ޓޫރިޒަމަށް އެކަށީގެންވާ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނުވުމުން ބޮޑެތި ގެއްލުންތަކެއްވާނެ: ސިޔާމް

ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބަޖެޓްގައި އެކަށީގެންވާ އަދަދެއް ކަނޑައަޅާފައި ނުވާތީ، ރާއްޖެއަށް އެންމެ ގިނަ ފައިސާ ލިބޭ ޓޫރިޒަމް ދާއިރާ އަށް، ތަހައްމަލް ނުކުރޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާތަން ފެނިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2012 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އަންނަ އަހަރަށް ބޮޑު ބަޖެޓެއް ހުށަހަޅާފައިވާ އިރު އެންމެ ގިނަ އާމްދަނީ ލިބޭ ފަރާތުގެ މަތިން ހަނދާން ނައްތާލާފައިވާ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް އަހަރަކު 60 މިލިޔަން ޑޮލަރު ހަރަދު ކުރަމުންދާ އިރު، އަންނަ އަހަރަށް ހުށަހަޅާފައިވާ 14 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓްގައި ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކަނޑައަޅާފައި ވަނީ އެންމެ 4.5 މިލިޔަން ޑޮލަރު ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ރާއްޖެ އަށް ފަތުރުވެރިން އަންނަ ޒަމާންވީ މަންޒިލްތަކުން ފަތުރުވެރިން އައުން މަދުވެ ހުލިވާ ހިސާބަށް މިއަދު މިވަނީ ގޮސްފައި. އިޝްތިހާރު ނުކުރުމުގެ ސަބަބުން ޔޫރަޕުން އަންނަ ފަތުރުވެރިން ވަނީ އަލްވަދާއު ކިޔާ ހިސާބަށް ގޮސްފައި. މި އަހަރު ވެސް މިއޮތް ބޮޑު 14 ބިލިޔަންގެ ބަޖެޓްގައި ރާއްޖެ އަށް އެންމެ ގިނައިން ފައިސާ ލިބޭ ޓޫރިޒަމް އިންޑަސްޓްރީ އިޝްތިހާރު ކުރުމަށް މިއޮތީ ގާތްގަނޑަކަށް 4.5 މިލިޔަން ޑޮލަރު. އަވަށްޓެރި ގައުމުތަކުން 50، 60 މިލިޔަން ޑޮލަރު އަހަރެއްގެ މައްޗަށް އެ ގައުމުތަކުން އިޝްތިހާރު ކުރަމުންދާ ވަގުތެއްގައި ރައްޔިތުންނަށް މި ދައްކަނީ ބާއްޖަވެރި އުފާވެރި ކުރިމަގެއް ނޫން،" ސިޔާމު ވިދާޅުވި އެވެ.

ސިޔާމު ފާހަގަ ކުރެއްވި ގޮތުގައި ޓެކްސް ދައްކަން އޮންނަ އުސޫލުތަކުގެ ސަބަބުން ވެސް ޓޫރިސްޓް ވިޔަފާރިކުރާ ކުންފުނިތަކަށް ބޮޑެތި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ރާއްޖޭގެ މުސްތަގުބަލު ހިފަހައްޓަން ބޭނުމިއްޔާ ރާއްޖެ އަށް އެންމެ ގިނަ ފައިސާ ލިބޭ އިންޑަސްޓްރީ ހިމާޔަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ދޭން ޖެހޭ ފައިސާ ދީފައި ބެންކްތަކަށް ދޭން ޖެހޭ ފައިސާ ދީފައި އަދި އިތުރަށް މި ބޮޑު ކުރި ޓެކްސް ތަކުގެ ސަބަބުން ޓޫރިސްޓު ކުންފުނިތައް މިވަނީ ބްލީޑްވާން ']ދަރަނިވެރިވާން[ ފަށައިފައި. އެހެންވީމާ ވިސްނާލަން ޖެހޭ އެންމެ މުހިއްމު ކަމަކީ ހަރުދަނާ ގޮތުގައި މުސްތަގުބަލް ހިފަހައްޓަން ބޭނުން ކަމަށް ވަންޏާ އެންމެ ގިނައިން ފައިސާ ލިބޭ އިންޑަސްޓްރީ ހިމާޔަތްކޮށް ކުރިއެރުންތައް ގެނައުން،" ސިޔާމު ވިދާޅުވި އެވެ.

ސިޔާމުގެ ވާހަކައިގައި، އެއްވެސް އުސޫލެއް ނެތި ރާއްޖޭގެ ފަޅުތައް ހިއްކަމުން ދިއުމަކީ ވެސް ފަތުރުވެރިކަމަށް ހުރި ނުރައްކަލެއްކަން ފާހަގަ ކުރެއްވި އެވެ.

