އާންމުވި ޕާސްވޯޑުތައް ބަދަލުކޮށް، ކޯޕަރޭޓު އީމެއިލުން ސޯޝަލް މީޑިއާ އެކައުންޓުތައް ނުހެދުމަށް އެދެފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އަދި ޕާސްވޯޑް ލީކުވުމާ ގުޅިގެން ޕާސްވޯޑުތައް ބަދަލުކުރުމަށާއި ކޯޕަރޭޓް އީމެއިލްއިން ސޯޝަލް މީޑިއާއަށް ރަޖިސްޓްރީ ނުކުރުމަށް މުވައްޒަފުން ގާތުގައި ބުނުމަށް އެދި މިިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ސާކިއުލާއަށް ނެރެފި އެވެ.

ޑޭޓާ ބްރީޗެއްގެ ސަބަބުން ދައުލަތުގެ ބައެއް އިދާރާތަކުގެ އީމެއިލް އާއި އޭގެ ޕާސްވޯޑުތައް މިހާރު ވަނީ ލީކުވެފައެވެ. އަދި އެ މައުލޫމާތުތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓްރީއިން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ، ލީކްކޮށްފައިވާ އީމެއިލް އެކައުންޓްތަކަކީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުން، އެ މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކޯޕަރޭޓް އީމެއިލް އެކައުންޓްތައްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ ހިދުމަތްތަކުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ފަހަރުތަކުގައި އެފަދަ އެކައުންޓްތަކުގެ އީމެއިލް އަދި ސޯޝަލް މީޑިއާ އެކައުންޓްގައި ބޭނުންކުރި ޕާސްވޯޑް އިންޓަނެޓްގައި ޕަބްލިޝްކުރާ ކަމަށާއި، އެކަމުގެ ސަބަބުން ނަހަމަގޮތުގައި އެހެން ފަރާތްތަކަށް އެ އެކައުންޓްތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވި ފޫނުބެއްދޭވަރުގެ ގެއްލުންތައްވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން އެދިފައި ވަނީ ވީހާވެސް އަވަހަށް ޕާސްވޯޑު ލީކުވެފައިވާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ބަދަލުކުރުމަށެވެ. އަދި މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުންނުކުރުމަށް މިނިސްޓްރީއިން އިލްތިމާސްކުރިއެވެ.

"ވީމާ، މިގޮތަށް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓްތަކުގެ ޕާސްވޯޑްތައް މިހާރުން މިހާރަށް ބަދަލުކޮށް އަދި ސްޓާފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ރަޖިސްޓްރީ ކުރުމަށް ކޯޕަރޭޓް އީމެއިލް އެޑްރެސް ބޭނުންނުކުރުމަށް އިލްތިމާސް ކުރަމެވެ." މިނިސްޓްރީއިން ނެރުނު ސާކިއުލާގައިވެއެވެ.

"އޮފީސްތަކުގައި ކޮމްޕިއުޓިން، އިންޓާނެޓް، އީމެއިލް އަދި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލް"އާ އެއްގޮތައް ރަސްމީ އީމެއިލް އެކައުންޓްތައް ގެންގުޅުމަށް އިދާރާތަކުގެ މުވައްޒަފުންނަށް އަންގައިދިނުމަށްވެސް އެ ސާކިއުލާގައި އެދިފައިވެއެވެ.

މިނިސްޓްރީއިން ބުނީ އެންސީއައިޓީއިން ހޯސްޓްކޮށްގެން ނޭޝަނަލް ޑޭޓާ ސެންޓަރުން ބަލަހައްޓަމުންދާ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ނުވާ ކަމަށެވެ. ނަމަވެސް، މި ދުވަސްވަރު ދައުލަތުގެ އިދާރާތަކުގެ ސިސްޓަމްތަކަށް ގިނަ ސައިބާ އެޓޭކްތައް އަންނަމުންދާކަން ފާހަގަކޮށް، އެ ފަދަ ސައިބަރ އެޓޭކްތަކުގެ ސަބަބުން ސެކިޔުރިޓީ ބަލިކަށިކޮށް ފަރުމާކުރެވިފައިވާ ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު ބޮޑުކަން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެހެންކަމުން އެންސީއައިޓީއާ ގުޅިގެން އިދާރާއަކުން ބަލަހައްޓަމުންގެންދާ މުހިންމު ސިސްޓަމްތަކުގެ ސެކިޔުރިޓީ އެސެސްމަންޓްތައް ހަދައި އިތުރަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓްރީއިން އިލްތިމާސްކުރިއެވެ.

comment ކޮމެންޓް