ކޮވިޑް-19 ވައިރަސް ޖެހޭ ގިނަ މީހުންނަށް އޭގެއަސަރު ކުރަނީ ވަރަށް ކުޑަކޮށް: ޑަބްލިޔޫއެޗްއޯ

ޑަބްލިޔޫ އެޗް އޯގެ ޑައިރެކްޓާ އާއި އެ ޖަމްއިއްޔާގެ ތަޖްރިބާކާރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ޖެނީވާ (18 ފެބްރުއަރީ 2020) : ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ކޮރޯނާ ވައިރަސް) ޖެހޭ ކޮންމެ ފަސްމީހުންގެ ތެރެއިން ހަތަރު މީހުންނަށް އެ ވައިރަސްގެ އަސަރު ކުރަނީ ވަރަށް ކުޑަކޮށްކަމަށާ އޭގެނުރައްކާ އާދަޔާ ޚިލާފަށް ބޮޑު ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ކޮވިޑް-19 ވައިރަސް އާ ބެހޭ ގޮތުން ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރު ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19 ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ އެ ރޯގާޖެހުނު މީހުންގެ ތެރެއިން ދޭކާއި ތިން އިންސައްތައާ ދެމެދުގެ އަދެއްގެ މީހުންކަން ތަފާސްހިސާބުތަކުން ހާމަވެފައިވާތީ ކޮވިޑް-19 ވައިރަސް އަކީ އޭގެ ނުރައްކާ އަދަޔާ ޚިލާފަށް ބޮޑު ރޯގާއެއް ނޫންކަމުގަ އެވެ.

ކޮވިޑް-19 ޖެހުމުން ނުރައްކާވަނީ ނިއުމޯނިއާގެ ހާލަތަށްދާ މީހުންކަމަށާއި ނިއުމޯނިއާގެ ޙާލަތަށް ދަނީ އެވައިރަސް ޖެހޭމީހުންގެތެރެއިން 14 ޕަސެންޓް މީހުން ކަމުގަ އެވެ. އަދި ފުރާނައަށް ނުރައްކާ ހާލަތަށް ދަނީ ކޮވިޑް-19 ޖެހޭ މީހުންގެތެރެއިން ފަސް އިންސައްތަ މީހުން ކަމަށް ވެސް ގެބްރިޔޭސުސް ވިދާޅުވި އެވެ.

ކޮވިޑް-19 ވައިރަސްގެ ހަގީގީ މަންޒަރު މިހާރު ސާފުވެ އެވައިރަސްއިން ލިބޭ ގެއްލުންވެސް މިހާރު އަންދާޒާ ކުރެވެމުންދާއިރު އޭގެބިރު މާބޮޑުކޮށްލައިގެން އުޅުމުގެ ބޭނުންނެތް ކަމަށާއި އަދި އެއީ މާބޮޑު ނުރައްކަލެއް ކަމަށް ނުބަލައި ފަރުވާކުޑަކޮށްލައިގެން ވެސް ނުޥާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި ޗައިނާ އިން އާދަޔާ ޚިލާފު ފިޔަވަޅުތަކެއް އަޅައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާއިރު އެވައިރަސް ފުރަތަމަ ފެނުނު ހުބެއި ޕްރޮވިންސް ފިޔަވައި ޗައިނާގެ އެހެން ޕްރޮވިންސްތަކުގައި އެ ރޯގާ ފެތުރޭ މިންވަރު ފާއިތުވި ހަތަރު ދުވަހު ދަށަށްދާން ފަށާފައިވާ ކަމަށް ޗައިނާގެ ސިއްޙަތާބެހޭ ގައުމީ ކޮމިޓީން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ހުބެއި ޕްރޮވިންސްގައި އެރޯގާ ފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުންނެވެ. ރޯގާ ތަކާބެހޭ ޑަބްލިއުއެޗްއޯގެ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ޒުވާނުންނާއި ކުޑަކުދިންގެ ތެރެއިން ގިނަމީހުންނަކީ އެރޯގާގެ ވޭން އެހާބޮޑަށް ތަހައްމަލްކުރަން ޖެހޭ ބައެއްނޫނެވެ. އެރޯގާގެ ނުރައްކާ ބޮޑަށް ތަހައްމަލް ކުރަންޖެހެނީ އެންމެ ތުއްތު ކުދިންނާއި އެހެންބަލިތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނާ އަދި އުމުރުން ދުވަސްވުމުގެ ސަބަބުން މުސްކުޅިވެ ހަށިގަނޑު ބަލިކަށިވެފައިވާ މީހުންނެވެ.

ކޮވިޑް-19 އަކީ އެއިން ދިފާއުވާނެ ވެކްސިން އެއް އަދި އެއަށް ފަރުވާދޭނެ ޚާއްސަ ބޭހެއްވެސް އަދި ހޯދިފައިނުވާ ވައިރަސްއެކެވެ. އެ ވައިރަސްގެ އަސްލަކީ ކޮބައިކަންވެސް މުޅިން ކަށަވަރުކުރެވިފައެއް ނުވެއެވެ. ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގައި އެންމެ ބޮޑަށް ބިރުވެރިކަން އުފެދިފައި ވަނީ އެ ވައިރަސް ފެތުރޭ ސްޕީޑްގެ އަވަސްކަމުންނެވެ.

ކޮރޯނާވައިރަހުގެ އާއިލާގެ ވައިރަސްތަކުން ޖެހޭ ރޯގާތައް ކަމަށްވާ ސާސް ފަދަ ރޯގާތައް ފެތުރުނު ސްޕީޑް ކޮވިޑް-19 އަށްވުރެ ދަށް ނަމަވެސް އެ ރޯގާތައް ޖެހުނު މީހުންގެތެރެއިން ނުވަ އިންސައްތަ މީހުން މަރުވި އެވެ. ކޮވިޑް-19 ވައިރަސް ފެތުރޭ ސްޕީޑް މަތިނަމަވެސް އެރޯގާ ޖެހިގެން މިހާތަނަށް މަރުވީ ދޭކާއި ތިން އިންސައްތައާ ދެމެދުގެ އަދެއްގެ މީހުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް