމުން ދަނީ އިހުލާސްތެރި ތެދުވެރި ނިޔަތެއްގައި ކަމަށެވެ. އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ހައްގެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ހައްގެއް އަނބުރައި ހޯދައިދޭނެ ކަމުގެ، އިތުބާރާއި ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ދައުލަތް ހިނގަމުން މިއަންނަނީ، ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރަން. އަދި ކުރުމުގެ ވިސްނުމެއްވެސް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ މަގާމުތަކަށް ބަލާއިރު، ވަކި މުއްދަތެއް ނެތް ގޮތަށް، މަގާމަށް އައްޔަންކުރުމަށް ގާނޫނުއަސާސީން ލާޒިމްކުރާ ބަޔަކީވެސް، ހަމައެކަނި ފަނޑިޔާރުންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެގޮތަށް އެކަން އޮންނަނީވެސް ފަނޑިޔާރުންގެ ފަރާތުންވެސް ވަރަށް މަތިވެރި މަގުސަދުތަކެއް ހާސިލްކުރަން ބޭނުންވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ބަދަލަކީ އަދުލު އިންސާފުގެ މަގުން ނިޔާތައް ކަނޑައެޅުން ކަމަށެވެ. އެކަން ފަނޑިޔާރުގެެއިން ފެންނަން ފަށާނީ ފަނޑިޔާރުން އެ ބޭފުޅުންގެ އަމިއްލަ ނަފްސުން ފެށިގެން އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ހައްގުތަކާއި، ފަނޑިޔާރުންގެ ނިންމުންތަކާ ދެމެދަށް ހުރަސްއަޅާ، ވަރަށް ގިނަ ކަންކަން އެބަހުރި. ކޮރަޕްޝަނާއި ފައިސާގެ ދަހިވެތިކަން، އަމިއްލަ މަސްލަހަތުތަކާއި ތަފާތު ނުފޫޒުތައް. މިއިން ކޮންމެ ކަމަކީވެސް، ފަނޑިޔާރުން އިއްވާ ނިޔާތައް، އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންކަން. ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއަޅާ މިފަދަ ކަންކަމަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު، ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ، އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ. އެކަން ނުކުރެވޭހާ ހިނދަކު، ރައްޔިތުންގެ ހައްގުތައްވެސް ރައްކާތެރިއެއް ނުކުރެވޭނެ. އަދި އިޖްތިމާއީ ހަމަޖެހުމާއި އަމާންކަމެއް ވެސް ގާއިމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ އިތުރަށް ވިދާޅުވީ، މުޖުތަމައުގައި ހުރި ގިނަ އަދަދެއްގެ އިޖުތިމާއީ މައްސަލަތަކަށް ހައްލު ގެނައުމުގައި ކޯޓުތަކުގެ މުހިންމު ރޯލެއް އެބަ އޮތް ކަަމަށެވެ. އެގޮތުން މިހާރު ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅުމުގެ ފަހި މާހައުލެއް ހުޅުވި އެފަދަ މައްސަތައް އިތުރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ނިންމި ނިންމުމަކީ ހެޔޮ ފާލެއް ކަމަށް އަޅުގަނޑު ދެކެން. މި ބަދަލު އައުމުން، އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭތާ، 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖައްސަންޖެހޭ. އަދި ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު، ކޮންމެ ދެ އަޑުއެހުމެއްގެ ދެމެދު، 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަ ނުވާނެ ގޮތަށް، އަޑުއެހުންތައް ތާވަލުކުރަން ޖެހޭ. މިގޮތަށް ކަންކަން އިންތިޒާމުކުރުމުން، އެފަދަ މައްސަލަތައް، ގިނަވެގެން ހަ މަސްތެރޭގައި ކޯޓުން ނިމޭނެ،" ރައީސް ވިދާޅުވިއެވެ.

އިދާރީ ބަދަލުތަކުގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގާނޫނުތަކަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިސްލާހުގައި ވަނީ ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިރު ޖޭއެސްސީއަށް ލިބިގެންވާ ބާރުތަކާއި، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކާއި، ފަނޑިޔާރަށް ލިބިދޭ ހައްގުތައް އެ އިސްލާހުގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އަދުލު އިންސާފު ގާއިމުކުރުމަކީ، ހަމައެކަނި ފަނޑިޔާރުގެއާއި ފަނޑިޔާރުންނާ ހަމައިން ނިމޭ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަހުގީގު މަރުހަލާގެ ކަންކަން ފުރިހަމަކޮށް އަވަސްކުރުމަކީވެސް، އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުވާ ކުރާ މުއައްސަސާއިންވެސް އެކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ޝަރުއީ ދާއިރާގެ މަސައްކަތްތައް މި އަހަރަށް ފެށުމުން ހެޔޮ ބަދަލުތަކެއް އައިސް ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުގެއާ މެދުގައި އިތުބާރު އުފެދެން ފަށާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް