ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށްވާ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމް ބަންދުން ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޝަނޫން އާއި ސިފާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އެ ހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެ ދެ މީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
ޒިޔަދަމްގެ މަރާ ގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލަ މިހާރު ބައްލަވަނީ ގަޒީ މުހައްމަދު ސަމީރެވެ.
މިއަދު 11:30އަށް ތާވަލުކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ޝަނޫން އާއި ސިފާމްގެ އެދުމުގެ މަތިން އެ ދެ މީހުން ބަންދުން ދޫކޮށްލަން ގާޒީ ސަމީރު ވަނީ ނިންމަވައިފައެވެ. އެ ނިންމެވުން ނިންމީ، އެ ދެމީހުންގެ ސިއްހީ ހާލަތާއި، މައްސަލަ ނުނިމި ބަންދުގައި ހޭދަ ކުރަން ޖެހިފައިވާ މުއްދަތަށް ރިއާޔަތްކޮށެވެ.
އެ ދެ މީހުން ބަންދުން ދޫކުރަން ދައުލަތުގެ ފަރާތުން އިއުތިރާޒު ކުރިއެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު "ސަން"އަށް ވިދާޅުވީ އެ ދެ މީހުން ދޫކޮށްލަން ނިންމި ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
ޝަނޫން އާއި ސިފާމްގެ މައްޗަށް ދައުވާ ކުރީ 16 އޭޕްރިލް 2015ގައެވެ. މިއަދާ ހަމައަށް އެ ދެ މީހުން ތިބީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.