މިއީ މެޗުގެ ފުރަތަމަ ހާފު، އަނެއް ހާފު ކުޅޭނީ އިންޑިއާގައި: ސެކުލޮސްކީ

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރާ ދެކޮޅަށް މާދަން މާލޭގައި ކުޅޭ މެޗަކީ ފުރަތަމަ ހާފު ކަމަށާއި ދެވަނަ ހާފު އޮތީ އިންޑިއާގައި ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

މާދަމާ ހަވީރު ކުޅޭ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެކުލޮސްކީ ވަނީ މެޗުގެ މުހިއްމު ކަމަށް ވަރަށް ބޮޑަށް ވާހަކަ ދައްކާފަ އެވެ. އަދި އެއް މެޗުން ނުކުން ނަތީޖާ އަކީ ފަހު ނަތީޖާ ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެން ކަމުން މާދަމާގެ މެޗެކޭ އެއްވަރަށް އިންޑިއާގައި ކުޅޭ އަވޭ މެޗަކީ ވެސް މުހިއްމު މެޗެއް ކަމަށް ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އިން މި މުބާރާތުގައި މިހާތަނަށް ބެންގަލޫރާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2015 އާއި 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. މީގެ ތެރެއިން 2017 ވަަނަ އަހަރު ބެންގަލޫރު އަތުން ދެ ފަހަރު ވެސް މާޒިޔާ ބަލިވީ 1-0 އިންނެވެ. އެ ދެ މެޗުގައި ވެސް ދިޔައި ވަރަށް އެއްވަރުކޮށެވެ. އެކަމަކު ފަހު ވަގުތު ބެންގަލޫރުން ނަތީޖާ ނެރުމުގައި ކުރިހޯދަނީ އެވެ.

"މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ޓީމު ބެންގަލޫރާ ވާދަކުރުމަށް ރަނގަޅަށް ތައްޔާރުވެއްޖެ. އަހަރަމެންނަށް އެމީހުންގެ ވަރުގަދަކަން އިނގޭ. އެ ޓީމުގެ މެޗުތަކާއި ޕްރެކްޓިސްތައް ބަލައިގެން ތަފާތު ވިސްނުމެއްގައި މި މެޗަށް ތައްޔާރުވާނީ،" ސެކުލޮސްކީ މިއަދު ބުންޏެވެ.

މާޒިޔާ އޭއެފްސީ ކަޕުގެ ޕްލޭ އޮފަށް ދަތުރު ކުރީ ޕްލިމިނަރީ ރައުންޑުގައި ބަންގްލަދޭޝްގެ އަބަހާނީ އަތުން އަވޭ ގޯލުގެ ތަފާތުން މޮޅުވެގެންނެވެ. ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި 2-2 ގެ ނަތީޖާއަކުން އެއްވަރުވި އިރު މާލޭގައި ކުޅުނު މެޗުގައި 0-0 އިން ދެ ޓީމު އެއްވަރުވުމުން މާޒިޔާ ޕްލޭ އޮފަށް ދަތުރުކުރީއެވެ.

މާޒިޔާއިން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރު ބެންގަލޫރާ ކުޅުނުއިރު އޭރު މެޗުތަކަށް ނުކުތީ ގްރޫޕް ސްޓޭޖުގެ މެޗުތަކެއްގެ ވިސްނުމުގައި ކަމަށާއި މިހާރު ކުޅެން ޖެހިފައި އޮތީ ނޮކައުޓު އުސޫލުގެ ދެ ލެގު ކަމަށްވުމުން މީގައި ތައްޔާރީގައި ތަފާތުތަކެއް ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މި ދެ މެޗަކީ ދެ ހާފު ކަމަށް ވިސްނައިގެން ކުޅެން މިތިބީ. ފުރަތަމަ ހާފު މާދަން މާލޭގައި ކުޅޭ އިރު ދެވަނަ ހާފު ކުޅޭނީ ބެންގަލޫރުގައި. އެހެންވީމަ މާދަމާ ކުޅޭ ހާފަކީ މެޗުން މޮޅުވުމަށް ވަރަށް މުހިންމު ހާފެއް. އެކަމަކު ހަނދާނުގައި ބަހައްޓަންވާނެ އިތުރު މެޗެއް އެބައޮތްކަން. ފަސޭހަކޮށްލައިގެން ވެސް ނުވާނެ،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ މި މުބާރާތަށް ކުރިމަތިލުމުގެ ކުރިން ރާއްޖޭގެ ލީގު ފޯމެޓް އޮންނަ ގޮތުން ވަނީ ފާޑު ކިޔައިފައެވެ. ސަބަބަކީ މި ސަރަހައްދުގެ ހުރިހާ ލީގެއް ވެސް ޖެނުވަރީ ފެބްރުއަރީ ފަށާއިރު ރާއްޖޭގެ ލީގު އެދުވަސްކޮޅަށް ނިންމާތީ އެވެ. އެހެންކަމުން އޭއެފްސީއަށް ދާއިރު އެހެން ޓީމުތަކެއް ވުރެން ރާއްޖޭގެ ކުޅުންތެރިން ވަރުބަލިކަމަށް ސެކުލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

comment ކޮމެންޓް