ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާހާނާ ބަރިއެއް ހަދިޔާކޮށްފި

ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށްޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީމެކް) އިން ފާހާނާ ބަރިއެއް ހަދިޔާކޮށްފިއެވެ.

ސީމެކް އަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނިން އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާހާނާބަރި ނިންމައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

އެޗްޑިސީއާ ފާހާނާ ބަރި ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އަދި އެޗްޑީސީގެ ފަރާތުން އެތަނާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޗެއާމަން ސުހައިލް އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާހުރި ޕްރޮޖެކްޓްތައް ހިންގާފައިވާކަމަށެވެ. ހާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިން ޕްރޮޖެކްޓްތައް ސުހައިލް ފާހަގަކުރެއްވިއެވެ.

ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ސިޓީފުޅެއް ފޮނުއްވިކަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއިއެކުކަން ހާމަކުރައްވައި މެސެޖެއް ފޮނުއްވިކަން ލިއު ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދިވެހިންނާ ޗައިނާއިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ލިއު ވިދާޅުވިއެވެ.

އައިސޮލޭޝަން ފެސިލިޓީގައި ގާއިމުކުރި ފާހާނާތަކުގެ އިތުރުން އެ ރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮވިޑް-19 އާދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފައެވެ.

އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި އެރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

comment ކޮމެންޓް