"ފަޅުތަކާ އެއްޗެހި ހިއްކައި ބޮޑުކޮށްގެން، ރާއްޖެ އުފެދިފައިވާ ގޮތާ ހިލާފަށް މާކެޓް ކުރަން އުޅެންޏާ ދިމާވާނީ މިއަދު ދުބާއީއަށް ދިމާވެފައިވާ މަންޒަރު. މީގެ 15 އަހަރު ކުރިން ދުބާއީ އަކީ މުޅި ދުނިޔޭގައި އިންވެސްޓް ކުރަމުން އައި އެންމެބޮޑު ގައުމު. ނަމަވެސް މިއަދު އެގައުމުގައި އެތައް ބިލިޔަނެއް ހަރަދުކޮށްގެން ކޮޓަރިއެއް ވިއްކަނީ 60 ޑޮލަރަށް، މީހުންގެ މުސާރަ ދެވޭނެ ވަރުވެސް ނެތް،" ސިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމު ބައްޓަން ކުރަން ޖެހޭނީ ﷲ ތައާލާ އަހަރެމެންނަށް ދީފައި މިވާ ގުދުރަތީ ރީތި މަންޒަރުތައް ނުފޮރުވޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި ރީތި ރަށްތައް ހިމެނޭއިރު ތަންތަން ހިންގައިގެން އިސްރާފް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ރައީސަކު އެ ބޭފުޅަކީ ތިމާވެށީގެ ބައްޕައޭ ވިދާޅުވާ އިރު އެކަން އަމަލުން ނުދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ ފަޅުތައް ހިއްކުމުގެ ސަބަބުން މަސްމަހާމެއްސަށާއި ކަނޑުގެ އަޑީގެ ދިރުމަށް ބަދަލު އައިސް އެކަންތައް ނެތިގެންދާ ދުވަހަކީ ގައުމު ބަނޑަށް ޖެހޭނެ ދުވަސް ކަމަށެވެ.

ސިޔާމު ވިދާޅުވީ މިފަދަ ބޮޑު ބަޖެޓެއް ހުށަހެޅިގެންދާއިރުގައި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ދިނުމަށް މިއަހަރުގެ ބަޖެޓްގައި ވެސް ހިމަނައިފައިވާކަން ފާހަގަ ކުރައްވައި ސިޔާމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ވަނީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ތައުލީމީ ހިދުމަތް ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ޕްރީ ސްކޫލް ތައުލީމަކީ މަތީ ތައުލީމް ހާސިލް ކުރުމަށް މުހިއްމު ކަމަކަށް ވާތީ ޕްރީސްކޫލް ހިންގުމަށް މިހާރު ކަނޑައަޅާފައިވާ ބަޖެޓް އިތުރު ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އުފަންވާ ކޮންމެ ދިވެހި ދަރިއަކަށް ހިލޭ ޕްރީ ސްކޫލް ތައުލީމު ދިނުން އެއީ ދިވެހި ދައުލަތަށް ލާޒިމް ކުރަން ޖެހޭ ކަމެއް ކަމަށާއި ޕްރީސް ސްކޫލް ތައުލީމް ހިލޭ ދިނުމަށް ބިލެއް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ ކިތަންމެ ބޮޑެތި ބިލްޑިންގް ތަކެއް ހެދި ނަމަވެސް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ނުފުއްދޭ ނަމަ ރައްޔިތުން ސަރުކާރަށް ވޯޓު ނުދޭނެ ކަމަށެވެ.

"ކިތަންމެ ވަރަކަށް ބިލްޑިންގް ތައް އެޅިޔަސް އުސް އިމާރާތް ތަކެއް އެޅިކަމުގައި ވީނަމަވެސް ވޯޓެއް ނުލިބޭނެ. އެކަން ތިޔަ ބޭފުޅުންނަށް އެނގިލައްވާނެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމު ވެސް ބޮޑެތި ދިގު އިމާރާތްތަކެއް އެޅި އެހެންނަމަވެސް ވޯޓެއް ނުލިބުނު،" ސިޔާމު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކަމުން ވެސް ސިޔާމު ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް ކުޑަކޮށްފައި ވަނީ ގާނޫނީ ވާޖިބު ވެސް އަދާ ނުކުރެވޭ މިންވަރަށް ކަމަށެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ހިމަނައިގެން މިހާބޮޑު ބަޖެޓެއް ދޭއިރުގައި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތީ ވީރާނާވެފައިވާ ގައުމަކަށް ވުރެ ވެސް ދަށު ދަރަޖައިގައިކަން ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުން ބަޖެޓް ހަރަދު ކުރަމުންދާ ގޮތް ބެލުމަށް އޮޑިޓާ ޖެނެރަލަށް އޭނާ ގޮވައިލެއްވި އެވެ.

"އިތެޔޮޕިޔާ އަކީ ހަނގުރާމައާ ހެދި ވީރާނާވެފައި އޮތް ގައުމެއް. އެ ގައުމަށް ވުރެ މި ގައުމުގެ ކޮރަޕްޝަން މިއޮތީ މައްޗަށް ގޮސްފައި. މިވަރު ބޮޑު ބަޖެޓެއް ރައްޔިތުންގެ ފައިސާ އިން ހަވާލުކުރަންދާ އިރު ވިސްނާލަން އެބަޖެހޭ. މިދިޔަ އެތައް އަހަރެއް ވެއްޖެ އޮޑިޓް ރިޕޯޓެއް ނާންނަތާ ކިހިނެއްތޯ ހަރަދު ކުރަނީ މީއްޗިހި އެބިއުސްކުރަނީތޯ، ބޭކާރު ގޮތުގައި ހަރަދު ކުރަނީތޯ އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑު އޮޑިޓާ ޖެނެރަލަށް ގޮވާލަން މިދިޔަ އަހަރުގެ ބަޖެޓް ހަރަދު ކޮށްފަ އޮތް ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅަން. މިވަރު ބޮޑު ބަޖެޓެއް ދޭއިރު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަޖެޓުން ހަރަދުކުރާ ގޮތާއި ލިބޭ ފައިސާގެ ހިސާބު މަޖިލީހަށް ހުށަހެޅުމަށް ވެސް ގޮވާލަން،" ސިޔާމު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު