ނަޝީދާއި ޗައިނާގެ ސަފީރު ބައްދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޗައިނާގެ ސަފީރު ޖާން ލިޖޮން ބައްދަލުކުރެއްވުން -- ފޮޓޯ/ ރައްޔިތުންގެ މަޖިިލިސް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާން ލިޖޮން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ.

އެ ދެ ބޭފުޅުން ބައްދަލުކޮށްފައި ވަނީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމުގައި ޗައިނާގައި ފެތުރެމުންދާ ކޮވިޑް 19 ވައިރަސް ކޮންޓްރޯލު ކުރުމަށް އެގައުމުގައި ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ސަފީރު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ހުރިހާ މެމްބަރުންގެވެސް ހަމްދަރުދީ ޗައިނާއަށް އޮތް ކަމަށް ވިދާޅުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވ.

ސަފީރު ލިޖޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ މައުލޫމާތު ހިއްސާކުރަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ޗައިނާއަށް މި ދަނޑިވަޅުގައި ހަމްދަރުދީވެ، އެހީވުމުގެ މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެެއްވިކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ވައިރަސް ވީހާވެސް އަވަހަށް ކޮންޓްރޯލުވުން އެދޭ ކަމަށް ނަޝީދު ވިދާޅުވި ކަމަށްވެސް ސަފީރުގެ ޓްވީޓުގައިވެއެވެ.

ނަޝީދާއި ލިޖޮން އަކީ މީގެ ކުރިން ޗައިނާ އާއި ރާއްޖެއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ދެ ބޭފުޅުންނެވެ. ޗައިނާއިން ދިވެހިރާއްޖެ ދަރަނީގެ ދަަންތުރައެއްގައި ބައްދަން އުޅޭ ކަމަށް ނަޝީދު ދައްކަވާ ވާހަކަތަކަށް ސަފީރު ލިޖޮން އާންމުކޮށް ރައްދުދެއްވައެވެ.

comment ކޮމެންޓް