ފުލުހުން މަސްތުވާތަކެތި ދިން ކަމަށް ބުނެ އަދުހަމް ދެއްކީ އަސްލެއް ނެތް ވާހަކަތަކެއް: ފުލުހުން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފުވުމަށް ފަހު އެކަމަށް އިންކާރު ކުރި އަދުހަމް މުހައްމަދު --

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމަށް އިއުތިރާފުވީ ފުލުހުން މަސްތުވާތަކެތި ދީ މަސްތުކޮށްފައި ހުރުމުން ކަމަށް ބުނެ، އެ މައްސަލައިގައި ތުހުމަތުވާ އަދުހަމް މުހައްމަދު މިއަދު ކްރިމިނަލް ކޯޓުގައި ދެއްކި ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ މައްސަލައިގައި މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މިއަދު ބޭއްވީ އެ މައްސަލައިގައި އަވަސް ނިޔާ ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

އެ އަޑުއެހުމުގައި މިއަދު އަދުހަމް ބުނީ ކުރިން އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ފުލުހުން އޭނާއަށް މަސްތުވާ އެއްޗެހި ދީގެން، މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް އޭނާ ބުންޏެވެ.

"ފުލުހުން އަދުހަމްއަށް މަސްތުވާތަކެތި ގަނެފައި ދިން ކަމަށް ބުނެ އަދުހަމް ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް،" ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، އަދުހަމް ދައުވާއަށް އިންކާރު ކުރި ނަމަވެސް، އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހޯދާފައި ހުންނާނެ ކަމަށެވެ.

އަދުހަމް މިއަދު ބުނެފައި ވަނީ ފުލުހުން އެންމެ ފުރަތަމަ އޭނާއަށް ދީފައި ވަނީ، އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށެވެ. އަދި އެ ތަކެތި ހުސްވުމުން ފަހުން ފުލުހުން "އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން" އޭނާއަށް އެތަކެތި ދީފައިވާ ކަމަށް ބުންޏެވެ. މަސްތުގެ ހާލަތުގައި އޭނާ ބަހައްޓާފައި ހުރުމުގެ ސަބަބުން ކޯޓުގައި ކިޔޭ ނުކިޔޭ ނޭނގޭ ކަމަށާއި، ހަމަ ބުއްދި ލިބުނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފުލުހުންގެ ބެލުމުގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ބަދަލުވުމުން ކަމަށް ވެސް އަދުހަމް މިއަދު ވަނީ ބުނެފައެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ވާހަކަ ދެއްކުމަށް އަދުހަމަށް ދިން ފުރުސަތުގައި އޭނާ ވަނީ މުއްދަތު މަޖިލީހެއްގައި އިންވެސްޓިގޭޓިވް އޮފިސަރަކު، އޭނާ ބަހައްޓަނީ ހާއްސަ އިނާޔަތްތަކަކާއެކު އެކަހެރިކޮށްފައި ކަމަށް ބުނި ހަނދާންވާ ކަމަށް ބުނެފައެވެ. އަދުހަމް ބުނީ ހާއްސަ އިނާޔަތުގެ ގޮތުން އޭނާ އެކަހެރިކޮށްފައި ހުރި ގޮޅިއަށް ފުލުހުން މަސްތުވާތަކެއްޗާއި، ސިނގެރޭޓާއި ސުޕާރި ވައްދައިދިން ކަމަށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެެ އެވެ.

comment ކޮމެންޓް