"އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ރާއްޖޭގެ ޓީމުތައް ތަފާތު"

ބެންގަލޫރުގެ ކޯޗު ކާލެސް ކުއަޑްރާޓް ---

އިންޑިއާގެ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ޓީމުތަކުން ކުޅޭ މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ތަފާތުކަމެއް ފެންނަ ކަމަށް އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާދަމާ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނަ ބެންގަލޫރުގެ ކޯޗު ސްޕެއިނުގެ ކާލެސް ކުއަޑްރާޓް ބުނެފި އެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުއަޑްރާޓް ބުނީ މީގެ ކުރިން ރާއްޖޭގެ ކުލަބުތަކާއި ވާދަކޮށް ބެންގަލޫރު އަތުގަައި ރަނގަޅު ރިކޯޑެއް އެބައޮތް ކަމަށެވެ. އެކަމަކު އެއީ އަބަދު އެއް ހާލަތެއްގައި އޮންނާނެ އެއްޗެއް ނޫންކަމަށާއި ކުރީގެ މޮޅުތައް ލިބިފައި ހުރީ ކުޑަ ތަފާތަކުން ކަމަށް ކުއަޑްރާޓް ވަނީ ބުނެފަ އެވެ.

މިފަހަރުގެ އޭއެފްސީއަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމުކަމަށްވާ ބެންގަލޫރު ވަނީ މީގެ ކުރިން ރާއްޖޭގ ޓީމުތަކާ ދެކޮޅަށް އަށް މެޗެއް މީގެ ކުރިން ކުޅެފަ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗަކާއި، ޓީސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ އިތުރުން ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. އޭގެ ތެރެއިން ރާއްޖޭގެ ކުލަބަކަށް ހަމައެކަނި މޮޅުވެވުނީ 2018 ވަނަ އަހަރުގެ އޭއެފްސީ ގްރޫޕް ސްޓޭޖުގައި މާލޭގައި ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 0-2ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރި ހޯދައިގެންނެވެ.

ކްއަޑްރާޓްގެ ހެޑް ކޯޗު ކަމުގެ ދަށުން ރާއްޖޭގެ ޓީމާ ދެކޮޅަށް އޭނާ މީގެ ކުރިން ނުކުން ހަމައެކަނި މެޗުގައި ނިއުރޭޑިއަންޓް އަތުން އެފަހަރު ބަލިވި އިރު އޭނާ ކަކުލަށް އަނިޔާވުމުގެ ސަބަބުން އެ މެޗުގައި އިރުޝާދު ދިނުމަށް މާލެ އައިސްފައެއް ނުވެއެވެ. އެހެން ކަމުން މިއީ އޭނާއަށް ވެސް ތަފާތު ތަޖުރިބާއެއް ކަމަށް ކުއަޑްރާޓް ދެކެ އެވެ.

"ބެންގަލޫރަކީ ރާއްޖެއަށް ފަރިތަ ޓީމެއް. ގިނަ ހަނދާންތަކެއް ހިއްސާ ކުރެވިފައި ހުރީ. އަބަދުވެސް އުނދަގޫ މެޗުތަކެއް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހިފައި ހުރީ،" ކުއަޑްރާޓް ބުންޏެވެ.

އޭނާ ބުނީ އިންޑިއާގެ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ޓީމުތަކުން އަބަދު ވެސް ނުކުންނަނީ ތަފާތި ރޫހެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ޓީމުތަކަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމުތަކެއް ކަމުން މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެ ކަމަށް ކުއަޑްރާޓް ބުންޏެވެ.

"ފުޓްބޯޅައިގެ ފީފާ ރޭންކިން އިން ބަލާއިރު ރާއްޖެ އަކީ މާ ބޮޑު ގައުމަކަށް ނުވެދާނެ. އެކަމަކު ދަނޑުމަތީގައި ރާއްޖޭގެ ޓީމުތަކުގައި ކުޅުންތެރިން ކުރާ މަސައްކަތް ބަލައިފި ނަމަ ކުރާ ރަނގަޅު މަސައްކަތްތަށް ފެނިގެންދާނެ."

ބެންގަލޫރު އެފްސީ ޕްލޭ އޮފް ބުރަށް ކޮލިފައިވީ، ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ މައްޗަށް 10-1ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ކްއަޑްރާޓް ބުނީ އެއީ ރަނގަޅު ނަތީޖާއެއް ނަމަވެސް މިހާރު އޮތީ ތަފާތު ސްޓޭޖެއް ކަމަށާއި އެހެންވެ އެ ނަތީޖާއިން ލިބޭނެ އިތުރު ހިތްހަމަޖުހުމެއް ނެތް ކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

comment ކޮމެންޓް