ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުންތަކަށް ހާއްސަ ތަނެއް ހަދައިފި

ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ހާއްސަކޮށް އިމާރާތްކުރި ތަން -- ފޮޓޯ/ ކަރެކްޝަންސް

ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ހާއްސަކޮށް އިމާރާތްކުރެވުނު ތަން ހުޅުވައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ތިބި ގައިދީންނާ ބަންދުމީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެވޭނެގޮތް ހަމަޖައްސައިފި އެވެ.

ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ހާއްސަކޮށް އިމާރާތްކުރެވުނު ތަން މިއަދު ހުޅުވައި ދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެ އެވެ.

ކަރެކްޝަންސް އިން ބުނީ އެ ތަނުގެ ބޭނުމަކީ ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭން ޖެހޭ ގައިދީންނަށް އެ ފުރުސަތު ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

އެކަހެރި ބައްދަލުވުން ދެނީ ޝަރުއީ ކައިވެންޏެއް ކޮށްފައިވާ ފަރާތްތަކަށެވެ.

އެކަހެރި ބައްދަލުވުން ދިނުމުގައި އަމަލުކުރަނީ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާ ބެހޭ ގަވާއިދާއި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

އެގޮތުން އެކަހެރި ބައްދަލުވުން ދެނީ މަހަކު ދެ ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށެވެ.

އެކަހެރި ބައްދަލުވުމަށް އެދޭ ފޯމް ހުށަހަޅަން ޖެހެނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 2:30 އާ ދެމެދު މާލޭ ޖަލުގެ ރިސެޕްޝަނަށެވެ.

comment ކޮމެންޓް