ހައްޖަށް ދިޔުމުގެ ހުރިހާ ކަމެއް ޑިޖިޓަލް ކުރި ފުރަތަމަ ގައުމަކަށް އިންޑިއާ

ހައްޖަށް ދިޔުމުގެ ހުރިހާ ކަމެއް ޑިޖިޓަލް ކުރި ފުރަތަމަ ގައުމަކީ އިންޑިއާ -- ފޮޓޯ: ރޮއިޓާސް

އިންޑިއާއިން ހައްޖަށް ދިޔުމާ ބެހޭ ހުރިހާ ކަމެއް އޮންލައިންކޮށް ކުރެވޭ ގޮތަށް ހަދާފައިވާ ކަމަށް އެގައުމުގެ ޔޫނިއަން މިނިސްޓާ ފޯ މައިނޯރިޓީ އެފެއާޒް ޝްރީ މުޚުތާރު އައްބާސް ނަގުވީ ވިދާޅުވެއްޖެއެވެ.

ޝްރީ ނަގުވީ ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެގޮތަށް ހައްޖަށް ދިޔުމުގެ ހުރިހާ ކަމެއް ޑިޖިޓަލް ކުރި ފުރަތަމަ ގައުމެވެ. އެގޮތުން އެގައުމުން ހައްޖަށް ދާ މީހުންނަށް އޮންލައިންކޮށް ފޯމު ހުށަހަޅާ، އީ-ވިސާއާއި ހައްޖުވެރިންގެ ސިއްހަތާ ބެހޭ މައުލޫމާތު ހިމެނޭ އީ-މަސީހާ އޮންލައިން ސިސްޓަމާއި "އީ ލަގެޖު ޕްރީ ޓެގިން" ހިދުމަތް ލިބޭނެ ކަމަށް ޝްރީ ނަގުވީ ވިދާޅުވިއެވެ.

އީ-މަސީހާ (އީ މެޑިކަލް އެސިސްޓެންސް ސިސްޓަމް ފޯ އިންޑިއަން ޕިލްގްރިމްސް އެބްރޯޑް)އަކީ އިންޑިއާގެ ހައްޖުވެރިންގެ ސިއްހަތާ ބެހޭ ޑޭޓާބޭސްއެކެވެ. އޭގައި ހައްޖުވެރިންނަށް ޑޮކްޓަރުން ދީފައިވާ ލިޔުންތަކާއި ބޭހާއި ފަރުވާއާ ބެހޭ މައުލޫމާތު ހިމެނޭނެއެވެ. އަދި ޑިޖިޓަލް ޕްރީ ޓެގިން ހިދުމަތުގެ ދަށުން އިންޑިއާގެ ހައްޖުވެރިން ދަތުރު ނުފަށަނީސް އެމީހުން މައްކާއާއި މަދީނާގައި ތިބޭނެ ތަނާއި ދަތުރުފަތުރާ ބެހޭ މައުލޫމާތު ލިބޭނެއެވެ.

މީގެ އިތުރުން ހައްޖު ގުރޫޕުތައްވެސް އެ ޑިޖިޓަލް ނިޒާމާ ގުޅުވާފައިވާ ކަމަށާއި، އެގޮތުން ހުރިހާ ގުރޫޕުތަކާ ބެހޭ ތަފްސީލާއި އެމީހުންގެ ޕެކޭޖުތަކާ ބެހޭ މައުލޫމާތު ހިމެނޭ ޕޯޓަލްއެއްވެސް މިހާރު ހަދާފައި ވާނެކަމަށް ޝްރީ ނަގުވީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްޖަށް ދިޔުމާ ގުޅުން ހުރި މަރުހަލާތައް ޑިޖިޓަލް ކުރުމަކީ ދެފުށްފެންނަ ގޮތަކަށް އަދި ކުރިއަށް ވުރެ ހަރަދު ކުޑަކޮށް އެމަރުހަލާތައް ކުރިއަށްގެންދެވޭނެ ގޮތެކެވެ. އަދި އޭގެ ސަބަބުން އިންޑިއާގެ ރައްޔިތުންނަށް ހައްޖަށް ދިޔުން ފަސޭހަ ވެގެންދާނެއެވެ.

ޝްރީ ނަގުވީ ވިދާޅުވި ގޮތުގައި މިއަހަރު ތެރޭ އެގައުމުގެ ދެ ލައްކަ މީހުން ހައްޖަށް ދާނެއެވެ.

comment ކޮމެންޓް